ހެލްމެޓް އެޅުން ލާޒިމު ނުކުރާ ތަންތަނުގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހެލްމެޓު އެޅުން ލާޒިމުނުކުރާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ، ހެލްމެޓް އެޅުން ލާޒިމު ނުކުރާ ތަންތަނުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ފާސްކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިފަދަ އޮޕަރޭޝަނެއް ފެށި އިރު، ހުޅުމާލޭގެ ކެފޭއަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ވަދެ އެތަނަށް ގެއްލުން ދީފައިވާ މައްސަލައަކާއި މާލޭގެ ފިހާރައަކަށް ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ވަދެ އެތަނުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ.
އެއްގަމު އުޅަނދު ދުއްވުމު އާންމު ގަވާއިދުގެ 19 ވަނަ މާއްދާގައި، A1 އަދި A0 ގިންތީގެ އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވާ މީހާއާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަދީފައިވާ ސަރަހައްދުތަކުގައި އެކަންޏެވެ.
މާލޭ ސަރަހައްދުގައި 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ދީފައިވަނީ ސިނަމާލެ ބުރިޖާއި ހައިވޭގައި އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު