އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރީފޯމް މޫމަންޓް (އެމްއާރްއެމް) އިން ކޯލިޝަން ހަދާނީ ކޮން ބަޔަކާ އެކުގައިތޯ ނިންމުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީން ވަނީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައިފައެވެ. އެ ކޯލިޝަނުގައި ދެން އޮތް ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ. ނަމަވެސް ޖޭޕީގެ ކޮންގްރެސްއިން ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ނުކުތުމަށް ގަރާރެއް ފާސްކޮށްފައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ މިއަދު ވިދާޅުވީ، ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެމްއާރްއެމުން މިދިޔަ މަހުގެ ކުރީ ކޮޅު ފަށާފައިވާ ކަމަށެވެ. އަދި ރޭ ބޭއްވި އެމްއާރްއެމްގެ އެކްސްކޯގެ ތިން ވަނަ ބައްދަލުވުމުގައިވެސް އެ ވާހަކަތައް ދެކެވުނު ކަމަށާއި ޕާޓީގެ އެހެން ގުނަންތަކުގައިވެސް އެ މަޝްވަރާ ކުރިއަށްދާ ކަމަށެވެ.

ނާދިރާ ވިދާޅުވީ، ކޯލިޝަން ހެދުމަށް އާއްމު މެންބަރުންގެ ހިޔާލު ހޯދުމަށް ފޯނު ސާވޭތަކާއި ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށާއި އެނަލިސިސް ކޮމިޓީއެއް އުފައްދައި ފަންނީ ގޮތުން އެކަމުގެ ދިރާސާތައްވެސް ކުރަމުން އަންނަ ކަމަށެވެ.

"ޕާޓީން އިސްކަންދޭނީ އިސްލާހުގެ މަސައްކަތާއި ޕާޓީން އެދޭ ސިޔާސަތުތައް ގެނެވޭނެ ގޮތަކަށް، ޕާޓީއަށް ލިބޭ ސްލޮޓް ތަކަކަށް ނޫން" ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވިދާޅުވީ، ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމުމުގެ ކުރިން ތަފާތު ހުރިހާ ގޮތަކުން ބަލާނެ ކަމަށެވެ.

ނާދިރާ އިތުރަށް ވިދާޅުވީ، ޕްރައިމަރީ ބޭއްވުމާއި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ އަސާސީ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާ ކަމަށެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެމްއާރްއެމުން ފަށާފައިވާއިރު، ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް ސޯލިހުގެ ފަރާތްޕުޅުން ވަނީ އެމްއާރްއެމްގެ ޒައީމް، މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާހެން ކޯލިޝަންގެ ލީޑަރުންނަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.

އެމްއާރްއެމުން އެއިރު ބުނި ގޮތުގައި ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުން ރައީސްގެ ސިޓީފުޅާމެދު ގޮތެއް ނިންމާނީ ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމުން ކަމަށެވެ.