އިނގިރޭސި ފިލްމު 'ކޮކެއިން ބެއާ' އިނގިރޭސި ވިލާތުގައި ނެރުނުތާ އެއް ދުވަސްތެރޭ އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދައިފިއެވެ. މި ފިލްމު ސިނަމާއަށް ނެރެފައިވަނީ އިއްޔެއެވެ.

ހެއްވާ މަޖާ އަދި ބިރުވެރި މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އެތަށް މިލިއަން ޑޮލަރެއްގެ އަގުހުރި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ބޭނުންކޮށްގެން އުޅޭ ސާރިދޯޅެއްގެ ސަބަބުން ދިމާވާ އެކި ހާދިސާތަކުގެ މައްޗަށެވެ.

ފިލްމުގައި ފެންނަ ގޮތުން ސާރިދޯޅަށް ކޮކެއިން ބޭނުންކުރެވެނީ ވައިގެ މަގުން ވަގަށް އެތެރެކުރަން އުޅުނު ކޮކެއިން ޝިޕްމަންޓެއް ޖަންގަލި ތެރެއަށް ވެއްޓުމުން، އެ ކަނޑައިގެން އެކައި ހެދުމުންނެވެ. އެއަށްފަހު އެ ސާރިދޯޅަށް ވެގެންދާ ގޮތްތަކަކީ ފިލްމުގެ އެންމެ ބަލާލަން ފުރިހަމަ އެއް މަންޒަރު ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ފިލްމުގެ ޝައުގުވެރިކަން އިތުރުވަނީ ޖަންގަލި ކައިރީގައި އުޅޭ ސްކޫލް އުމުރުގެ އަންހެން ކުއްޖެއް އޭނާގެ މަންމަ ދެކެ ހިތްހަމަނުޖެހިގެން ގެއިން ނުކުމެ ޖަންގަލިތެރެއަށް ވަދެގެންދާ ހިސާބުންނެވެ. އެގޮތުން އެ އަންހެން ކުއްޖާ ޖަންގަލިތެރޭގައި ހޭދަކުރާ ވަގުތުގައި އޭނާއަށްވެސް ކޮކެއިން އަޅާފައިވާ ކޮތަޅެއް ފެނި އެ ބޭނުން ކުރެއެވެ. އެހާ ހިސާބުން އެ މީހުންނާވެސް ސާރިދޯޅާއި ޖަންގަލި ތެރެއިން ދިމާވެ ޝައުގުވެރިކަމާއި ކެތްތެރިކަން ކޮޅުންލާފަދަ ގިނަ މަންޒަރުތަކެއް ފެނިގެންދާ ކަމަށް ފިލްމު ގެނި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ސާރިދޯޅުގެ އަނިޔާތަކުގެ ސަބަބުން އަންހެން ކުއްޖާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެއް ފިލްމުގެ ނިމުމުގައި ފެނިގެންދާއިރު ފިލްމުގެ ބޮޑު ބައެއް ބިނާކޮށްފައިވަނީ އެ އަންހެން ކުއްޖާއާއި ސާރިދޯޅާ ދެމެދު ހިނގާ އެކި ހާދިސާތަކުގެ މައްޗަށެވެ. މީގެ އިތުރުން އެ އަންހެން ކުއްޖާ ހޯދުމަށް ނުކުންނަ ގިނަ ބަޔަކަށް ސާރިދޯޅުގެ ސަބަބުން ލިބިގެންދާ އަނިޔާތަކާއި ކުރިމަތިވާ އެކި ކަންކަމުން ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގެ މޮޅުކަން ފާހަގަވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި ފިލްމަކީ 1985 ވަނަ އަހަރު ހިނގައިފައިވާ ހަގީގީ ހާދިސާއަކުން ހިޔާލު ލިބިގެން ހަދާފައިވާ ފިލްމެކެވެ. މި ހާދިސާގައި އެ އަހަރުގެ ޑިސެމްބަރު މަހު ޖޯޖިއާގެ ނާކޮޓިކްސް އޮފިސަރެއް ފްލައިޓެއްގައި މަސްތުވާތަކެތީގެ އެކި ބާވަތްތައް ހިފައިގެން ދަތުރުކުރަމުން ދަނިކޮށް ފްލައިޓް މާބޮޑަށް ބަރުވުމުން ކޮކެއިން ކޮތަޅެއް ފްލައިޓުން ވައްޓާލައެވެ. ނަތީޖާއެއްގެ ގޮތުން އެ ކޮކެއިން ކޮތަޅު ސާރިދޯޅަކަށް ފެނި އެކައިގެން އެ ސާރިދޯޅު މަރުވެއެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ 'ދި ހަންގާ ގޭމްސް' އިން ފެނިގެން ގޮސްފައިވާ އެކްޓްރެސް އަދި ޑައިރެކްޓަރު އެލިޒެބެތް ބޭންކްސްއެވެ. ފިލްމުގެ މުހިންމު ތަރިންގެ ގޮތުގައި ހިމެނެނީ ކެރީ ރަސަލްއާއި ކްރިސްޓިއަން ކޮންވެރީގެ އިތުރުން ބްރޫކްލީން ޕެރިސްއެވެ. 95 މިނެޓަށް ދިގުދެމިގެންދާ 30 މިލިއަނާއި 35 މިލިއަން ޑޮލަރު ހޭދަކޮށްގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.