ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް 2022 ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ގެންދިޔަ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތް މައްސަލަ އެޖެންޑާއިން ނަގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާބެހޭގޮތުން މިނިސްޓަރު މަހުލޫފާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި އޮތީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.

މެންބަރު ނަޝީދު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި އޮތީ، އިންޑިއަން ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ފުށުއަރާ ހަރަކާތަކަށް ވާތީ އާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ އިރު، އަދި އެތަކެއް ޒުވާނުންތަކެއް އެތަނުގައި މުޒާހަރާ ކުރާނެކަން އެނގި ހުރެ އެތަނަށް ބޭރުގެ ޑިޕްލޮމެޓުން ގެނައީ ކޮން ބޭނުމަކުތޯ އޮޅުން ފިލުވުމަށެވެ.

އެދުވަހު ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމުގައި ބައެއް މީހުންނަށް އަނިޔާވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ މައްސަލައިގައި ފުލުހުން އެތައް ބަޔަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ދައުވާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިސްޓަރު މަހުލޫފާ އެ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވާ މެންބަރު ސުވާލު އަނބުރާ ގެންދަވާފައިވާ ކަަމަށެވެ. އެހެންކަމުން އެ ބައި މަޖިލިސް އެޖެންޑާއިން އުނިކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.