އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 36

އަބްދުﷲ ފާރޫގް ހަސަން

(24 ފެބުރުއަރީގެ އަދަދާ ގުޅޭ)

ޑޮކްޓަރ مـصـطـفــــى السّـبــاعِــــــى ލިޔުއްވައިފައިވެއެވެ.

"سـلطـــان محمّـــد الــفــاتــــح ޢީސާއީންނާމެދު މިފަދަ ދީލަތިފުޅުގޮތެއްގައި ޢަމަލުކުރެއްވީ ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވިއިރު އެމަނިކުފާނާ ޢީސާއީންނާ ދެމެދު އެއްވެސް މުޢާހަދާއެއް ކުރެވިފައި އޮވެގެންނެއް ނޫނެވެ. އެމަނިކުފާނު ތަބާވެވަޑައިގެންނެވުން ލާޒިމުވާ އެއްވެސް ޢަހްދުނާމާއެއް ނެތެވެ. سـلطـــان الــفــاتــــح ޢީސާއީންނާމެދު ބެހެއްޓެވި ރިޢާޔަތާއި ކަންކުރެއްވި ޢަދުލުވެރިކަމާއި އޯގާވެރިކަމަކީ ހަމަ އެމަނިކުފާނުގެ ދީލަތިފުޅުކަމެވެ. ރިވެތި ސުލޫކެވެ. އޭގެސަބަބުން ޤުސްޠަންޠީނިއްޔާގެ އަހްލުވެރީންނަށް އިޙްސާސްވީ އެބައިމީހުންގެ ކުރީގެ ވެރީންކަމުގައިވާ އެބައިމީހުނާ އެއްދީނެއްގެ ބައިޒެންޓީނިޔަނުންނަށްވުރެ އެބައިމީހުންގެ މައްޗަށް އަލަށް ވެރިވި އައު އިސްލާމީ ދައުލަތުގެ ޙިމާޔަތާއި، ހިޔާވަހިކަމުގައި މާބޮޑަށް އަމަންއަމާންކަމުގައި މާބޮޑަށް ދީނީ މިނިވަންކަން ލިބިގެން އެބައިމީހުނަށް ދިރިއުޅެވިދާނެކަމެވެ." (އިސްލާމީ ތަހްޒީބުގެ ވިދައިބަބުޅާ ބައެއް ފަތްފުށްތައް. سيّــد مــعــــروف شــاه شــهــــزادى އެމް.އޭ. (އިދާރާ މަޢާރިފެ އިސްލާމީ - ކަރާޗީ)

ސިކަންދަރާއި ނަޕޯލިޔަނާ އެއްފެންވަރެއްގެ ބަޠަލެއް

سـلطـــان محمّـــد الــفــاتــــح ކުރެއްވި ކާމިޔާބު ހަނގުރާމަތަކާއި ހޯއްދެވި ފުތޫޙާތަށް ނަޒަރު ހިންގާއިރު އެމަނިކުފާނު ހިމެނިވަޑައިގެންފައިވަނީ ދުނިޔެ ދެކެފައިވާ އެންމެ ބޮޑެތި ފާތިޙުންގެ ތެރެއިންނެވެ. އެމަނިކުފާނު ހޯއްދަވައިފައިވަނީ ދުނިޔޭގެ ނަންހުރި މަތިވެރި ފާތިޙުންނާ އެއްދަރަޖައެކެވެ. އެޑްވަޑް ކްރޭޒީ ލިޔުއްވައިފައިވެއެވެ.

سـلطـــان محمّـــد الــفــاتــــح ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ ތޭވީސް އަހަރުފުޅެވެ. ސިކަންދަރު ގަރާނިކްސް (Granicus) ހަނގުރާމަކުރެއްވި އިރަށްވުރެ ދޮށިފުޅީ އެންމެ އަހަރެކެވެ. ސިކަންދަރު އެހަނގުރާމައިގައި އީރާނީންނާ ދެކޮޅަށް ވަރަށްބޮޑު ފަތަޙައެއް ހޯއްދެވިއެވެ. ނަޕޯލިޔަނަށްވުރެ ތިންއަހަރު ހަގުފުޅެވެ. ލޫދީ (Lodi) ގެ މައިދާނުގައި ނަޕޯލިޔަން އޭނާގެ ސިފައިން ކޮމާންޑްކުރައްވައި އޮސްޓްރިޔާ ނުހަނު ބޮޑަށް ބަލިކޮށްދެއްވިއިރު ނަޕޯލިޔަންގެ އުމުރުފުޅަށްވުރެ ތިންއަހަރު ހަގުފުޅެވެ. سـلطـــان محمّـــد އޭނާގެ ތިރީސްއަހަރުގެ ރަސްކަމުގައި ކުރެއްވި ހަނގުރާމަތަކާއި ހޯއްދެވި ފުތޫޙާތުތަކާއި ބަޔާންކުރެވުނު ދެފާތިޙުންގެ މަސައްކަތްޕުޅާ އަޅައިބަލައިލެވިދާނެއެވެ. (ކްރޭޒީ: 87) އާދެ، سـلطـــان محمّـــد الــفــاتــــح ކުރެއްވި ހަނގުރާމަތަކާއި ހޯއްދެވި މަތިވެރި ފުތޫޙާތަށް ބަލާއިރު سكــنــدر أعـظـــــم އާއި ނަޕޯލިޔަނާ އޭނާއާ އެއްވަރުކަމުގައި ކަނޑައެޅިދާނެއެވެ.

ޔޫރަޕިޔަން މުއައްރިޚުންގެ އިލްޒާމުތައް

ޤުސްޠަންޠީނިއްޔާގެ ފަތަޙައާ ގުޅިގެން ޔޫރަޕުގެ ގިނަ މުއައްރިޚުންވަނީ މުސްލިމުންގެ ބޮލުގައި އިލްޒާމު އެޅުވުމުގައި އެކަކު އަނެކަކާ ވާދަކޮށްފައެވެ. މުސްލިމުން ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމުގައި މީހުން ޤަތުލުކުރުމާއި މުދާ ފޭރުމުގެ ބާޒާރު ޗާލޫކޮށްފައިވާކަމަށް ދަޢުވާކޮށްފައެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ޝައްކެއްނެތެވެ. ތުރުކިޔޭއިން އިސްތަންބޫލަށް އެރިތާ ކުރީކޮޅުގައި ކޮންމެވެސްވަރަކަށް ޤަތުލުޢާންމު ހިނގިއެވެ. ޣަނީމާވެސް އެއްކުރެވުނެވެ. އެކަމަކު ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ އެކަމަކީ އެދުވަސްވަރު ރަށްތައް ފަތަޙަކުރުމުގައި ޢާންމު ކަމެއްކަމެވެ. އެކަމަކު ތުރުކިޔޭއިން ވަނީ ޤަތުލުޢާންމު ހިންގުން ދާދިއަވަހަށް ހުއްޓައިލައިފައެވެ. ޣަނީމާ އެއްކުރުމާއި މީހުން ހައްޔަރުކުރުމުގެ ކަންތައް އޭރުގެ އާދަކާދަޔާ އެއްގޮތަށް ކުރިޔަށް ދިޔައެވެ.

"ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޢައްލިފް ލިޔުއްވައިފައިވެއެވެ. "ޤުސްޠަންޠީނިއްޔާއަށް ވަނުމަށްފަހު ތުރުކިޔޭއިން ކުރިކަންތައްތަކަކީ ތާރީޚުގައި އާދަޔާޚިލާފު ހާދިސާއެއް ނޫނެވެ. މެދުތެރޭ ޤަރްނުގެ ހަނގުރާމައިގެ އާދަކާދައިގައި މަފުތޫޙުންގެ ޖާނާއި މާލަކީ ފާތިޙުންގެ މިލްކެކެވެ. ފާތިޙުންނަށްވަނީ އޭގެމައްޗަށް ތަޞައްރުފުކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައެވެ. ޔޫރަޕުގެ ޤައުމުތަކުންވެސް އެ އިޚްތިޔާރު ބޭނުންކުރުމުގައި ފުކެއްވެސް ދުލެއްނުދެއެވެ. އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅައެވެ. ޔޫރަޕިޔަނުންވަނީ ބަޔެއްގެ ޚިޔާލަށްވެސް ނުގެނެވޭފަދަ އަނިޔާވެރިކަމާއި ހިތެއްފިތެއް ނެތްކަމުގެ މިސާލުތައް ޤާއިމުކޮށްފައެވެ. އެބައިމީހުންނަށް މުސްލިމުންގެ މައްޗަށް ފަތަޙައެއް ލިބޭ ކޮންމެފަހަރަކުވެސް ވަނީ މުސްލިމުންގެ ލެއިން ފެންކުޅި ކުޅެފައެވެ. އެކަންކަމަކީ ތާރީޚުގައި ފާތިޙުންގެ އަނިޔާވެރިކަމުގެ އެންމެބޮޑެތި މިސާލުތަކެވެ. އެކަންކަމާ އަޅައިބަލާއިރު ޤުސްޠަންޠީނިއްޔާގައި މުސްލިމުން ކުރިކަންތައްތަކަކީ ފާހަގަކުރާވަރުގެ ކަންކަމެއްވެސް ނޫނެވެ. އެއްވެސްވަރެއްގެ އަހަންމިއްޔަތެއް ދޭންޖެހޭވަރުގެ ކަންކަމެއް ނޫނެވެ. ޝައްކެއްނެތެވެ. މުސްލިމުން ޤުސްޠަންޠީނިއްޔާއަށް އަރައިގެންދިޔައިރު މުސްލިމުންނާ ކުރިމަތިލި މީހުން ޤަތުލުކުރިއެވެ. އެކަމަކު ޢީސާއީން ހަތިޔާރު ބެހެއްޓިތަން ފެނި އެބައިމީހުންގެ ކިބައިގައި ދިފާޢުކުރާނެ ބާރެއްނެތްކަން އެނގުމާއެކު މުސްލިމުންވެސް ކަނޑިތައް އުރަޔަށް ލައިފިއެވެ. ޣަނީމާ އެއްކުރުމުގައި މަޝްޣޫލުވެއްޖެއެވެ. އެކަންވެސް ދެމިއޮތީ ތިންދުވަހުގެ މުއްދަތަށެވެ. سـلطـــان محمّـــد الــفــاتــــح ހަތަރުވަނަޔަށްވީ ދުވަހު އަމަންއަމާންކަމުގެ ޢާންމު އިޢުލާނެއް ނެރުއްވައިފިއެވެ. ސިފައިން ވަގުތުން އަތްތައް ތިރިކޮށްލައިފިއެވެ. މިތާނގައި އުފެދޭ ސުވާލެކެވެ. سـلطـــان الــفــاتــــح އެންމެފުރަތަމަ މަރުޙަލާގައިވެސް އެމަނިކުފާނުގެ އިޚްތިޔާރުގެ ބޭނުންފުޅުކުރައްވައި ލޭއޮހޮރުވުމާއި ލޫޓުވުން މަނާނުކުރެއްވީ ކީއްވެގެންބާވައެވެ؟ سـلطـــان صــلاح الـدّيــــن الأيـّــوبـــــى އަލްޤުދުސުގައި ޢަމަލުކުރެއްވިފަދައިން އެންމެފުރަތަމަވެސް ޤުސްޠަންޠީނިއްޔާގެ ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްނުދެއްވީ ކީއްވެގެންބާވައެވެ؟ އިސްލާމްދީނުގެ މިޒާޖާ ގުޅޭގޮތަކީވެސް އެއީއެވެ. އާދެ، އޭގެ މައިގަނޑު ސަބަބަކީ އެމަނިކުފާނު ރަސްކަމަށް އިސްވެވަޑައިގެންނެވިތާ އޭރު މާގިނަދުވަހެއް ނުވެއެވެ. އެމަނިކުފާނުގެ ޢުމުރުފުޅު ހަގުކަމާއެކު ލަޝްކަރުގެ މައްޗަށް އެފަދަ ކޮންޓްރޯލެއްވެސް އޭރަކު ލިބިވަޑައިގެންފައެއް ނެތެވެ. ޤައިޞަރު އެމަނިކުފާނުގެ ހުށަހެޅުއްވުން ޤަބޫލުކުރައްވައި ސިފައިންގެ އިންތިހާދަރަޖައިގެ ޤުރްބާނީއާ ނުލައި ރަށް ފަތަޙަވިނަމަ سـلطـــان الــفــاتــــح އަށް އެގޮތަށް ޢަމަލުކުރެއްވުނީހެވެ. (ތާރީޚެ އިސްލާމްކީ ޢަޡީމު ޝަޚްޞިއްޔާތު، ޞަފުޙާ: 252) އެ ދަނޑިވަޅާ ބެހޭގޮތުން ލޯޑް އެޑްވަޑް އެވާރސްލީ ލިޔުއްވައިފައިވެއެވެ.

"سـلطـــان އާއި އޭނާގެ ސިފައިން ވަރަށްގިނަ އަނިޔާކުރިކަމުގައިވިޔަސް އަދި އެރަށުގެ ޔޫނާނީންގެ މުޅި އާބާދީ ވަރަށްބޮޑު މުޞީބަތާ ކުރިމަތިވިކަމުގައިވިޔަސް މީލާދީން 1204 ގައި ޤުސްޠަންޠީނިއްޔާ ފަތަޙަކުރި ޞަލީބީ ހަނގުރާމަވެރީން (އިސްލާމީ އުންމަތާ ދެކޮޅަށް ޔޫރަޕުން އައި ހަތަރުވަނަ ޞަލީބީ ލަޝްކަރު) މަސްތުވެފައިތިބެ ޤުސްޠަންޠީނިއްޔާގައި ހިންގިފަދަ ވަޙްޝީ އަދި ލާއިންސާނީ ޙަމަލައެއްގެ ލިސާނެއްވެސް މުސްލިމުންގެ ކިބައިން ފެނިފައެއް ނުވެއެވެ. މުސްލިމުން ރަށަށް އެރިފަހުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހިންގި ޤަތުލުޢާންމަކަށްފަހު އެއްވެސްކަހަލަ ޤަތުލުޢާންމެއް ހިންގައިފައެއް ނުވެއެވެ. މާގިނަ ތަންތަނެއް ރޯކޮށްފައެއްވެސް ނުވެއެވެ. سـلطـــان ވަނީ ފައްޅިތަކާއި އެހެންވެސް ޢިމާރާތްތައް ރައްކައުތެރިކުރައްވާން ފުރިހަމަޔަށް މަސައްކަތްޕުޅު ކުރައްވައިފައެވެ. އެކަމުގައި އެމަނިކުފާނު ކާމިޔާބުވެސް ހޯއްދެވިއެވެ." (ލޯޑް އެވާރސްލީ، ޞަފުޙާ: 88، ދައުލަތެ ޢުޘްމާނިއްޔާ، ޞަފުޙާ: 14، 15)

ޢީސާއީންގެ ބައެއް އެހެނިހެން މުއައްރިޚުންވެސްވަނީ އެބައިމީހުންގެ ބަހުރުވަ ހުންނަގޮތަށް އެވާރސްލީއަށް ތާއީދުކުރައްވައިފައެވެ. ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމުގައި މާބޮޑު ލޭއޮހޮރުވުމެއް ހިނގައިފައި ނުވާކަމުގައި ވިދާޅުވެފައެވެ. މިސާލެއްގެގޮތުން އެޑްވަޑް ގިބޯންސް ލިޔުއްވައިފައިވެއެވެ. "ރަށް ފަތަޙަވުމާއެކު އެ ހޫނުގަނޑުގައި ޢީސާޢީންގެ ގާތްގަނޑަކަށް ދެހާހެއްހައި މީހުން ވަނީ ޤަތުލުވެފައެވެ. އެކަމަކު ދާދިއަވަހަށް އަނިޔާވެރިކަމުގެ މައްޗަށް ދަހިވެތިކަން ގަދަވެގެންފިއެވެ. ޔަޢުނީ އެބައިމީހުން މީހުން ޤަތުލުކުރުމާއި ރަށް ވީރާނާކުރުމާ ދުރުހެލިވެއްޖެއެވެ. ޣަނީމާ މުދަލާ ކުރިމަތިލައިފިއެވެ."

