މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ދަތުރަކަށް ދެ ރުފިޔާ ނަގަން އެ ކައުންސިލުން ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބަގީ ދަތުރަކަށް ދެ ރުފިޔާ ނަގަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ބަގީގެ ހިދުމަތް ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައި ވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް ބަގީ "ޕްރައިވެޓް ހަޔާ" ގެ ގޮތުގައި ނަގާނަމަ، އަގު ތަފާތު ވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓާވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ. އެ ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑުފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.