(17 ފެބުރުއަރީގެ އަދަދާ ގުޅޭ)

ޤުސްޠަންޠީނިއްޔާ ފަތަޙަވި ތާރީޚު ތަފާތު ގޮތްގޮތަށް ބަޔާންކުރެވިފައި ހުރެއެވެ. އެކަމަކު އަޅުގަނޑު މިތާނގައި މިނަކަލުކޮށްލަނީ އެ ތާރީޚުގެ ދެ ބަޔާންކުރުމެކެވެ. ޢިލްމުވެރި ޝާޢިރެއް އެ ތާރީޚު ބަޔާންކުރައްވައި ޅެންބައިތެއް ވިދާޅުވެފައިވެއެވެ.

دام اَمـــــر الـفـتـــح قَـــومٌ اوّلـــــون حـــازة بــالـنصـــــر قـــومُ آخــــــرون

"ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމަކީ ކުރީގެ ޤައުމުތަކުގެ މީހުންގެވެސް ހިތުގެ މުރާދެކެވެ. އެކަމަކު ނަޞްރު ލިބުމުގެ މުރާދަށް ވާސިލުވެވުނީ ފަހުގެ ޤައުމުތަކުގެ މީހުންނަށެވެ." ތާރީޚު ނެރެވެނީ آخــــــرون މި ލަފުޒުންނެވެ. އާދެ 857ހ. އެވެ. އަދި އެހެން ޢިލްމުވެރިޔަކު ތާރީޚު ނެރުއްވަނީ "بَــلَـدَةٌ طَــيِّـــبَــةٌ" އިންނެވެ. އެއީވެސް 857ހ. އެވެ. (ބަލަދާ ޠައްޔިބާ)

سـلطـــان محمّـــد الــفــاتــــح އަށް މިމަތިވެރި ފަތަޙަ ލިބިވަޑައިގެންނެވުމުން އެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށްޓަކައި އިސްލާމީ އުންމަތުގެ ކަންކޮޅުތަކަށް ސަފީރުން ފޮނުއްވިއެވެ. އެ ފަތަޙައަކީ އިސްލާމީ އުންމަތަށް ނުހަނު ބަރަކާތްތެރި ފަތަޙައެއްކަމުގައިވާތީއެވެ. އެ އުފާވެރި ޚަބަރު ލިބުމުން މުޅި އިސްލާމީ ދުނިޔޭގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކުރި ކަހަލައެވެ. ވަކީން ޚާއްޞަގޮތެއްގައި މިސުރުގައި އެކަމާ އުފާފާޅުކުރުމުގެ މަހާސަމާތައް ބޭއްވިއެވެ. سـلطـــان الــفــاتــــح ގެ ސަފީރު ޚަބަރާއިގެން މިސުރަށް ވަޑައިގެންނެވުމާއެކު މިސުރުގެ ރަސްގެފާނު إيـنــال شــاه (أبــو نـصـــر سيف الــدّيــــن المـلـك الأشـــــرف إيـنــال الـعــلائـــــى) މުޅި ޤާހިރާގައި އުފާފާޅުކުރުމުގެ ޙަފްލާތައް ބާއްވަން އަމުރުކުރެއްވިއެވެ. މުޅިރަށް ޒީނަތްތެރިކުރާން އެންގެވިއެވެ. سـلطـــان محمّـــد ثــانـــــى ގެ ނަންފުޅު މި މަތިވެރި ފަތަޙަޔަށްފަހު މުޅި އުންމަތުގައި ޢާންމު ވެފައިވަނީ سـلطـــان محمّـــد الــفــاتــــح ގެ މަތިވެރި ލަޤަބުފުޅާ އެކުގައެވެ. މުސްލިމު މުއައްރިޚުން އެހައިތަނުން ފެށިގެން އެނަންފުޅު ފާހަގަކުރަނީ އެފަދައިންނެވެ.

سـلطـــان محمّـــد الــفــاتــــح ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވުމަށްފަހު ކްރިސްޓިޔަނުންނާމެދު ޢަމަލުކުރެއްވީ ނުހަނު ދީލަތިފުޅު ގޮތެއްގައެވެ. އިންސާނީވަންތަކަމާ އެކުގައެވެ. މީގެކުރީންވެސް އަޅުގަނޑުވަނީ އެ މިސާލެއް ނުވާފަދަ މުރުއްވަތްތެރިކަމަށް އަލިއަޅުވައިފައެވެ.

މިކަމާބެހޭގޮތުން ޝާމުކަރައިގެ މަޝްހޫރު ޢިލްމުވެރި އަދީބު ޑޮކްޓަރ مـصـطـفــــى السّـبــاعِــــــى ލިޔުއްވައިފައިވެއެވެ. "سـلطـــان محمّـــد الــفــاتــــح ގެ ކުޑަވެސް ތަޢައްޞުބެއް ނުގެންގުޅުއްވުމާއި ހިތްޕުޅުގެ ތަނަވަސްކަމަކީ ޒަމާންތައް ދައުރުވަމުން ދިޔަކަމުގައިވިޔަސް ފަނޑުވުމެއް އަންނާނެ ކަމެއްނޫނެވެ. ހަނދާން ނައްތައިލާނެ ކަމެއްނޫނެވެ. ތާރީޚުގެ ފަތްފުށްތަކުގެ ތެރޭގައި ވަޅުލެވޭނެ ކަމެއްނޫނެވެ. سـلطـــان الــفــاتــــح އެރަށް ފަތަޙަކުރެއްވިއިރު އެރަށުގެ މުޅި އާބާދީއަކީ މަސީޙީންނެވެ. އެރަށަކީ އިރުމަތީ ޔޫރަޕުގެ މަސީޙީންގެ ދާރުލްޚިލާފަތެވެ. އެބައިމީހުންގެ ޕެޓްރިޔާކެވެ. سـلطـــان محمّـــد އެރަށުގެ މުޅި އާބާދީއަށް އަމާންކަން ދެއްވިއެވެ. އެބައިމީހުންގެ ޖާނާއި މާލާއި، ޢަޤީދާއާއި ފައްޅިތަކާއި ޞަލީބުތައް ޙިމާޔަތްކޮށްދެއްވާނެކަމުގެ ކަށަވަރުކަން ދެއްވިއެވެ. އެބައިމީހުން ޢަސްކަރީ ޚިދުމަތުން އިސްތިސްނާ ކުރެއްވިއެވެ. އެބައިމީހުންގެ ވެރީންނަށް އެބައިމީހުންނާ އެއްދީނެއްގެ މީހުންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ސަރިޔަތްތައް ހިންގައި ނިޔާކަނޑައެޅުމުގެ ހުއްދަ ދެއްވިއެވެ. އެކަންކަމާ ބެހޭގޮތުން ޤާނޫނު ހެދުމުގެ އިޒުނަވެސް ދެއްވިއެވެ. އެބައިމީހުންގެ މައްސަލަތަކުގެ ތެރެޔަކަށް ސަރުކާރުން ވެދެވަޑައެއް ނުގަންނަވައެވެ.

"ޤުސްޠަންޠީނިއްޔާގެ ޢީސާއީންވަނީ سـلطـــان محمّـــد الــفــاتــــح ކަންތައްކުރެއްވިގޮތާއި ބައިޒެންޓެނިޔަނުން ޤުސްޠަންޠީނިއްޔާގައި ވެރިކަން ކުރިއިރު އެބައިމީހުންނާމެދު ޢަމަލުކުރަމުން އައިގޮތާ ދެމެދުގައިހުރި ތަފާތު ފާހަގަކޮށްފައެވެ. ބައިޒެންޓެއިން ސަރުކާރުން ގެންދިޔައީ މަސީޙީންގެ މަޒުހަބީ ތަފާތުތަކާ ވަރަށްބޮޑަށް ބެހެމުންނެވެ. އެބައިމީހުންގެ ޗާޗަށް ތަބާވާ މީހުންނަށް އެހެނިހެން ޗާޗުތަކަށް ތަބާވާ މީހުންގެ މައްޗަށް އިސްކަންދެމުންނެވެ. ދަރަޖަ މަތިވެރިކުރަމުންނެވެ. އެހެންކަމުން މަސީޙީން އެބައިމީހުންގެ މައްޗަށް އަލުން ވެރިކަން ޤާއިމުކުރި ނިޒާމާ ނުހަނުބޮޑަށް ފިކުރާވިއެވެ. އެނިޒާމުގައި ދީނީ ތަޢައްޞުބެއް ނެތުމުން އެކަމާ އިންތިހާޔަށް އުފާކުރިއެވެ. ޚުދު އެބައިމީހުނާ އެއްދީނެއްގެ އަޚުންގެ ކިބައިންވެސް އެފަދަ ހިތުގެ މުއްސަނދިކަމެއް ފެނިފައިނުވާތީއެވެ. ތުރުކިޔޭއިން ޤުސްޠަންތީނިއްޔާގެ ޕެޓްރިޔާކަށް ދީފައިވާ އިޚްތިޔާރުތަކަށް ބަލާއިރު އެއީ ސަރުކާރެއްގެ ތެރޭގައިއޮތް ސަރުކާރެކޭ ބުނެވޭފަދަ ފުރިހަމަ އިޚްތިޔާރުތަކަކާއި ބާރުތަކެކެވެ. އެބައިމީހުން ފަސްސަތޭކަ އަހަރުވަންދެން އެގޮތަށް މިނިވަންކަމާއެކު ދިރިއުޅެމުން ގެންދިޔައެވެ. އެބައިމީހުން މިނިވަންކަމަކީ އެމިނިވަންކަން ދިފާޢުކުރާނެ ޢަސްކަރިއްޔާއަކަށް ބޭނުންނުވާ މިނިވަންކަމެކެވެ. އެމިނިވަންކަން ޙިމާޔަތްކުރަން ޓެކުހެއް ދައްކާން ނުޖެހޭ މިނިވަންކަމެކެވެ." (އިސްލާމީ ތަހްޒީބުގެ ފާންކަންބޮޑު އަރިއަރިމަތި: ޞަފުޙާ: 118)

"ދައުލަތެ ޢުޘްމާނިއްޔާ" ގައި ޑޮކްޓަރ محمّـــدعـــــــزيـــز ވަނީ މިވާހަކަތައް ތަންކޮޅެއް ތަފްސީލު ކުރައްވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ. "سـلطـــان محمّـــد الــفــاتــــح 1 ޖޫން 1453 ގައި ރަށުގެ އެންމެންނަށް އަމާންކަން ލިބިގެންވާކަން ޢާންމުކޮށް އިޢުލާންކުރެއްވިއެވެ. ޤުސްޠަންޠީނިއްޔާ ދޫކޮށްލައިފައި ފިލައިގެންދިޔަ ހުރިހައި މަސީޙީންނަށް އެނބުރި އައުމުގެ ދަޢުވަތު ދެއްވިއެވެ. އެބައިމީހުންގެ ޖާނާއި މާލު ރައްކައުތެރިކުރެއްވުމުގެ ޒިންމާއާ ޚުދު އެމަނިކުފާނު ޙަވާލުވެވަޑައިގެން ހުންނެވިކަން އެންގެވިއެވެ. ރަށުގެ އަހްލުވެރީން ކުރީއްސުރެ ހިންގަމުންއައި ކާރުބާރާއި ކުރަމުންއައި މަސައްކަތްތައް އަމާންކަމާއެކު އަލުން ފަށައިގަތުމުގެ ދަޢުވަތު ދެއްވިއެވެ. އެއަށްފަހު سـلطـــان محمّـــد الــفــاتــــح ގްރީކް ޗާޗުގެ ބިޠުރީޤު އަލުން އެމަޤާމަށް ޢައްޔަންކުރެއްވިއެވެ. ކަލީސާގެ (ޗާޗުގެ) ވެރިކަން ޤަބޫލުކުރެއްވިއެވެ. ޚާއްޞަ ޤަރާރެއްގެ ޒަރީޢާއިން ގްރީކް ބިޠުރީޤަކީ މުޙުތަރަމް ބޭފުޅަކު ކަމުގައި ކަނޑައެޅުއްވިއެވެ. ބިޠުރީޤާއި ޗާޗުގެ އެހެނިހެން ދަރަޖަވެރީން ހުރިހައި ބާވަތެއްގެ ވާރުޚަރާޖަކުން އިސްތިސްނާ ކުރެއްވިއެވެ. ހަމަ އެ ޤަރާރުގެ ޒަރީޢާއިން އިސްތަންބޫލުގައިހުރި ހުރިހައި ޗާޗުތަކެއްގެ ދެބައިކުޅައެއްބައި ޔޫނާނީންނަށް ދެއްވިއެވެ. އެބައިމީހުންގެ ހުރިހައި ދީނީ ރަސްމުތަކެއް އަދާކުރުމުގެ ފުރިހަމަ މިނިވަންކަން ދެއްވިއެވެ. މަސީޙީންގެ ޤައުމީ ހުރިހައި މައްސަލަތަކެއް އެބައިމީހުންގެ ކޯޓުތަކުން ނިންމަމުން ގެންދިޔުމުގެ ހުއްދަ ދެއްވިއެވެ. އެއަށްވުރެ ގިނަ ޗާޗު ބެލެހެއްޓޭފަދަ މާލީތަނަވަސްކަން އެބައިމީހުންގެ ކިބައިގައި ނެތުމާއެކުގައެވެ. މަސީޙީ ކޯޓުތަކުގެ ވެރިޔަކީ ޗާޗުގެ ބިޠުރީޤު ޖޯޖު ގެނާޑިއުސް (George Gennadius) ކަމުގައި ކަނޑައެޅުއްވިއެވެ. އޭނާއަކީ ޚުދު ޔޫނާނީން އިސްކޮށްފައިވާ ބިޠުރީޤެކެވެ. سـلطـــان محمّـــد الــفــاتــــح ޔޫނާނީންގެ ކާވެންޏާއި ވަރިއާއި ވާރުތައިގެ ޤާނޫނުތައްވެސް ދަމަހައްޓަވައިދެއްވިއެވެ. އެކަންކަން ތަންފީޒުކުރެއްވުން ބިޠުރީޤުގެ ދީނީ ކޯޓާ ޙަވާލުކުރެއްވިއެވެ."

ޕްރޮފެސަރ އާނަލްޑް Arnold އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ "ދަޢުވަތެ އިސްލާމް" ގައި سـلطـــان محمّـــد الــفــاتــــح ގެ ތަޢައްޞުބެއް ނުގެންގުޅުއްވުމާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.

