މި ސީޒަނުގެ ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕްގައި ކުޅުމަށް ތައްޔާރުވަމުން އަންނަ ވިކްޓަރީ ސްޕޯޓްސް ކްލަބުން، ތ. ތިމަރަފުށީގެ އިބްރާހީމް ސިނާހު (ސިނާ) އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ސައްދާމް ހުސެއިން އާއި އަހުމަދު ރިލްވާން (ބެން)ގެ ސޮއި ހޯދައިފިއެވެ.
ވިކްޓަރީން ކުރިއާލައި ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު، އިއްޔެ ސޮއިކުރި ސިނާއަކީ މިދިޔަ އަހަރު ދެވަނަ ޑިވިޝަންގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އޭގެ އިތުރުންވެސް ސިނާ، އެކި އަހަރުތަކުގައި ދެވަނަ ޑިވިޝަނުގެ ކްލަބުތަކުން ފާހަގަކުރެވިފައިވާ އިރު، އޭނާ ވަނީ ވެލެންސިއާ ޖާޒީގައި ފުރަތަމަ ޑިވިޝަންގައިވެސް ފެނިފައެވެ.
ސިނާއަކީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެންމެ ކާމިޔާބު އެއް ފުޓްސަލް ކުޅުންތެރިޔާވެސް މެއެވެ. ހާއްސަކޮށް ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ސިނާއަކީ ކާމިޔާބު ކެޕްޓަނެކެވެ. ތިމަރަފުށިން ޖެހިޖެހިގެން ދެ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖް އުފުލާލި ޓީމުގެ ކެޕްޓަނަކީވެސް ސިނާއެވެ.
ސިނާގެ އިތުރުން އިއްޔެ ވިކްޓަރީއާ ގުޅުނު ބެންއަކީ ޓީސީ ސްޕޯޓްސް ކްލަބުގައި ފާހަގަކޮށްލެވުނު މޮޅު މިޑްފީލްޑަރެވެ. ޓީސީން ހޯދި ކާމިޔާބީތަކުގައި ބެންގެ ދައުރު ބޮޑުކޮށް ފެނިގެން ދިޔަ އިރު، ގައުމީ ޓީމުގެ ކޯޗުކަމުގައި މާޓިން ކޫޕްމަން ހުރި އިރު، ބެންއަށް ވަނީ ގައުމީ ޓީމުގެ ސްކޮޑުންވެސް ޖާގަ ދީފައެވެ.
ދެން ވިކްޓަރީއާ ގުޅުނު ފ. ނިލަންދޫގެ ސައްދާމަކީވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ފާހަގަކޮށްލެވުނު ޑިފެންޑަރެކެވެ. ސައްދާމް ވަނީ މީގެ ކުރިން ނިއުއާއި ވިކްޓަރީއަށް ކުޅެފައެވެ. އެންމެ ފަހުން ސައްދާމް ފުރަތަމަ ޑިވިޝަނުން ފެނުނީ ނިލަންދޫ ފުޓްބޯޅަ ޓީމު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރިއިރުއެވެ.
ވިކްޓަރީން އާ ސީޒަނަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުން އަންނަ އިރު، އެ ކްލަބުން ވަނީ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) އިއުލާންކޮށްފައެވެ. ސޮބާ ވިކްޓަރީއާ ހަވާލުވުމަށް ބޭއްވި ހާއްސަ އިވެންޓުގައި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ރާއްޖޭގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު އެއް މިޑްފީލްޑަރު މުހައްމަދު އުމައިރުވެސް ވަނީ އަންނަ ސީޒަނަށް ވިކްޓަރީއާ ގުޅިފައެވެ.
ވިކްޓަރީން ބުނެފައިވާ ގޮތުގައި އެ ކްލަބުން މިފަހަރު ތައްޔާރުވަނީ އެފްއޭ ކަޕްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އިތުރުން ދެވަނަ ޑިވިޝަނުގައި ވާދަކޮށް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށެވެ. ރާއްޖޭގެ އެންމެ ތާރީހީ ކްލަބު ވިކްޓަރީން ސަސްޕެންޝަނުން ސަލާމަތްވެ މިދިޔަ އަހަރު އަލުން ފުޓުބޯޅައިގެ ތެރެއަށް އައިސްފައިވާ އިރު، ކްލަބަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަހަރު އިންޓަނޭޝަނަލް، އިންވިޓޭޝަނަލް ކްލަބު މުބާރާތެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު