ދުންޔަވީ ކަންކަމާ މަޝްރޫއޫލުވެ, އުހްރަވީ ހަޔާތް ހަނދާން ނައްތާލުމަކީ އަމިއްލަ ނަފުސުގެ މަތިން ހަނދާން ނައްތާލުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހަގީގީ ހަޔާތަކީ އުހްރަވީ ހަޔާތް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله, ނެތުމުގެ ތެރެއިން އިންސާނުން ވުޖޫދަށް ގެންނަވައި, ގުނައި އަދަދު ނުކުރެވޭހައި ނިއުމަތްތަކާއި ސީދާވެގެންވާ މަގު ދައްކަވާފައިވާ ކަމަށެވެ. އަދި ދުނިޔޭގައި މަދު ހިނދުކޮޅެއް ވޭތުކުރުމަށްފަހު ދާއިމީ ހަޔާތަކަށް އިންސާނާ ދަތުރުކުރާނެކަން ބަޔާންކޮށްދެއްވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އެކަން ބަޔާންކޮށްދެއްވާފައިވަނީ ދުންޔަވީ އެދުންތަކުގައި އިންސާނާ މަޝްއޫލުވުމުގެ ސަބަބުން އިހްރަވީ ހަޔާތް ގެއްލިދާނެކަމަށްޓަކައާއި ފިލައިދަނިވި ހިޔަންޏެއްފަދަ ދުނިޔޭގެ ޒީނަތްތެރިކަމުގައި ޖެހި, އާހިރަތުގައި މާތް الله ގެ ކޯފާއަށް ހުށަހެޅިދާނެ ކަމަށްޓަކާ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ, ދުނިޔެއަކީ އަހަރެމެން އެއާމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ތަނެއް ކަމަށާއި ދުނިޔޭގެ ޒީނަތްތެރިކަމަކީ މީހާ އޭނާގެ ވެރި ރަސްކަލާނގެ މަތިން ހަނދުމަ ކުރުމުން އެއްކިބާކުރާ އެއްޗެއް ކަމަށެވެ. އަދި ދުނިޔެއަކީ ނުހަނު ކެހިވެރި ތަނަކަށް ވީހިނދު, ދުނިޔޭގެ އެދުންތަކާމެދު ވިސްނުމެއް ނުބަހައްޓައި އުޅެން ފަށައިފިނަމަ, އެންމެ ފަހުން ތިމާ އެ ކެހިވެރިކަމުގައި ޖެހޭނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, މާތް الله އިންސާނާއަށް ދުންޔަވީ ހަޔާތް ދެއްވާފައި ވަނީ އޭނާގެ އުހްރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑުބިމެއްގެ ގޮތުގައި ކަމަށާއި އެ ބިމުގައި އޭނާ ރަނގަޅު ގޮވާމެއް ނުކޮށްފި ނަމަ, އޭނާގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ދާނީ ހުސްއަތާ ކަމަށެވެ.
އަދި ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ ވަގުތީ ނުވަތަ ފަނާވެގެންދާނެ ނުވަތަ ތިބާ އެތަކެތި ދޫކޮށްފައި ދާންޖެހޭނެ ތަކެތި ކަމަށާއި އެއަށްފަހު އޮތީ މާތް الله ގެ ހަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އެ ދުވަހު އޮތީ ދެ ގޮތް ކަމަށާއި އެއްގޮތަކީ ތިމާއަކީ މާތް الله އެންގެވި ގޮތަށް އެ މުދާ ހޯދައި އެގޮތުގައި އެ މުދާ ހޭދަކޮށްފައިވާ މީހަކު ކަމުގައިވުން ކަމަށާއި އެފަދަ މީހަކަށް ތިބާ ވެއްޖެނަމަ އުފަލުގެ ކޮޅެއް ނެތް ކަމަށެވެ.
އަނެއް ގޮތަކީ މުދާ ހޯދުމުގައްޔާއި ހަރަދުކުރުމުގައި މާތް الله ގެ އަމުރުފުޅާ ހިލާފުވެ, އޭގެ ސަބަބުން މާތް الله ހަނދުމަކުރުމުން އެއްކިބާ ވެފައިވުން ކަމަށާއި އެފަދަ މީހަކަށް ހުރީ ހިތާމައާއި ހަލާކު ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު