ޚަބަރު

ލޯފަން މީހުން އަމިއްލައަށް ވޯޓުލެވޭނެ ގޮތް ހަދައިދޭން ގޮވާލައިފި

އިބްރާހިމް ޒަކީ

އިންތިހާބުތަކުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ބައްދަލުކުރުމަށް ފަހު، މަޖިލީހުގެ އިދާރާގައި އެ ޖަމިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޖަމިއްޔާގެ ނައިބު ރައީސް ހުސައިން ޝަރީފް ވިދާޅުވީ، ގާނޫނުއަސާސީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުމާ ބެހޭ ގާނޫނުގައި ވެސް، މިނިވަންކަމާއެކު ސިއްރު ވޯޓެއް ލުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ހައްގު ދިނުމަށް ގާނޫނުން މަޖުބޫރުކޮށްފައި އޮތުމުން، 2007 ވަނަ އަހަރުން ފެށިގެން އެ ކަންބޮޑުވުންތައް ހިއްސާކޮށް އެކަމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގައި އެ ހައްގު ލޯފަން މީހުންނަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގައި އެކަމަށް ފަސޭހަ ހައްލުތަކެއް ހޯދާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާރު އޮންނަ ގޮތުން އިންތިހާބުތަކުގައި ލޯފަން މީހުން ވޯޓުލަމުން އަންނަނީ އެމީހަކު ކަނޑައަޅާ ވަކި މީހަކު މެދުވެރިކޮށެވެ.

ހުސެއިން ޝަރީފް ވިދާޅުވީ، އެއީ އެމީހުންގެ ވޯޓުގެ ސިއްރުކަން ގެއްލި، އޭގެ ސަބަބުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. އެހެންކަމުން އަމިއްލައަށް ވޯޓު ލެވޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖެއްސައިދިނުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލައިފައެވެ.

"މިއަދު އެންމެ ގާތް ދެ މީހުން ވެސް، އެއްބަނޑުއެއްބަފާ މީހުން ވެސް، މަންމަ އާއި ދަރިފުޅާ ވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވާނެ. މިސާލަކަށް، ވޯޓުލާން މިދަނީ ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ފިކުރާ ހިޔާލުތަފާތު މީހެއް ގޮވައިގެން، އެކަމުގެ ސަބަބުން އާއިލާގެ ތެރޭގައި ވެސް ތަފާތު ނުފޫޒާއި ފިއްތުންތައް ކުރިމަތިވޭ،" އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ، އަބަދުވެސް އިދާރާތަކުން ދޭ ޖަވަބަކީ ބަޖެޓު ނެތުމުން އެކަން ކުރެވެން ނެތް ކަމަށެވެ. ނަމަވެސް، މިފަހަރު އިދާރާތަކަށް މިކަން ކުރުމަށް ގޮވާލީ އެމީހުންގެ އަމިއްލަ ހިޔާލަކާއެކުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލޯފަން މީހުންނަށް ވޯޓުލެވޭނެ ގޮތާ ބެހޭ ނަމޫނާއެއް ވެސް އޭނާ ވަނީ ނޫސްވެރިންނަށް ދައްކާލައިފައެވެ.

ވޯޓު ކަރުދާހާ އެއް ސައިޒަކަށް؛ ހާޑް މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ އެ ސާމްޕަލްގައި، ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ހެޔޮ ފާހަގަ ޖަހާ ގޮތަށް ގޮޅިތައް ކަފާފައިވެއެވެ. އެކަމުގެ ބޭނުމަކީ ލޮލަށް ނުފެންނަ މީހުން އޭގެ މަތީގައި އަތް ޖައްސަައިގެން، ބޭނުންވާ ކެންޑިޑޭޓެއްގެ ނަންބަރާ ދިމާލުގައި ފާހަގަ ޖެހުމެވެ.

ހުސައިން ވިދާޅުވީ އެފަދަ ކަރުދާހެއް ތައްޔާރުކުރުމަކީ މާ ބޮޑު ހަރަދެއް ދާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ދައުލަތަށް އެ ހަރަދު ކުރެވެން ނެތް ނަމަ، އެ ޖަމިއްޔާ އިން ފައިސާ ހޯދައިގެން ވެސް އެކަން ކުރަން ތިބީ ތަައްޔާރަށް ކަމަށެވެ.

ހުސެއިންގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެކަން އެގޮތަށް ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާގެ ވާހަކައަށް ބަލާއިރު އެކަން ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށާއި "އަޅުގަނޑަށް ފެންނަ ތަނުގައި މިކަން އަޅުގަނޑުމެން ނުކުރަންވީ އެއްވެސް ސަބަބެއް ވެސް ނެތް،" ކަމަށް ނަޝީދު ވިދާޅުވިއެެވެ. އަދި އެކަން އެގޮތަށް ކޮށްދިނުމަށް ހުރިހާ އިދާރާއަކުން ބާރު އެޅުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.