ސައޫދީ އަރަބިޔާގެ 65 އަހަރުވީ ބައްޕަޔަކު އޭނާގެ 12 އަހަރުވީ ފިރިހެންދަރިފުޅު ދުއްވަންއިން ކާރެއްގެ ދަށުގައިވެ މަރުވެއްޖެއެވެ. މިހާދިސާ ހިނގީ ސައޫދީ އަރަބިޔާގެ ހުޅަނގުދެކުނުގެ ނަޖުރާނުގައެވެ.
މިދިޔަ ހުކުރު ދުވަހު މިހާދިސާ ހިނގަން މެދުވެރިވީ ދަރިފުޅަށް ކާރު ދުއްވަން ދަސްކޮށްދޭން އުޅުމުގެ ތެރޭގައެވެ. ސައޫދީ އަރަބިޔާގެ އަލްވަތަން ނޫހުން ރިޕޯޓްކުރާގޮތުގައި ކާރުގައި އިނީ ދަރިފުޅު އެކަންޏެވެ. އޭނާއަށް ކާރު މަތަނުކުރެވިގެން އެދިޔަގޮތަށްގޮސް ބައްޕަގެ ގައިގައި ޖެހިފައި އޭނާ ވެއްޓުނީއެވެ. އޭގެފަހުން ގައިގެމަތިންވެސް ކާރު ދިޔައީއެވެ. މަތަކުރެވުނުއިރު ބައްޕަ އޮތީ ފުރޮޅެއްގެ ދަށުގައެވެ.
މީސްތަކުން އައިސް ކާރުގެ ދަށުން ބައްޕަ ދަމައިނެރުނުއިރު އޭނާއޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. މަރުވީ ހަސްފަތާލަށް ގެންދިޔަ މަގުމަތީގައެވެ. އަލްވަތަން ނޫހުން ރިޕޯޓްކުރާ ގޮތުގައި މި ދެބަފައިންނަކީވެސް ނަޖުރާނަށް ނިސްބަތްވާ ބައެކެވެ. މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ދެބަފައިންނެވެ.
ސައޫދީ އަރަބިޔާގައި ފަހަކަށް އައިސް މަގުމަތީގެ އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން އެކަން ހައްލުކުރުމަށް ޓްރެފިކް ގަވާއިދު ވަނީ ހަރުކަށިކޮށްފައެވެ. އައު ގަވާއިދުގެ ދަށުން މައިގަޑުގޮތެއްގައި ކުރަނީ ބޮޑެތި އަދަދުތަކުން ޖުރިމާނާއެވެ.