ކޯލިޝަންގައި ކުރެވުނު ތަޖުރިބާ އާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޒައީމް، ރައީސް މައުމޫން އަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް މައުމޫން ބައްދަލުކުރައްވަން ބޭނުންފުޅުވާކަން ދެންނެވުމަށް، ރައީސް ސޯލިހަށް އެމްއާރުއެމުން މިއަދު ވަނީ ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި އެމްއާރުއެމްގެ ފަރާތުން ސޮއިކުރެއްވީ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫނެވެ.
އެނގިފައިވާ ގޮތުގައި އެ ސިޓީގައި ވަނީ، މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގައި އެމްއާރުއެމަށް ކުރެވުނު ތަޖުރިބާތަކާ މެދު، އަދި ކުރިއަށްއޮތް ރިޔާސީ އިންތިހާބާ މެދު ބައްދަލުކުރަން ބޭނުންވާ ކަމަށެވެ.
އަމިއްލަ ދަތުރުފުޅެއްގައި ރައީސް މައުމޫން މިވަގުތު ހުންނެވީ މެލޭޝިއާގައިކަމުން، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން އެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ކަމަށް ވެސް ސިޓީގައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީތަކަކާއެކު ކޯލިޝަން ހެއްދެވުމަށް ދައުވަތު އެރުވުމަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. ރައީސް ދައުވަތު އެރުވި ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެއެވެ.
އެމްއާރުއެމްގެ އިތުރުން ދެން ހިމެނެނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އަދާލަތު ޕާޓީއެވެ. އޭގެ ތެރެއިން އެމްޑީއޭ ފިޔަވައި، ދެން ހިމެނޭ ޕާޓީތަކަކީ މިހާރުވެސް ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ޕާޓީތަކެކެވެ.
އަދާލަތުން އިއްޔެ ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފައެވެ. ޖޭޕީން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާ އަދި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައެވެ.
ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް އެމްޑީޕީއާއެކު އެމްޑީއޭ އިން މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. އެ ބައްދަލުވުމުގައި އެމްޑީއޭގެ ފަރާތުން ބައިވެރިވެފައިވަނީ އެޕާޓީގެ ރައީސް، އަހުމަދު ސިޔާމް މުހައްމަދަށް ލަފާ އެރުވުމަށް އައްޔަންކޮށްފައިވާ ފަސް މެންބަރުންގެ ކޮމިޓީންނެވެ. އަދި އެމްޑީޕީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު