ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި، ގުދަން ކުރުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް، ކުއްޔަށްހިފަން ހޭދަކުރާ ފައިސާ އަކީ ތަރައްގީގެ އެހެން މަޝްރޫއުތަކުގެ އިތުރަށް އާއްމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމަށް ހޭދަކުރެވޭނެ ފައިސާ ކަމަށް ވާތީ، އަމިއްލަ ތަންތަން ކުއްޔަށް ހިފުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

މިގަރާރު މަޖިލީހަށް ބަލައިގަތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި 51 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، ދައުލަތުގެ ބައެއް އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި، ގުދަން ކުރުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފުމަށް ދައުލަތުން ކޮންމެ އަހަރަކު 102 މިލިޔަން ރުފިޔާ ހޭދަކުރާ ކަމަށެވެ.

އެ ގަރާރުގައި ބުނެފައި ވަނީ، ދައުލަތުގެ ބައެއް އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަން ކުރުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތް ކުއްޔަށް ހިފުމަށް ދައުލަތުން މަހަކު 8.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ.

ދެމިގެންދާ ގޮތަށް މި ނުރަނގަޅު އާދަ އޮތުމަކީ ދައުލަތުގެ ފައިސާއި މެނޭޖު ކުރުމުގައި އިސްރާފު ބޮޑު، އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށް އެކަށީގެންނުވާ ތަންތަނުގައި ވެސް އޮފީސްތައް ހިންގާކަމަށާއި، އެ ތަންތަން ހިންގުން ހުއްޓުމަކަށް ގެނައުމުގެ ބޭނުންތެރިކަން އޮތްކަމަށް ވެސް ބުނެފައިވެއެވެ.

އެކަމަށް ހައްލެއް ގެނައުމަކީ، ހިދުމަތް ހޯދަން ދާ ފަރާތްތަަކަށް ހިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތެއް ކަމަށާއި، ނަމަވެސް އެއީ ދާއިމީ ހައްލެއް ހޯދުމުގެ ބޭނުންތެރިކަން އޮތް ކަމެއްކަމަށް ފެންނަ ހިނދު އެގޮތަށް، "ކުއްޔަށް ހިފާ އިމާރާތްތައް ވަކި މުއްދަތެއް ނެތް ގޮތަށް ދިގު މުއްދަތަކަށް ދެމިގެންދާގޮތަށް ދައުލަތުން ކުއްޔަށް ހިފައި އަހަރެއްގެ މައްޗަށް ދައުލަތުން ހޭދަކުރާ ފައިސާއަކީ، މި ކަމަށް ހައްލެއް ގެނެވިއްޖެނަމަ ދައުލަތުގެ ތަރައްގީގެ އެހެން މަޝްރޫއުތަކުގެ އިތުރަށް އާއްމު ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމަށް ހޭދަކުރެވޭނެ ފައިސާއެއްކަމަށް ދެކޭ" ކަމަށް ވެސް މި ގަރާރުގައި ބުނެފައިވެއެވެ.

އެ ކަމަކީ ކޮރަޕްޝަނަށް ވެސް މަގުފަހިވާކަމަކަށްވާތީ، ދައުލަތުގެ ކަމާބެހޭ އިދާރާތައް މަޖިލިސްގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށް އެކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތްތައް ދެނެގަނެ، އަވަސް ހައްލެއް ހޯދުމަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.