ކްރޭޒީ ލިޔުއްވައިފައިވެއެވެ. "ރަށަށް ވަނުމަށްފަހު އެބައިމީހުންނާ ކުރިމަތިލާންއައި ކޮންމެ މީހަކު ޤަތުލުކޮށްލިއެވެ. އެކަމަކު ހުރިހައި ދެކޮޅުހެދުމެއް ނިމުމަކަށް އައިތަން ފެނުނުހިނދު ލޫޓުމާރުކުރުމުގެ ލޯބި ލެޔަށް ފެންބޮވައިގަތުމުގެ މައްޗަށް ގަދަވެގެންފިއެވެ. މީހުން އަޅުވެތިކުރުމަށާއި ޣަނީމާ މުދާ އެއްކުރުމާ ދިމާޔަށް އެއުރެން އެނބުރިގެންފޫއެވެ. (ޞަފުޙާ: 84)

އިސްވެދިޔަ ބަޔާންތަކަށް ވިސްނާއިރު ޤުސްޠަންޠީނިއްޔާ ފަތަޙަވެ، މުސްލިމުން އެރަށަށް ވަނުމަށްފަހު މާގިނަބަޔަކު ޤަތުލުވެފައި ނުވާކަން އެނގެއެވެ. މިސުރުގެ އަފޫރުއްބަ ޢާލިމެއްކަމުގައިވާ ޑޮކްޓަރ صـفـــــوت مـصـــــرى ވަނީ މަސީޙީންގެ ބިންގަލެއްނެތް އިލްޒާމުތަކަށް ވަރަށް ފުރިހަމަޔަށް ޖަވާބު ދެއްވައިފައެވެ.

"ޔޫރަޕުގެ ގިނަ މުއައްރިޚުން އެބައިމީހުންގެ ފޮތްތަކުގައިވަނީ ތުރުކިޔޭއިން ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމަށްފަހު އެރަށުގައި ހިންގިކަމުގައި ބުނާ އަނިޔާތަކުގެ ވާހަކަ ނުހަނު ދިގުކޮށް ފުޅާކޮށްގެން ލިޔެފައެވެ. ފޮނިތޮށި ކާފޫރުތޮޅި ލައިގެން ބަޔާންކޮށްފައެވެ. މުސްލިމުންގެ ހިތް ހަރުކަމާއި ތުރުކިޔޭއިންގެ ވަޙްޝީކަމާއި ބަރުބަރިއްޔަތުގެ ހެތްކެއްގެގޮތުން އެވާހަކަތައް ބޭނުންކޮށްފައެވެ. އެގޮތަށް ލިޔާއިރު އެބައިމީހުން ހަނދާން ނައްތައިލައިފައިވަނީ އެއީ އެޒަމާނުގެ ދުސްތޫރުކަމެވެ. ޢާންމުކޮށް ކަންހިނގާ ގޮތްކަމެވެ. ގަވާއިދާއި ޤާނޫނު އޮންނަ ގޮތްކަމެވެ. އެއީ މުސްލިމުން ފެތުރިގޮތްތަކެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ޚުދު މަސީޙީން ޢާންމުކޮށްފައިވާ އުސޫލުތަކެވެ. ދަސްކޮށްދީފައިވާ ގޮތްތަކެވެ. ޝައްކެއްނެތެވެ. ތުރުކިޔޭއިންވެސް ޤުސްޠަންޠީނިއްޔާއަށް އެރުމަށްފަހު ޤަތުލާއި ވީރާނާކުރުމުގެ ޙަރަކާތް ހިންގިއެވެ. އެކަމަކު 1204މ. ގައި ޚުދު ޞަލީބީން ހިންގި ޒާތުގެ ވަޙްޝީ ޢަމަލުތަކެއް ނުހިންގައެވެ. ސަލީބީން ޤުސްޠަންޠީނިއްޔާއަށް އެރި އަހަރު ޕޯޕު އިނަސެންޓު ތިނެއް (Pope innocent) ޤުސްޠަންޠީނިއްޔާއަށް ވަޑައިގެންނެވިއެވެ. އޭނާ ޞަލީބީންގެ އެ ލަދުގަންނާންޖެހޭފަދަ ވަޙްޝީ އަނިޔާތަކުގެ ވާހަކަ ބަޔާންކުރައްވަމުން ލިޔުއްވައިފައިވެއެވެ.

