އޯޝަން 650 ފައުންޑޭޝަނުން ކަނޑުއަޑީގެ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އޯޝަން 650 ފައުންޑެޝަންގެ ފައުންޑާ ޝަފްރާޒް ނައީމް "ވަން" އަށް މިރޭ ވިދާޅުވީ، "މޯލްޑިވްސް އަވާ އޯޝަން"ގެ ނަމުގައި ބާއްވާ އެ މުބާރާތުގެ ބޭނުމަކީ ރާއްޖެއަކީ ސްންކޯލިން އަދި ޑައިވްކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މަންޒިލެއް ކަމަށްވުމުން ހުނަރުވެރި އަދި އުންމީދީ ޕްޓޯގްރާފަރުން މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ތަފާތުކަން ދުނިޔެއަށް ދެއްކުން ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް މި މަހު އެއްވަނަ ދުވަހު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ އޭޕްރިލް 30 ވަނަ ދުވަހެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް https://linktr.ee/oceansixfifty މެދުވެރިކޮށް ރަޖިސްޓްރީވެވޭނެއެވެ. އަދި https://oceansixfifty.org މެދުވެރިކޮށް މުބާރާތަށް ފޮޓޯ ހުށަހެޅޭނެއެވެ.
މުބާރާތަށް ކޮންމެ ފަރާތަކުންވެސް ފަސް ފޮޓޯ ފޮނުވޭއިރު، އެ ފޮޓޯތަކުގެ ތެރޭގައި މައިކްރޯ ފޮޓޯއާއި ވައިޑް ވިއު އަންޑާވޯޓާ ފޮޓޯވެސް ހުށަހަޅަންޖެހޭނެއެވެ. ހުށަހަޅާ ފޮޓޯތައް ހުންނަންވާނީ ޖޭޕީޖީ ފޯމެޓުގައެވެ. އަދި ފޮޓޯތަކުގެ ޑިސްކްރިޕްޝަންގައި މަދުވެގެން 100 ބަސް ހިމެނޭ ލިޔުމެއް ހިމަނަންޖެހެއެވެ.
ޝަފްރާޒު ވިދާޅުވީ، މުބާރާތަށް ފޮނުވާ ފޮޓޯތައް ޖަޖުކުރުމުގައި ހަރަކާތްތެރިވާނީ އޭނާއާއި ރާއްޖޭން ބޭރުގެ ކަނޑުއަޑީގެ ދާއިރާގެ ފަންނީ ހަތަރު ބޭފުޅެއް ކަމަށެވެ. މުބާރާތުގެ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ މޭ މަހުގެ 15 ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
މުބާރާތުގެ އެއްވަނަ، ދެވަނަ، ތިންވަނަ އަދި އަދި އޯވަރޯލް ވިނާ ފޯ ބެސްޓް ޝޯއަށް ހޮވޭ ފަރާތްތަކަށް ޑައިވިން ކުރުމަށާއި އަންޑަވޯޓާ ފޮޓޯގްރަފީއަށް ބޭނުންކުރާ މުހިންމު އާލަތްތައް ވަނީ ހުށަހަޅައިފައެވެ.
"އޯޝަން 650 ފައުންޑޭޝަން" ގެ ފަރާތުން ވަނީ މީގެ ކުރިން ރާއްޖޭގައި 50 ގަޑިއިރުގެ ޑައިވިން ހަރަކާތެއް ބާއްވައިފައެވެ. އެ ޑައިޑް ކުރީ ޝަފްރާޒެވެ.
އެ ޑައިވިންއާ ގުޅޭ ގޮތުން ޖާމަން މީޑިއާ ޕްރޮޑަކްޝަން ކޮމްޕެނީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ މި އަހަރުގެ ޖޫން މަހު ނެރެން ހަމަޖެހިފައިވާއިރު، އެ ޑޮކިއުމެންޓްރީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލަށް ހުށަހެޅުމުގެ އިތުރުން ނެޓްފިލިކްސް އަދި އެމަޒަން ޕްރައިމްގައި ރިލީޒްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ޑޮކިއުމަންޓްރީގެ ޕްރިމީއާ ޝޯ ބާއްވަން ހަމަޖެހިފައިވަނީ ލަންޑަނާއި މިއުނިކް އަދި ހެލްސިންކީގައެވެ.
ރާއްޖޭގެ ޑައިވިން ދާއިރާ ކުރިއެރުވުމުގެ މަގުސަދުގައި އުފެއްދި "އޯޝަން 650 ފައުންޑޭޝަން" އިން ގެންދަނީ ޑައިވިންއާ ގުޅޭ ގޮތުން ތަފާތު ވޯކްޝޮޕްތަކާއި އިންޓާންޝިޕްތައް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު