ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ފޮނުވި 3 މީހުންނާމެދު މިހަފުތާގައި ގޮތެއް ނިންމާނަން: ޕީޖީ

އިބްރާހިމް ޒަކީ

ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ތިން މީހުންނަށް ދައުވާކުރުމާމެދު މިހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް، ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނީ މިދިޔަ ޑީސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ހޯދަން ޖެހުނު ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ ތިން މީހުންނަކީ، ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސ. ފޭދޫ/ ޕިންކް ހައުސް، ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުރި، ތ. ކިނބިދޫ/ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން/ ފެއަރީގާޑެން، އަލީ ޝިހާމް އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، މި ތިން މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައި ވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 (ތިރީސް އެއް މިލިއަން ފަންސާސްދެހާސް ފަންސަވީސް) ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ޕީޖީ އޮފީހުގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި، ޕީޖީ ޝަމީމު ވިދާޅުވީ، ވެނެޓިލޭޓަރު މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ފޮނުވި މައްސަލަ އެ އޮފީހުގައި އެބައޮތް ކަމަށާއި، އެއާމެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާކުރުމާމެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް ޝަމީމު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންމެ ފުރަތަމަ އޭސީސީން ޕީޖީއަށް ފޮނުވި ނަމަވެސް، މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް އަންގައި އެ މައްސަލަތައް 2021 ވަނަ އަހަރު ޕީޖީން އަނބުރާ އޭސީސީއަށް ފޮނުވައިލިއެވެ.

އޭގެ ފަހުންވެސް އެކި ފަހަރު މަތިން އެކި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ތަހުގީގުން ފާހަގަކުރެވޭ ކަންތައްތައް ފާހަގަކޮށް އެކަންކަން ފުރިހަމަކުރުމަށް ޕީޖީ އޮފީހުން ވަނީ އެ މައްސަލަތައް އޭސީސީއަށް ފޮނުވާލައިފައެވެ.