"سـلطـــان محمّـــد ثــانـــــى ޤުސްޠަންޠީނިއްޔާ ހިއްޕަވައި އެރަށުގައި އަމަން ޤާއިމުކުރެއްވުމަށްފަހު އެންމެ އިސްކަމަކަށް ހެއްދެވީ ގްރީކް ޗާޗުގެ ބެލެނިވެރިޔަކު ކަމުގައްޔާއި އެ ޗާޗު ޙިމާޔަތްކުރައްވާ ބޭފުޅަކުކަމުގައި ވެވަޑައިގެންނެވުމެވެ. މަސީޙީން އެމަނިކުފާނަށް ބޯލެންބެވުމަށްޓަކައެވެ. މަސީޙީންގެ ރުހުން ހޯއްދެވުމަށްޓަކައެވެ. އެމަނިކުފާނު މަސީޙީންނަށް ހަރުކަށިކަން ދެއްކުން މަނާކުރެއްވިއެވެ. އެކަމާބެހޭގޮތުން ރަސްމީ އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅުގެ ޒަރީޢާއިން ޤުސްޠަންޠީނިއްޔާގެ އައު ބިޠުރީޤާއި އޭނާގެ ޤާއިމްމަޤާމުންނާއި އޭނާގެ ދަށުގައިވާ އުސްޤުފުންނަށް ކުރީގެ ސަރުކާރުތަކުގައި ލިބިފައިއޮތް ބާރުތަކާއި އިޚްތިޔާރުތައް ހަމަޔަށް ދެއްވިއެވެ. އެބައިމީހުންގެ އާމްދަނީގެ ވަސީލަތްތައްވެސް އެބައިމީހުންނަށް ދޫކޮށްލެއްވިއެވެ. ކުރީއްސުރެ އެބައިމީހުން އިސްތިސްނާ ކުރެވިފައިވާ ކަންކަމުން އިސްތިސްނާ ކުރެއްވިއެވެ. ތުރުކިޔޭއިން އިސްތަންބޫލު ފަތަޙަކުރުމަށްފަހު އެންމެފުރަތަމަ ބިޠުރީޤަކަށް ވެވަޑައިގެންނެވީ ގެނާޑިޔުސްއެވެ. އޭނާ އެމަޤާމަށް އިންތިޚާބު ކުރެވުނުކަމުގެ ނިޝާނެއް ކަމުގައިވާ އަސާ އޭނާއާ ޙަވާލުކުރެއްވީ ޚުދު سـلطـــان محمّـــد އެވެ. އެއާއެކު އެއްހާސް އަސްރަފީގެ ކީސާއަކާއި، އަހަށް ސަވާރުވުމުގެ ވަރަށް އަގުހުރި ސާމާނުތަކުން އާރާސްތުކޮށްފައިވާ އަހެއްވެސް ދެއްވިއެވެ. ހަމައެއާއެކު ޙިމާޔަތް ހޯދާން ސެއިންޓް ސޯފިޔާއަށް އައިސްތިބި ހުރިހައި މަސީޙީންނަށް އެބައިމީހުން ފުރާނަތަކާއި މުދާތައް ޙިމާޔަތްކުރެވިގެންވާކަމުގެ ޔަޤީންކަން ދެއްވިއެވެ. އެބައިމީހުންގެ ގޭގެއަށް އަމާންކަމާއެކު ފޮނުއްވައިލެއްވިއެވެ. އެއަށްފަހު ސެއިންޓް ސޯފިޔާގައި ބަންގިދޭން އަމުރުކުރެއްވިއެވެ. އެގޮތުން ސެއިންޓް ސޯފިޔާ ވަނީ ޗާޗަކުން ހުކުރުމިސްކިތަކަށް ބަދަލުވެފައެވެ. (ޞަފުޙާ: 91)

