ދުނިޔެ

ޗައިނާގެ ބާރަ ނުގުތާގެ ސުލްހައިގެ ޕްލޭނުގައި ހުރީ ކޮން ވާހަކަތަކެއް؟

އިމާދު ލަތީފު

ޔުކްރޭނުގެ މައްސަލައިގައި ޗައިނާއިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި މި މައްސަލަ ހައްލުކުރެވިދާނެ ކަމަށް ޗައިނާއިން ގަބޫލުކުރާ ކަންކަމުގެ މައްޗަށް އެކުލެވޭ ކަރުދާހެއް ފުރަތަމަ ފަހަރަށް ޗައިނާގެ ޚާރިޖިއްޔާއިން މިދިޔަ ހުކުރު ދުވަހު ވަނީ ނެރެފައެވެ. މިއީ މުޅިއެކު ބާރަ ނުގުތާގެ މައްޗަށް އެކުލެވިގެންވާ ކަރުދާހެކެވެ. ޔުކްރޭނުގެ މައްސަލައިގައި ޗައިނާގެ ރަސްމީ ސިޔާސަތު ކުރަހައިލެވިފައިވަނީ މިކަރުދާހުގައެވެ. މި އެއްޗެއް ނެރެ އާއްމުކޮށްފައިމިވަނީ ޔުކްރޭނުގެ ހަނގުރާމަޔަށް ބަރާބަރު އެއްއަހަރު ފުރުނު ދުވަހުއެވެ. މިޔަށް ގިނަބަޔަކު ކިޔާންފެށި ނަމަކީ ޗައިނާގެ ސުލްހައިގެ ޕްލޭނެވެ. ހުޅަނގުގެ މީޑިއާއިންވެސް މި ޕްލޭން ސިފަކޮށްފައިވަނީ ސުލްހައިގެ ޕްލޭނެއްގެ ގޮތުގައެވެ. މިއީ އެފަދަ ޕްލޭނެއް ބާވައެވެ. ނުވަތަ މިއީ ހަމައެކަނި ޗައިނާގެ ސިޔާސަތާއި ވިސްނުން ބުނެދޭ ކަރުދާހެއް ބާވައެވެ.

ރަޝިޔާ އާއި ޔުކްރޭނު ސުލްހައިގެ މޭޒުދޮށަށްގެނެސް ވަކިއަތަކަށްނުޖެހޭ އިންސާފުވެރި މެދުވެރިއެއްގެ ދައުރު ޗައިނާއަކަށް އަދައެއް ނުކުރެވޭނެއެވެ. އެއީ ކޮންމެހެން އެ ކުޅަދާނަކަމާއި އެތަޖުރިބާ ޗައިނާގެ ކިބައިގައި ނެތިގެނެއް ނޫނެވެ. އެ ހައިސިއްޔަތާއި އެ ދައުރު ޗައިނާއަށް ދޭން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބޭނުންނުވާނެތީއެވެ. ބައިނަލްއަގުވާމީ ޑިޕްލޮމަސީގައި ޗައިނާގެ ދިދައިގައިވާ ތަރިތަކުގެ ވިދުން ގަދަވުމަށް ހުޅަނގުން ނޭދޭނެތީއެވެ. އެކަން ހަޖަމުވެސް ނުކުރެވޭނެތީއެވެ. ޔުކްރޭނުގައި އެއޮތީ ހުޅަނގުގެ ގައުމުތަކުން މަދަދުކުރާ ގޮނޑިކޮއްކޮ ސަރުކާރެކެވެ. ޗައިނާއަށް އިތުބާރުކޮށްގެން ރަޝިޔާއާއެކު މަޝްވަރާގެ މޭޒުދޮށުގައި އިށީނުމުގެ ހިތްވަރު ޔުކްރޭނަށް ލިބޭނީ އެހިތްވަރު ހުޅަނގުގެ ގައުމުތަކުން ދިނިއްޔާއެވެ. ޗައިނާއަށް މިކަން މޭރުންވާކަން މިކަރުދާހުންވެސް ހާމަވެގެންދެއެވެ.

މިއީ ސުލްހައިގެ ޕްލޭނެއް ނޫނެވެ. އެފަދަ ޕްލޭނެއް ވިއްޔާ ދެފަރާތުން އަމަލުކުރާނެ ކަންތައްތަކެއް ބަޔާން ކުރެވިފައިވާނެއެވެ. މިއީ އެޒާތުގެ އެކްޝަން ޕްލޭނެއް ނޫނެވެ. މީގައި ހިމެނެނީ ޗައިނާގެ ދުރުމިޔަށް މި މައްސަލަ ފެންނަގޮތާއި ކަންކަން ހައްލުކުރުމުގައި ދެފަރާތުންވެސް އިސްކަންދޭން ޖެހޭނެ ކަމަށް ޗައިނާއިން ގަބޫލުކުރާ ކަންތައްތަކެވެ. ކުރުގޮތަކަށް ދަންނަވަންޏާ މިއީ ޗައިނާގެ ސިޔާސަތު ބުނެދޭ ކަރުދާހެކެވެ. ޗައިނާއަށް މި މައްސަލަ ފެންނަގޮތުގެ ތަސްވީރެކެވެ. ޔުކްރޭނުގައި ހަނގުރާމައެއް ހިނގުމަކީ ޗައިނާއިން އެދޭކަމެއް ނޫނެވެ. މި ހަނގުރާމައިގެ ސަބަބުން ޗައިނާގެ އިގްތިސާދަށްވެސް ލޮޅުންތަކެއް އެބައަރައެވެ. ހުޅަނގު ޔޫރަޕާއި ޗައިނާގެ ގުޅުމަށް ނޭދެވޭ އަސަރު އެބަފޯރައެވެ. ޗައިނާއިން ދުނިޔޭގައި އަދާކުރަން ބޭނުންވާ މަގާމު ހޯދުމަށް ހުރަސްތަކެއް އެބައެޅެއެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި އަވަހަށް ނޫނީ ލަހުންވިޔަސް ހުޅަނގުގެ ގައުމުތަކާއި ޗައިނާގެ ކުރިމަތިލުމެއް އަންނާނެއެވެ. އެއީ ޗައިނާ އިނދަޖައްސައިލުމަށް ހުޅަނގުގެ ގައުމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެހިސާބަށްދާއިރު ރަޝިޔާ ކަހަލަ ބައިވެރިޔަކު އަތުން ބީވެގެން ދިޔުމަކީ ޗައިނާ އެދޭގޮތެއް ނޫނެވެ. ރަޝިޔާ ރުޅިއަރުވައިލައި އެކަހެރި ކުރުމަކީވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބަލިވެ ނިކަމެތިވުމަކީވެސް އެދޭގޮތެއް ނޫނެވެ. އެހެންވިޔަ ނުދިނުމަށް ޗައިނާ އެއޮތީ އަޒުމްކަނޑައަޅައިގެންނެވެ. ރަޝިޔާއާ އެއްގަލަކަށް އަރައި ފާޅުގައި އެހީތެރިވެ ހުޅަނގަށް ގޮންޖެހުމަކީވެސް ކުރަން ބޭނުންވާކަމެއް ނޫނެވެ. ޔުކްރޭނުގެ މައްސަލައިގައި ވަކިއަތަކަށް ނުޖެހުމުގެ ސިފަ ބޭރުފުށުން ދައްކަނީ އެހެންވެގެންނެވެ.

ޗައިނާގެ ކަރުދާހުގައި އެންމެ ފުރަތަމަ ވާހަކަޔަކަށް އޮތީ ރަޝިޔާއަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ކުދިބޮޑު އެންމެހައި ފިޔަވަޅުތައް އުވައިލުމުގެ ވާހަކައެވެ. އެއަށްފަހު ހަނގުރާމައިގެ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމަށް އަމާން މަގުތަކެއް ހުޅުވައިލުމާއި ޔުކްރޭނުން އުފައްދާ ގޮވާމުގެ ބާވަތްތައް އެއްވެސް ހުރަހެއްނެތި ބައިނަލްއަގުވާމީ ބާޒާރަށް ނެރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ވާހަކައެވެ. ޔުކްރޭނާއި ރަޝިޔާގެ ސަރަހައްދީ ކަރާމާތަށް އިހުތިރާމްކުރުމުގެ ވާހަކައެވެ. ގަދަބާރުން ތަންތަން ފޭރުމުގެ އުސޫލަށް ތާއީދުނުކުރުމާއި ހިތްވަރު ނުދިނުމުގެ މުހިންމުކަމުގެ ވާހަކައެވެ. ނިއުކުލިއަރ އިންޖީނުގެތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވާހަކަޔާއި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމުގެ އިންޒާރުތައް ހުއްޓައިލުމުގެ ވާހަކައެވެ.

ޔުކްރޭނުގެ ހަނގުރާމައަށް މަގުފަހިވުމުގެ ސިއްރަކީ ނޭޓޯ ޖަމާއަތް ފުޅާކޮށް ރަޝިޔާއަށް ދުއްތުރާކުރުމަށް ހުޅަނގުގެ ގައުމުތަކުން ގެންގުޅުނު ސިޔާސަތުކަން ނުސީދާކޮށް ފާހަގަކުރުމާއެކު މި ކަރުދާހުގައި ގޮވާލައިފައިވަނީ ފިނިހަނގުރާމައިގެ ދުވަސްވަރުގެ ވިސްނުން ބަދަލު ކުރުމަށެވެ. ގައުމުތަކުގެ ދާޚިލީ ކަންކަމާއިބެހި، ގައުމުތަކާ ޖެހިގަތުމުގެ ސިޔާސަތު ބަދަލު ކުރުމަށެވެ. މިއީ އެމެރިކާޔާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް އަމާޒުކުރެވުނު ނުގުތާއެކެވެ. ޓައިވާނުގެ މައްސަލަޔާއި ހޮންކޮންގެ މައްސަލަޔާއި ދެކުނު ޗައިނާ ކަނޑުގެ މައްސަލަޔާއި ޓިބެޓްގެ މައްސަލަޔާއި ޒިންޖިއާނުގެ މައްސަލައިގައި ޗައިނާގެ ދާޚިލީ ކަންކަމާއިބެހި އެންމެ ބޮޑަށް ދުއްތުރާކުރާ ގައުމުތަކަކީ އެއީއެވެ. ޗައިނާއިން ބުނާގޮތުގައި މިކަންކަމަށް ވިސްނުން އަނބުރައިލަނިކޮށް ޔުކްރޭނުގެ މައްސަލައަށް އިސާހިތަކު ނިމުން ގެނެވިދާނެއެވެ.