"مسـيـح نــاصـــــرى އަށް ތަބާވާ މީހުންގެ ކަނޑިތައް އުރައިން ދަމާންޖެހެނީ މަސީޙިއްޔަތުގެ ދުޝްމިނުންނާ ދެކޮޅަށެވެ. މަސީޙިއްޔަތުގެ ދިފާޢުގައެވެ. ނަމަވެސް އެއުރެން ޤުސްޠަންޠީނިއްޔާގައި ޚުދު އެބައިމީހުންނާ އެއްދީނެއްގެ މަސީޙީންގެ ލޭ ނުޙައްޤުން އޮހޮރުވައިލިއެވެ. އެބައިމީހުން އެކަން ކުރުމުގައި ދީނުގެ ޙުރުމަތަކަށްވެސް ބަލައެއް ނުލައެވެ. މީހުންތައް ކަތިލުމުގައި މުސްކުޅިޔެއްތޯ ޒުވާނެއްތޯ ބަލައެއް ނުލައެވެ. ފިރިހެނުންނާއި އަންހެނުން ތަފާތެއް ނުކުރެއެވެ. އެބައިމީހުންގެ ކުރިމައްޗަށް ނުކުމެވުނު ކޮންމެ މީހަކު ޤަތުލުކުރިއެވެ. އެ ޣީރަތެއްނެތް މީހުންތައް ރޯމާދުވާލު ޒިނޭކުރުންފަދަ ލަދުވެތި ފާޙިޝް ޢަމަލުތަކަށް އަރައިގަތެވެ. ރާހިބު ނަނުންނާއި ޢިއްފަތްތެރި އަންހެނުންތައް އެ ވަޙްޝީ ލަޝްކަރާ ޙަވާލުކުރިއެވެ. އެއުރެން ޝަހެންޝާހުގެ ޚަޒާނާއާއި މީހުންގެ މުދާތައް ލޫޓުވުމުގެ މައްޗަށް ފުއްދައިލީކީ ނޫނެވެ. ފައްޅިތަކުގެ ޚަޒާނާތަކާއި އުފުލޭ މުދަލާއި ނަދުރު ބުނެގެން މީހުން ފައްޅިތަކަށް ކޮށްފައިހުރި ހަދިޔާތައްވެސް ފޭރިގަތެވެ. އެބައިމީހުން ހިތްފުރޭންދެން ފައްޅިތަކުގެ ޙުރުމަތް ކެނޑިއެވެ. އެ ފައްޅިތަކުގައިހުރި ބަރަކާތްތެރި އެއްޗެހިކޮޅުތަކާއި ޞަލީބުތައް ފޭރޭކަށެއްވެސް ފަހެއް ނުޖެހެއެވެ." އޭގެތެރެއިން ގިނަތަކެތި ގެންދެވުނީ ހުޅަނގުޔޫރަޕުގެ ޢިއްޒަތްތެރީންގެ ގަނޑުވަރުތަކަށެވެ.

ޕްރޮފެސަރ ޝާލްޑޭލް އިސްވެދިޔަ ބަޔާނަށް އިތުރުކުރައްވައިފައިވެއެވެ. "ޞަލީބީ ލަޝްކަރު ސެއިންޓް ސޯފިޔާއަށް ވަންއިރު ތިބީ ރާބޮއިގެންނެވެ. އެބައިމީހުން މުޤައްދަސް ފޮތްތައް (އިންޖީލުތައް) ވީދައި ސުންނާފަތި ކުރިއެވެ. މަސީޙީ ޝަހީދުންގެ ފޮޓޯފުޅުތަކަށް ފައިންއަރައި ހަލާކުކޮށްލިއެވެ. ކަސްބީ އަންހެނުން ކޮންސްޓެންޓިނޯޕަލްގެ ޕެޓްރިޔާކް (ބިޠުރީޤު އަޢުޒަމް) އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅަށް އަރައިތިބެ (ފައްޅީގެ މުޤައްދަސް ތަށިކޮޅުތަކަށް އަޅައިގެން ރާބޮއި) ބެރެކި ލަވަތައް ކިޔާކަށެއްވެސް ފަހެއް ނުޖެހެއެވެ. ރަށުގެ ނާދިރު އެއްޗެހި ހަލާކުކޮށްލައި މުޖައްސިމާތައް މުގުރައި އަލިފާން ޖެއްސެވެ."

