މަގުބޫލުކަން ހޯދަން މަސައްކަތް ނުކުރާ ކަމަށާއި މަސައްކަތް ކުރަނީ އޭނާއަށް ލިބިފައިވާ ހުނަރުތައް ކުރިއަރުވައި އާ ހުނަރުތައް ދަސްކުރަން ކަމަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ނޭމާގެ ކުރީގެ ލޯބިވެރިޔާ ނަތާލިއާ ބަރޫލިޗް ބުނެފިއެވެ. ނަތާލިއާ މިހެން ބުނެފައިވަނީ އޭނާ އިންޑިއާގެ މުމްބާއީއަށް ފަހަކަށް އައިސް ގިނަ ގިނައިން ދަތުރު ކުރަނީ އެ ގައުމުގައި އޭނާގެ މަގުބޫލުކަން އިތުރު ކުރުމަށް ކަމަށް ބުނެ އަޑުތައް ފެތުރިފައިވަނިކޮށެވެ.
ނަތާލިއާ އިންޑިއާއަށް މިފަހަކަށް އައިސް ގިނަ ދަތުރު ތަކެއް ކޮށްފައިވާއިރު އޭނާ އިންޑިއާގެ މީޑިއާގެ ލޯތަކުގައި އެންމެ ފުރަތަމަ އަޅައިގަނެފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައި އެ ގައުމަށް ކުރި ދަތުރުގެ ތެރެއިންނެވެ. އެފަހަރު އޭނާ ކުރި ދަތުރާ މެދު އިންޑިއާގެ މީޑިއާތަކުން އުފެއްދި އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދީފައި ނުވާއިރު އޭގެ ފަހުންވެސް އޭނާ ވަނީ 3 ފަހަރެއްގެ މަތިން މުމްބާއީއަށް ދަތުރު ކޮށްފައެވެ. އެއާއި އެކު އޭނާ ބޮލީވުޑުން ޖާގަ ހޯދުމަށް މަސައްކަތް ކުރަނީ ކަމަށާއި އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމަކުން މަގުބޫލުކަން ހޯދަން އުޅެނީ ކަމަށްބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިހާރު ނަތާލިއާ އާއި އިންޑިއާއަށް ކުރާ ދަތުރުތަކާއި ގުޅުވައިގެން މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަށް އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޮލީވުޑްގެ ފިލްމަކުން ޖާގައެއް ހޯދުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އެހެން ނަމަވެސް އަމިއްލައަށް އެދިގެން އެއްވެސް ފިލްމަކުން ޖާގަ ހޯދަން މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އިންޑިއާ އަކީ ފިލްމު އިންޑަސްޓްރީގައި ކުރި ހޯދައިފައިވާ ގައުމެއް ކަމަށާއި ހުނަރު ދަސްކުރުމާއި ތަރައްގީ ކުރުމަށް އިންޑިއާއާ އަޅައިކިޔޭނެ އެހެން ގައުމެއް ނެތްކަމަށް އޭނާ ދެކޭ ކަމަށްވެސް ނަތާލިއާ ވަނީ ބުނެފައެވެ. އެހެން ކަމުން މިހާރު އާންމުކޮށް އިންޑިއާއަށް ކުރަމުން އަންނަ ދަތުރު ތަކަކީ އެކަމާ ގުޅުން ހުރި ދަތުރު ތަކެއް ކަމުގައިވެސް ނަތާލިއާ ވަނީ ބުނެފައެވެ.
މޮޑެލް ކުރުމާއި ފިލްމު އަދި ޓީވީ ސީރީޒްތަކުން ފެނިފައިވާ ނަތާލިއާ މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ހިންދީ ބަސް ދަސްކުރުމުގެ ޝައުގުވެރިކަން ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން އެކްޓްރެސްއެއްގެ ގޮތުގައި ހަމައެކަނި ވަކި ބަހަކުން ކުޅޭ ފިލްމުތަކަށް ހުސްވެގެން ހުރުމަކީ އޭނާ ގަބޫލުކުރާ ވިސްނުމެއް ނޫން ކަމަށާއި އޭނާ ބޭނުންވަނީ ދުނިޔޭގެ އެކި ބަސްތަކުން އެކްޓު ކުރަން ފަރިތަ މޫނަކަށް ވުމަށް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
'ޓައިމްސް އޮފް އިންޑިއާ' އިން އޭނާ މިހާރު އެއްވެސް ބޮލީވުޑް ފިލްމެއްގައި އެކްޓު ކުރުމަށް އެއްބަސްވެފައިވާނެތޯ ކުރި ސުވާލާކަށް ޖަވާބު ދެމުން ނަތާލިއާ ބުނެފައިވަނީ އެއް ފިލްމަށްވުރެން ގިނަ ހިންދީ ފިލްމުތަކުގައި އެކްޓު ކުރުމަށް މިހާރު އޭނާ އެއްބަސްވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ ކަހަލަ އެކްޓްރެސް އެއް ހިންދީ ފިލްމުތަކުން އަދި ފެނިފައިނުވާ ކަމަށާއި މިއަދުގެ ބޮލީވުޑް ފިލްމުތަކަށް އޭނާ ފަދަ އެކްޓްރެސްއެއް މުހިންމުކަމަށް ދެކޭ ކަމަށްވެސް ވަނީ ބުނެފައެވެ.