ތައިލެންޑްގައި ކުރިއަށްދާ އޭސީސީ ޗެލެންޖާސް ކަޕް ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ގްރޫޕްގެ ފަހު މެޗުން ބޫޓާން އަތުން ބަލިވެއްޖެއެވެ.
އިއްޔެ ރާއްޖެއިން ބޫޓާން ކައިރިން ބަލިވީ ހަތަރު ވިކެޓުންނެވެ. އިއްޔެ ބޫޓާން އަތުން ބަލިވުމާއެކު ރާއްޖެ ގްރޫޕް ސްޓޭޖު ނިންމާލީ ގްރޫޕްގެ ފުލުގައެވެ. ގްރޫޕުން އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ތަފާތު ބޮޑު މޮޅެއް ހޯދި ބަހްރޭނެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ބޫޓާނެވެ. އެއީ ބޫޓާނާއި އިރާން އަދި ރާއްޖެ ތިން ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ނެޓް ރަން ރޭޓަށް ބަލާއިރު، ބޫޓާނަށް ކުރި ލިބޭތީއެވެ.
އޯޑީއާއި 50 އޯވަރަށް ކުޅޭ ޗެލެންޖާސް ކަޕްގައި ރާއްޖެއިން ފުރަތަމަ ކުޅުނު މެޗުގައި އީރާން ބަލިކުރި ނަމަވެސް ދެން ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ ވަނީ ބޮޑު ތަފާތަކުން ބަހްރޭން އަތުން ބަލިވެފައެވެ. އިއްޔެ ބޫޓާން އަތުން ރާއްޖެ މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް، އެ މެޗުން ހަނި ގޮތަކަށް ބަލިވެ، މުބާރާތް ނިމުނީ ހިތްދަތި ކޮށެވެ.
ތައިލެންޑްގައި އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ބޫޓާން ނިންމީ ހޮވާށެވެ. ރާއްޖޭން ކުޅެން އަރައި، 42.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 105 ލަނޑެވެ. މެޗުގައި ވެސް ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޓީމުގެ ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. އާދަޅޭ ވަނީ 23 ލަނޑު ހަދައިފައެވެ.
ޖަވާބުގައި ބޫޓާނުން ކުޅެން އަރައި 28.1 އޯވަރުގެ ތެރޭގައި ހަކުޅުންތެރިން ނުބައިވެގެން 106 ލަނޑު ހަދައި މެޗުން މޮޅުވިއެވެ. ބޫޓާނުގެ ކެޕްޓަން، ޖިގްމޭ ސިންގްޔޭ އެޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިންއިރު، އޭނާ ވަނީ 24 ލަނޑު ހަދައިފައެވެ. ރާ
އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެއް އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށް ދާނެއެވެ.