ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކޮށްފިއެވެ.

ގާސިމް ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރުމުގެ އިތުރުން ގާސިމްގެ އެޑްވައިޒަރުގެ މަގާމަށްވެސް ވަނީ ފަސް ބޭފުޅަކު ހަމަޖައްސައިފައެވެ. ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖޭޕީގެ ހަތަރުވަނަ ކޮންފަރެންސް ނިންމުމުގެ ހަފުލާގައި އެ ހަ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ގާސިމްއެވެ.

  • ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު
  • ރައްޔިތުން މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު
  • ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
  • ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް
  • ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު

ޖޭޕީގެ ކޮންފަރެންސްގައި ވަނީ އެ ޕާޓީގެ އެހެން މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އައްޔަންކޮށްފައެވެ.

އެ ކޮންފަރެންސްގައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓަކު ނެރެންވެސް ފާސްކޮށްފައެވެ.