ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން 35އ ގެ މަރުގެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުހަައްމަދު ނިޒާމު 45އ ގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ހިމެނޭހެން ތިން ދައުވާއެއް އުފުލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، ނިޒާމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމާއި ވައްކަމާއި މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މަރުގެ މައްސަލައިގައި މި ދައުވާ ކުރަނީ އޭނާ [ނިޒާމު] ދައްކާފައި ހުރި ވާހަކަތަކާއި މި މައްސަލައިގައި ލިބިފައި ހުރި އެހެން ބައެއް ހެކިތަކުން މިކަމުގައި މުހައްމަދު ނިޒާމުގެ ބައިވެރިވުން ނުވަތަ މުހައްމަދު ނިޒާމު ކުރިކަމަކުން މީހަކު މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭތީ" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ނިޒާމް ހައްޔަރުކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ތެޔޮ ބޯޓުން ވައްކަން ކުރިކަމަށް ބާރު ލިބޭ ހެކިތައްވެސް އެބަހުރި ކަމަށެވެ.
ތެޔޮ ބޯޓެއްގައި މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފުރި ލިޓަން އާއި ނިޒާމު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން އާއްމުކުރީ އެ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެވެސް ބަލަމުން އަންނަނިކޮށް ނިޒާމު ފެނުނީ ޖެނުއަރީ ތިން ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުރި ގެސްޓް ހައުސްއަކުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ލިޓަން އަދިވެސް ފެނިފައިނުވާ އިރު، މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ވަނީ ވ. ވެމްޕަރު ފަޅުން ފެނިފައެވެ. ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑު ނޫންކަން ޑީއެންއޭ އެނަލިސިސްއިން ވަނީ ހާމަވެފަ އެވެ. އެ ހަށިގަނޑު މިހާރު ވަޅުލާފައިވާއިރު އެ ހަށިގަނޑާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ލިޓަން މަރުވެފައިވާކަން ކަށަވަރު ނުވާއިރު، ނިޒާމްގެ މައްޗަށް މަރުގެ ދައުވާ ކުރަނީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ، ނިޒާމް ކުރި ކަމަކީ، މީހަކު މަރުވެދާ ފަދަ ކަމެއް ކަމަށް ކޯޓުގައި ސާބިތުކޮށްދޭނެ ކަމަށެވެ.
"ދެން އެނގިވަޑައިގަންނަވާނެ ސުޕްރީމް ކޯޓުގައި ނަޖާހު މައްސަލައި އެބަ އޮތް އުސޫލުތަކެއް ކަނޑައަޅުއްވައިދެއްވާފައި. އެންމެ ފަހުން ދިރިހުރި މީހާގެ އުސޫލަކާ ތަފާތު އުސޫލުތަކެއް އެބަހުރި. އެހެންވީމާ އަޅުގަނޑުމެން ބޭނުންކުރާނީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައި ހުރި އުސޫލުތަކާއި އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ޕްރެކްޓިސް ކުރާ ބައެއް އުސޫލުތައް ކަމަށް" ޝަމީމް ވިދާޅުވިއެވެ.
މީގެ 12 އަހަރު ކުރިން މާލޭގައި ހަދަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއިން މަރާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ދައުލަތުން އުފުލީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2015 ވަނަ އަހަރު ކަނޑައަޅައިފަ އެވެ.
ނަމަވެސް, 2017 ވަނަ އަހަރު އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޝީރީން މަރުވެފައިވަނީ ނަޖާހުގެ އަމަލުތަކަކުން ކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމާއި އެހެންވެ, ގަސްދު މަރު ސާބިތު ނުވި ނަމަވެސް ގަސްދަކާ ނުލައި މީހަކު މަރާލުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެ މައްސަލަ ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވެސް ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.
"ޝީރީން މަރުވެފައިވަނީ ތޮބީއީ މަރަކުން ކަމަށް ނުވާތީ، އަދި އެ މަރު މެދުވެރިކުރުވިއިރު އެތަނުގައި ނަޖާހު ފިޔަވައި އެހެން އެއްވެސް މީހަކު ނެތުމުން މި މައްސަލަައިގައި ޗޭނެއްހެން ގުޅިލާމެހިފައިވާ ގަރީނާތަކުން ޝީރީން މަރުވެފައިވަނީ މުހައްމަދު ނަޖާހުގެ އަމަލަކުންކަން އަހުރެން ހިތުގައި އެއްވެސް ޝައްކެއް ނެތް،" ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.
"މީގެ އަނެއް ކޮޅަކީ މީހަކު މަރާލާފައި ފޮރުވީމާ ދެން މަރުގެ ދައުވާ ނުކުރެވޭނެ ހެއްޔޭ. އެއީހޭ ނަތީޖާއަކަށްވާނީ. އެވެސް ހަމަޖެހޭ ކަމަކަށް ނުވާނެ. އަޅުގަނޑުމެން މި މައްސަލައިގައި ސާބިތުކޮށްދޭނަން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ކުރެވޭ ވަރަށް ސާކަމްސްޓެންސް ހެކިތައް އެބަހުރި، ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ސާފުކޮށް ކިޔާދީފައި އެބަހުރި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ ހެކިތަކާއި ބޭނުން ނުކުރެވޭނެ ހެކިތައް." ލިޓަންގެ މަރާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވިއެވެ.
ލިޓަން މަރާލިކަމުގެ ތުހުމަތުވާ ނިޒާމް ޖެނުއަރީ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ދެ މަސް ދުވަސް ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު