ފެބްރުއަރީ މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް މިދިޔަ މަސްވެ, ރާއްޖޭގެ ފަތުރުވެރިކަމުގެ އާ ރެކޯޑެއް ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 178,933 ފަތުރުވެރިން ރާއްޖެ އައެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފެބްރުއަރީ މަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ފަހަރެވެ.

އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 20 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އައީ 149,011 ފަތުރުވެރިންނެވެ.

އޭގެ ކުރީ އަހަރު 2021 ވަނަ އަހަރު 96,882 ފަތުރުވެރިން, އަދި 2020 ވަނަ އަހަރު 149,788 ފަތުރުވެރިން ރާއްޖެ އައި އިރު, ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު އަހަރު, 2019 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 168,583 އެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހަށްވުރެ ހަ ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 6,390 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކާއިރު, ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމުލަ 351,432 ޓޫރިސްޓުން އައިސްފައިވެއެވެ.