އަމިއްލަ ކުންފުންޏެއް ކަމަށްވާ ކްރެމަ ޖީއެމްބީއެޗް އިން ސިވިލް ކޯޓުގައި އެދުނު ގޮތަށް، ތ. ކާއްޑޫ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ނުކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.

ކާއްޑޫ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ނެރެދިނުމަށް ކްރެމަ ޖީއެމްބީއެޗްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅީ، ޓޫރިޒަމް ތަރައްގީ ކުރުމަށް 2021 ވަނަ އަހަރުގެ 31 އޮކްޓުބަރުގައި ޓޫރިޒަމް މިނިސްޓްރީން ހުޅުވައިލި ރަށްތަކުގެ ތެރެއިން ތ. ކާއްޑޫއަށް ބިޑު ހުށަހެޅި ހަމައެކަނި ފަރާތަކީ އެކުންފުނި ކަމަށް ވެފައި އެ ފަރާތުން ހުށަހެޅި ބިޑް ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީން ޑިސްކޮލިފައި ކޮށްފައިވާ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާތީއެވެ.

ކްރެމަ ޖީއެމްބީއެޗް އިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީން އެ ބިޑް ޑޮކިއުމެންޓް ޑިސްކޮލިފައި ކޮށްފައި ވަނީ އެ މިނިސްޓްރީގެ އިންޓްރެކްޓާސް ޓު ބިޑާސް (އައިޓީބީ) ގައި ބަޔާން ކޮށްފައިވާ މާއްދާތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން ކްރެމަ ޖީއެމްބީއެޗް އިން ހުށަހެޅި ބިޑަކީ ސައްހަ ބިޑެއްގެ ގޮތުގައި ބަލައިގަތުމަށާއި ބިޑް ޑޮކިއުމެންޓްގެ ޝަރުތުތަކާ އެއްގޮތަށް ލެޓާ އޮފް އެވޯޑު ދޫކުރުމަށާއި ތ. ކާއްޑޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ ފުރުސަތު ކްރެމަ ޖީއެމްބީއެޗް އަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އަމުރުކޮށްދިނުމަށް ޖީއެމްބީއެޗް އިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރުމުގެ ކުރިން ތ. ކާއްޑޫ ޓޫރިޒަމްގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫނުކުރުމަށާއި އެފަދަ ބޭނުމަކަށް ދޫކުރާ ރަށްތަކުގެ ލިސްޓެއްގައި ނުހިމެނުމަށާއި އަދި ދައުލަތް ހިމެނޭހެން އެއްވެސް ފަރާތެއްގެ ބޭނުމަށް ދޫކުރާ ރަށެއްގެ ގޮތުގައި ތ. ކާއްޑޫ އެކަށަ ނޭޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް، ވަގުތީ އަމުރެއް ނެރެދިނުމަށް ކްރެމަ ޖީއެމްބީއެޗް އިން ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ މި ދައުވާގެ މައުލޫއާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، ތ. ކާއްޑޫގެ މައްޗަށް ކްރެމަ ޖީއެމްބީއެޗް އަށް ހައްގެއް އުފަންވެފައިވާ ކަމަށް ބުނެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ. ތ. ކާއްޑޫއާ ގުޅޭގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެދުމުގެ ހައިސިއްޔަތު ކްރެމަ ޖީއެމްބީއެޗް އަށް ލިބިގެންވާ ކަމަކަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ކްރެމަ ޖީއެމްބީއެޗް ގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން 28 އޯގަސްޓް 2022 ގައި ކުރި ހުކުމްގައިވެއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހަޅުއްވަމުން ކްރެމަ ޖީއެމްބީއެޗްގެ ގާނޫނީ ވަކީލު މޫސާ ފާރިޝް އަހުމަދު ވިދާޅުވީ، އެފަރާތުން އެދިފައިވާ ގޮތަށް އަމުރު ނުނެރެދޭން ސިވިލް ކޯޓުން ހުކުމް ކުރީ، އެފަރާތުން ހުށަހެޅި ހެކިތަކަށް އެންމެ ރަނގަޅަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެހެންކަމުން އެ ހުކުމަކީ ފަނޑިޔާރުންގެ ގާނޫނާވެސް ހިލާފު ހުކުމެއް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ސިވިލްކޯޓުގައި މިހާރު ކުރިއަށްދާ އެ މައްސަލައިގެ މައުލޫއުގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ކާއްޑޫ ޓޫރިޒަމްގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫނުކުރުމަށް، ޓޫރިޒަމް މިނިސްޓަރީ އާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށާއި އެއްވެސް ކަމަކަށް ދޫކުރާ ރަށްތަކުގެ ލިސްޓުގައި އެރަށް ނުހިމެނުމަށް ޓޫރިޒަމް މިނިސްޓްރީ އަށާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އޭނާ ހައިކޯޓުގައި އެދުނެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ވަގުތީ އަމުރަކާބެހޭ ގޮތުން ސިވިލްކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް މި މައްސަަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ތިއްބެވީ، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ.