ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންގްރެސްގައި ވޯޓަކާ ނުލައި އެ ޕާޓީގެ ލީޑަރުކަމަށް މާމިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ހޮވިވަޑައިގެންފިއެެވެ.

ޖޭޕީ އުފެދުނީއްސުރެން މިހާތަނަށް އެ މަގާމުގައި ހުންނެވި ގާސިމް އަނެއްކާވެސް ލީޑަރުކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގަތީ، އޭނާ ފިޔަވައި އިތުރު ބޭފުޅަކު އެ މަގާމަށް ވާދަކޮށްފައިނުވާތީއެވެ.

ޖާޕީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޕާޓީގެ މަގާމަކަށް އެންމެ މީހަކު ކުރިމަތިލައިފި ނަމަ، އިންތިހާބަކާ ނުލައި އެ މަގާމަށް އެމީހާ ހޮވޭނެއެވެ. އެ ގޮތަށް އަސާސީ ގަވާއިދު ބޭއްވުމަށް ކޮންގްރެސްގައި މިއަދު ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ގާސިމް އެ މަގާމަށް ހޮވިވަޑައިގެންކަން މިއަދުގެ ކޮންގްރެސްގައި އިއުލާން ކުރެއްވީ، އިންތިހާބުތަކާ ބެހޭ ކޮމިޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ.

އަލީ ހުސެއިން ވިދާޅުވީ، އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ލީޑަރު ކަމަށް ގާސިމްގެ އިތުރުން، އިންތިހާބަކާ ނުލައި އިތުރު ތިން މަގާމަކަށް ބޭފުޅުން އިންތިހާބު ވެފައިވާ ކަމަށެވެ.

އެގޮތުން ޒުވާނުންގެ ލީގުގެ ރައީސްކަމަށް އަބްދުﷲ ޔާމީން، ނާއިބު ރައީސް ކަމަށް ޝުއައިބު ޝިފާޒް ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އައިޝާތު ޝޫޒާ އަހުމަދު ވަނީ ހޮވިފައެވެެ.