މާލޭ ފިހާރައެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހަމަލާދިނީ މާފަންނު މުރަނގަމަގު, ބީޖީ ގަރާޖު ކައިރީގައި ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ހުއްޓައެވެ.

އެނގިފައިވާ ގޮތުގައި އެ ހަމަލާ ދިނީ ހެލްމެޓް އަޅައިގެން ހުރި ދެ މީހެކެވެ. އަދި ބުރަކަށްޓަށާއި ހަށިގަނޑު އެކި ތަންތަނަށް ވަޅިން ހަމަލާދިނުމުން ފުން ޒަހަމްތަކެއް ލިބިފައިވާކަން އެނގިފައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.

ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެގޮތުން އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.