ވެލާނާގެ ބިލްޑިން ކައިރީ ހަދާފައިވާ ޕާކިން ޒޯނު ބަންދުކުރީ މާލެ ސިޓީ ކައުންސިލުން ނޫން ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ވެލާނާގެ އާއި ދަރުމަވަންތަ ސްކޫލާ ދޭތެރޭގައި ހަދާފައިވާ ޕާކިން ޒޯން ބަންދުކޮށްފައި އޮތުމުން ސަރުކާރު މުވައްޒަފުން މިއަދު ހެނދުނު ވަނީ ވެލާނާގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފައެވެ.

އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި، ޕާކިން ޒޯން ބަންދުކުރީ މާލެ ސިޓީ ކައުންސިލުން ނޫން ކަމަށެވެ.

ޕާކިން ޒޯން ބަންދުކުރި ބައެއް ނޭންގޭ ކަމަށާއި އެއްވެސް މުވައްސަސާއަކާއި އިދާރާއަކުން އެތަން ބަންދު ކުރުމަށް އެދި ހުއްދައަށް އެދިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މުވައްޒަފުން އިހުތިޖާޖު ކޮށްފައިވަނީ، އެ ޕާކިން ޒޯނުގެ ވަށައިގެން ސަތަރި ދަމައި ޕާކް ނުކުރެވޭހެން ހަދާފައިވާތީއެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރިއަށްވެސް ޖަމާވެ އަޑު އުފުލައިފައެވެ.