ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައުލޫމާތު އާއްމު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ހުކުމަކާ ނުލައި، ޝަރީއަތް ނިމެންދެން ވަރަށް ގިނަ ބަޔަކު ބަންދުގައި މިހާރުވެސް އެބަތިއްބެވެ. ބައެއް މީހުން ބަންދުގައި ތިބޭތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރާތްކުރައްވައި، ޕްރޮސިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލައަކީ އެ އޮފީހުގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެއީ ހައްލު ކުރަން އުޅެ ހައްލު ނުވެފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކަމަށެވެ.
"ގާނޫނަށް ބަދަލު ގެނެސްގެންވެސް ހައްލު ކުރެވޭތޯ އުޅެފިން. ރިވިއުކޮށްގެން ހައްލު ކުރެވޭތޯ އުޅެފިން، އިންޓާނަލް ރިވިއުއެއް ހަދައިފިން، އެކްސްޓާނަލް ރިވިއުއެއް ހަދައިފިން، މިހެން ގޮސް މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ގާތްގަނޑަކަށް ކުރެވިއްޖެ" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ޝަރީއަތް ލަސްވި ވަރަކަށް އެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެގޮތުން ހެކީން ހެކިބަސް ދޭން ބޭނުންނުވުމާއި އެހެން ބައެއް ނުފޫޒުތައް މައްސަލައިގެ ތެރެޔަށް ވަންނަ ކަމަށް ވިދާޅުވިއެވެ.
ޝަރީއަތްތައް އަވަސްކުރުމަށް ޖުޑީޝަރީއާއެކު ހާއްސަ ޕްރޮގްރާމެއްވެސް މިދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް ދޮޅު އަހަރުގެ ނަތީޖާއަށް ބަލައި، އެ ޕްރޮގްރާމުން ރަނގަޅު ނަތީޖާއެއް ނުނިކުތުމުން އެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަސްތު ކުރަނީ، ކައިރި މުސްތަގުބަލެއްގައި މިވަގުތު ބަންދުގައި ތިބި ހުރިހާ އެންމެންގެ ނަންތަކާއި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކާއި އެންމެ ފަހުން އަޑުއެހުމެއް ބޭއްވި ދުވަހާއި ދެން އަޑު އެހުމެއް ތާވަލުކުރެވިފައި އޮތް ދުވަހާއި އެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ނަމާއި، މި މައުލޫމާތު އާއްމު ކުރުން. މި މައުލޫމާތު އަޅުގަނޑުމެން އާއްމު ކުރާނީ ރިއަލް ޓައިމްކޮށް ފެންނަ ގޮތަށް" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައުލޫމާތު އާއްމު ކުރަން އެ އޮފީހުން ގަސްތުކުރާކަން ރައްޔިތުންގެ މަޖިލީހަށް ލިޔުމުން މިހާރު އަންގާފައިވާނެ ކަމަށެވެ.
ޝަމީމް އިތުރަށް ވިދާޅުވީ، މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ އެއް ސަބަބަކީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ތާށިކަން ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ހިންގާ އިމާރާތުގެ ބައެއް ބަންދުކުރުމުން، ކޯޓުގެ މަސައްކަތްތަކަށް ބުރޫއަރާފައިވާ ކަމަށް ވިދާޅުވިއެވެ.