މުނިފޫހިފިލުވުން

ޕްރިޔަންކާގެ އާ ޓީވީ ސީރީޒަށް ނިކް ޖޯނަސްގެ ތައުރީފު!

އިބްރާހިމް އަލީފް

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ފެނިގެންދާ އާ ޓީވީ ސީރީޒް ކަމުގައިވާ "ސިޓަޑެލް" އަށް ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސް ތައުރީފުކޮށްފިއެވެ.

ދާދި ފަހުން ސިޓަޑެލްގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެ ސީރީޒްގެ ބައެއް މަންޒަރުތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. ޕްރިޔަންކާ ޗޯޕްރާވެސް މި މަންޒަރުތައް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ އިރު، އެ ސީރީޒްއަށް ނިކް ޖޯނަސް ތައުރީފުކޮށްފައި ވަނީ މި މަންޒަރުތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުންނެވެ.

މި މަންޒަރުތައް ހިއްސާކުރަމުން ނިކް ޖޯނަސް ބުނެފައިވަނީ މިއީ އެންމެންވެސް ބަލަން ތައްޔާރުވާން ޖެހޭ ފެންވަރުގެ ޓީވީ ސީރީޒެއް ކަމަށެވެ. އަދި އޭނާ މި ޓީވީ ސީރީޒް ބަލަން ކެތް މަދުވެފައިވާ ކަމަށްވެސް ނިކް ޖޯނަސް ވަނީ ބުނެފައެވެ. ސީރީޒްގެ ފެންވަރު އާންމުންނަށް ވަޒަންކޮށް ދިނުމުގެ ނިޔަތުގައި ނިކް ޖޯނަސް ބުނެފައިވަނީ މިއީ މިހާތަނަށް ފެނިފައި ނުވާ ފެންވަރުގެ ޓީވީ ސީރީޒްއަކަށް ވާނޭ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ މަންޒަރުތައް ފެންނާނޭހެން އެ ގައުމުތަކުގެ އެކްޓަރުން ބޭނުންކޮށްގެން ތައްޔާރު ކުރަމުން އަންނަ މި ޓީވީ ސީރީޒްގައި ޕްރިޔަންކާއާ އެކު މަޝްހޫރު އެކްޓަރު ރިޗާޑް މޭޑެންވެސް ފެނިގެންދާނެއެވެ. މިސީރީޒްގައި ޕްރިޔަންކާ ފެނިގެންދާނީ އިންސާނުންނަށް ލިބިފައި ނުހުންނަ ކަހަލަ ބާރުތަކެއް ލިބިފައިވާ އަންހެނެއްގެ ގޮތުގައެވެ. ބައިނަލް އަގުވާމީ ސްޕައި އޭޖެންސީއަކުން ހިންގާ ހަރަކާތެއްގެ ސަބަބުން ހަނި ގޮތަކަށް ސަލާމަތްވާ އަންހެނެއްގެ ދިރިއުޅުމަށް އަންނަ ބަދަލު އަދި ކުރިމަތިލާންޖެހޭ އެކި ކަންތައްތައް މި ސީރީޒްގައި ޕްރިޔަންކާގެ ރޯލުން ފެނިގެންދާނެއެވެ.

އެޕްރީލް މަހުގެ 28 ވަނަ ދުވަހު ޕްރައިމް ވީޑިއޯ މެދުވެރިކޮށް ސްޓްރީމް ކުރެވޭ ގޮތަށް މި ސީރީޒްގެ ދެ އެޕިސޯޑް އާންމުންނާ ހަމައަށް ދޫކޮށްލާނެއެވެ. އަދި އޭގެ ފަހުން ކޮންމެ ހަފުތާއަކު މީގެ އެޕިސޯޑެއް ރިލީޒް ކުރެވިގެންދާނެ ކަމަށް ސީރީޒްގެ ޕްރޮޑިއުސަރުން ވަނީ މައުލޫމާތު ދީފައެވެ. މި ސީރީޒްގައި އިންޑިއާގެ މަންޒަރުތަކެއް ފެނިގެންދާ އިރު، އެ މަންޒަރުތަކުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ވަރުން ދަވަން އާއި ސަމަންތާ ރޫތު ޕްރަބޫ ފެނިގެންދާނެއެވެ.