މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރު ވަނަ ގައުމީ ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތު ފަސްކޮށްފިއެވެ.

ޖޭޕީގެ ގައުމީ ޖަލްސާ އިއްޔެ ދަރުބާރުގޭގައި ފެށި އިރު، ޖަލްސާ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައި އޮތީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް ޖޭޕީގެ އިންތިހާބީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުން އަދިވެސް ނުނިމެއެވެ.

"މިރޭ އަޅުގަނޑުމެން ކޮމިޓީގައި މަޝްވަރާކޮށްފައި މާދަމާގެ ކޮންމެވެސް ގަޑިއެއް ކްލޯސިންއަށް އަޅުގަނޑުމެން ހަމަޖައްސާނަން" "ސަންގު ޓީވީ" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޖޭޕީގެ އިންތިހާބު ކޮމިޓީގެ މެންބަރު ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

ޖޭޕީގެ ގައުމީ ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތު ފަސްކުރި އިރު، ޖޭޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމުމުގެ ގަރާރަށް ބަހުސް ކުރުން މިރޭ ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެކަން ކުރިއަށް ގެންދަން ނިންމާފައިވަނީ ވޯޓު ގުނުން މެދުކަނޑާލުމަށްފަހުއެވެ.