ޖަރުމަން މުޞަންނިފު ސްޓެފަން ސުވޭގު/ޒުވޭގު ލިޔުއްވައިފައިވެއެވެ. "ފައްޅިޔަށް ވެދެވަޑައިގެންނެވުމުގެކުރީން އޭނާ ނުހަނު ތަވާޟުޢުވެރިކަމާއެކު އަސްމަތީން ފައިބައިވަޑައިގެންނެވިއެވެ. ޝުކުރުވެރިވެވަޑައިގެންނެވުމުގެގޮތުން އިސްތަށިފުޅު ތިރިކުރައްވައި ބިންމަތީގައި ނިތްކުރިފުޅު ޖެއްސެވިއެވެ. (ސަޖިދަކުރެއްވިއެވެ.) އެއަށްފަހު ވެލިމުށްވަރެއް ނަންގަވައި އޭނާގެ އިސްތަށިފުޅަށް ވިހުރުވައިލެއްވިއެވެ. އޭނާއަކީ ފަނާވެދާނެ އިންސާނެއްކަން ޤަބޫލުކުރައްވާކަމުގެ ޢަލާމަތެއްގެ ގޮތުންނެވެ. ލިބިވަޑައިގެންނެވި މަތިވެރި ފަތަޙައާމެދު ބޮޑާފުޅުވެވަޑައިނުގެންނެވުމުގެ ގޮތުންނެވެ. ނުއެކަށޭނަ އަހަންމިއްޔަތެއް އޭނާގެ ޒާތުފުޅަށް ދެވުން ބޭނުންފުޅު ނޫންކަން އެންގެވުމުގެ ގޮތުންނެވެ. އެމަނިކުފާނުގެ ޙަޤީޤީ ޚާލިޤުގެ ކުރިފުޅުމަތީގައި ނިކަމެތިވެވަޑައި އަޅުދާސްވެވަޑައިގެންނެވުމަށްފަހު ތެދުވެވަޑައިގެން اللّـــه ގެ ޢާންމު ޚާދިމެއްގެ ބީދައިން ފައްޅިޔަށް ވެދެވަޑައިގެންނެވިއެވެ. އެއަށްފަހު އިމާމަކު ގެންނެވިއެވެ. އެ އިމާމު ޗަބޫތަރާއަށް އަރައިވަޑައިގެން މުޙައްމަދިއްޔަ ދީނުގެ އިޢުލާން ކުރެއްވިއެވެ. (ބަންގި ވިދާޅުވިއެވެ.) އެއާވިދިގެން سـلطـــان ނަމާދުކުރެއްވިއެވެ." (ޚުލާޞާކޮށް، ޞަފުޙާ: 67)

"މުސަލްމާން ޙުކުމްރާން" ގެ މުޞަންނިފު ނުހަނު ލޯބިފުޅުން ލިޔުއްވައިފައިވެއެވެ. މަސީޙީ މުއައްރިޚުން ކޮންމެ އެއްޗެކޭ ލިޔުއްވިކަމުގައިވިޔަސް ތުރުކިޔޭއިންގެ ތާރީޚުގައި ބުނެފައިވެއެވެ. محمّـــد الــفــاتــــح ޤުސްޠަންޠީނިއްޔާގެ އެންމެބޮޑު ފައްޅި ސެއިންޓް ސޯފިޔާގެ ކައިރިޔަށް ވަޑައިގެންނެވުމަށްފަހު އޭނާ އެންމެފުރަތަމަވެސް މުއައްޛިނަށް އެންގެވީ ބަންގި ދިނުމަށެވެ. އޭނާ ފައްޅީގެ މުންނާރަށް އަރައި ބަންގި ދިނެވެ. ބަންގިދޭން ފެށުމާއެކު محمّـــد الــفــاتــــح ސަޖިދަޔަށް ތިރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވެރި ރައްބާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަޅުގެވެރި ރަސްކަލާކޯއެވެ! މިއަޅާއަށް މި މަތިވެރި ރަށް ފަތަޙަކުރެވުނީ ހުސްއެކަނި އިބަރަސްކަލާނގެ ދެއްވި މަދަދުގެ ސަބަބުންނެވެ. ހުރިހައި ޙަމްދަކާއި ތާރީފެއްހުރީ ހަމައެކަނި އިބަރަސްކަލާނގެ ރަސްކަންފުޅަށެވެ. އަޅަމެން އަޅުކަންކުރަނީ އިބަރަސްކަލާނގެއަށެވެ."

ޑޮކްޓަރ مـصـطـفــــى صفـــــوت ލިޔުއްވައިފައިވެއެވެ. "سـلطـــان محمّـــد الــفــاتــــح އެތަނުން (އަޔާސޯފިޔާއިން) ނިމިވަޑައިގެން ރަށުތެރޭގައި ބުރެއް ޖައްސަވައިލެއްވިއެވެ. އެމަނިކުފާނަށް އެރަށުގެ ތަންތަންކޮޅުން ފެނިވަޑައިގެންނެވީ ބައިޒެންޓީނިޔަނުންގެ މަތިވެރިކަމާއި ކީރިތި މޫރިތިކަމުގެ މަޒްހަރުތަކެވެ. އެމަނިކުފާނު ޝަހެންޝާހުގެ ގަނޑުވަރަށް ވަޑައިގެންނެވުމުން އެތަނުންވެސް ފެނިވަޑައިގެންނެވީ ފަޅުކަމެވެ. އެތާނގެ ވީރާނާކޮށްލެވިފައިވާ އީވާންތަކާއި މާލަންތައް ފެނިވަޑައިގެންނެވުމުން ނުހަނު ބޮޑު ޢިބްރަތެއް ކަމުގައިވިއެވެ. سـلطـــان محمّـــد الــفــاتــــح އެރަށުގެ މަސީޙީ ރައްޔިތުންކުރެ އެއްވެސްބަޔަކު އިސްލާމް ކުރައްވާކަށެއް ބާރެއް ނާޅުއްވައެވެ. (ދައުލަތެ ޢުޘްމާނިއްޔާ، ޞަފުޙާ: 115)

ޑޮކްޓަރ مـصـطـفــــى السّـبــاعِــــــى ލިޔުއްވައިފައިވެއެވެ. "سـلطـــان محمّـــد الــفــاتــــح ޢީސާއީންނާމެދު މިފަދަ ދީލަތިފުޅުގޮތެއްގައި ޢަމަލުކުރެއްވީ ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވިއިރު އެމަނިކުފާނާ ޢީސާއީންނާ ދެމެދު އެއްވެސް މުޢާހަދާއެއް ކުރެވިފައި އޮވެގެންނެއް ނޫނެވެ. އެމަނިކުފާނު ތަބާވެވަޑައިގެންނެވުން ލާޒިމުވާ އެއްވެސް ޢަހްދުނާމާއެއް ނެތެވެ. سـلطـــان الــفــاتــــح ޢީސާއީންނާމެދު ބެހެއްޓެވި ރިޢާޔަތާއި ކަންކުރެއްވި ޢަދުލުވެރިކަމާއި އޯގާވެރިކަމަކީ ހަމަ އެމަނިކުފާނުގެ ދީލަތިފުޅުކަމެވެ. ރިވެތި ސުލޫކެވެ. އޭގެސަބަބުން ޤުސްޠަންޠީނިއްޔާގެ އަހްލުވެރީންނަށް އިޙްސާސްވީ އެބައިމީހުންގެ ކުރީގެ ވެރީންކަމުގައިވާ އެބައިމީހުނާ އެއްދީނެއްގެ ބައިޒެންޓީނިޔަނުންނަށްވުރެ އެބައިމީހުންގެ މައްޗަށް އަލަށް ވެރިވި އައު އިސްލާމީ ދައުލަތުގެ ޙިމާޔަތާއި، ހިޔާވަހިކަމުގައި މާބޮޑަށް އަމަންއަމާންކަމުގައި މާބޮޑަށް ދީނީ މިނިވަންކަން ލިބިގެން އެބައިމީހުނަށް ދިރިއުޅެވިދާނެކަމެވެ." (އިސްލާމީ ތަހްޒީބުގެ ވިދައިބަބުޅާ ބައެއް ފަތްފުށްތައް. سيّــد مــعــــروف شــاه شــهــــزادى އެމް.އޭ. (އިދާރާ މަޢާރިފެ އިސްލާމީ - ކަރާޗީ)

(ނުނިމޭ)