"މުސްލިމުން އިސްތަންބޫލުގައި ހިންގި ޢަމަލުތައް އަމިއްލަ ލޯފުޅުން ދެކެވަޑައިގެންނެވި ފާދިރީއަކު ކަމުގައިވާ ޕޯޕު އިނަސެންޓު III އިޢުތިރާފުވެވަޑައިގެންފައިވެއެވެ. މަސީޙީ ދީނުގެ މީހުން އެރަށާމެދުގައްޔާއި ތިމާމެންނާ އެއްދީނެއްގެ އަޚުންނާމެދު ޢަމަލުކުރިގޮތަކަށް محمّـــد އަށް (صـلّــى اللّــه عـلـيــه وسـلّـــم އަށް) ތަބާވާ މީހުން ދުވަހަކުވެސް އެރަށާމެދު ޢަމަލުކޮށްފައެއް ނުވެއެވެ. ލެޓިން ޞަލީބީން އެރަށުގައި ހިންގި ލޫޓުމާރުކުރުމާ އެއްފަދަ މިސާލެއް ދުނިޔޭގެ ތާރީޚުން ފެނިފައެއް ނުވެއެވެ. ލެޓިން ޞަލީބީން ރަށުގެ އަހްލުވެރީންގެ ދީނީ ކަންތަކުގެ ތެރެޔަށްވެސް އަތްބާނާން ފެށިއެވެ. ކެތަލިކް މަޒުހަބު ޤަބޫލުކުރާން ކަނޑީގެ ބާރުގައި މަޖްބޫރު ކުރިއެވެ." (ޞަފުޙާ: 93)

އިސްތަންބޫލު ފަތަޙަވުމުގެ ނަތީޖާ

މުސްލިމުން އިސްތަންބޫލު ފަތަޙަކުރުމުގެ ނަތީޖާއާ ބެހޭގޮތުންވެސް އިސްވެދެންނެވި މުޞަންނިފު ލިޔުއްވައިފައިވެއެވެ. "ޤުސްޠަންޠީނިއްޔާގެ ޢިބްރަތްތެރި ފަތަޙައިގެ ނަތީޖާއެއްގެގޮތުން އެއްކަމަކަށްވީ އެގާރަސައްތަ އަހަރުވަންދެން ދެމިއޮތް ބައިޒެންޓެއިން ރަސްކަން ނިމުމަކަށް އައުމެވެ. އަނެއްކޮޅުން މުސްލިމުންގެ ކުރިމަތީގައިވަނީ ޔޫރަޕުން އިތުރު ފުތޫޙާތު ޙާޞިލުކުރުމުގެ ދޮރު ހުޅުވިފައެވެ. މުސްލިމުން ވަރަށް އަވަހަށް ޑައިނޫބު ކޯރާ ހަމަޔަށް ކުރިއަރައިގެން ހިނގައްޖެއެވެ. އިރުމަތީ ޔޫރަޕުގައި އެބައިމީހުންގެ ވެރިކަން ޤާއިމުކޮށްފިއެވެ. ބޮސްފަރަސްއާއި ދަރުދާނިޔާލަށް ވެރިވެ ރޫސީން އިރުމަތީ ފަރާތުން ކުރިއަރައިގެން އައުމުގެ ދޮރު ބަންދުކޮށްލިއެވެ. އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މުހިންމު އެއްގަމު މަގުތަކާއި ކަނޑުމަގުތަކުގެ މައްޗަށް އެބައިމީހުންގެ ވެރިކަން ޤާއިމުކޮށްލިއެވެ. އޭގެސަބަބުން އެބައިމީހުންނަށްވަނީ ނުހަނު އަފޫރުއްބަ ފައިދާތަކެއް ޙާޞިލުވެފައެވެ. (سـلطـــان محمّـــد الــفــاتــــح، ޞަފުޙާ: 94)

(ނުނިމޭ)