ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ހިޔާޅުފުޅު ތަފާތުވެ، އެ ދެ ބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ދެކޮޅުވެރިކަމާއި ވާދަވެރިކަން އުފެދިފައިވީ ނަމަވެސް، ކުރިއަށް ރިޔާސީ އިންތިހާބު ގާތްވަމުންދާ ވަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގައި ބަދަހި ސަފުތަކެއް އޮންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި އިކޮނޮމިކު މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ބައިބައިވުމާ ގުޅިގެން ރިޔާސީ އިންތިހާބަށް އެކަމުގެ އަސަރު ފޯރާނެތޯ، މިއަދު "ވަން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އެއް ވިސްނުމެއްގައި ހުރި މައިގަނޑު ކަންތައްތަކަކަށް އެއްބަސްވި ނަމަވެސް އެމްޑީޕީއަކީވެސް ބައިވަރު ހިޔާލުތަކެއް ހިމެނޭ ކޯލީޝަނެއް ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވަން އެމްޑީޕީއަކީ ވެސް އޭގެ ޒާތުގައި ކޯލީޝަން އެކޭ، ބައިވަރު ހިޔާލުތަކެއްގައި މައިގަނޑު އެއްވިސްނުމެއްގައި ހުންނަ މައިގަނޑު ކަންތައްތަކަކަށް އެއްބަސްވެ އެއްވެފައި ތިބި ބައެއް،" ފައްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން އެކި ކަންތައްތައް ކުރުމުގައި އެމީހުންގެ ތެރޭގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކަން ކުރިމަތިވެފައި ވަނީ ޕާޓީގެ ބާރު ހޯދުމުގެ ކަމެއްގެ ގޮތުގައި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"އެމީހުންގެ ހުންނާނެ އެކި ކަންތައްތައް ކުރުމުގައި ހުން ހިޔާލު ތަފާތުވުން، މިސާލަކަށް ދަރަނީގެ މިންވަރު، އެހެންވީމަ އެ ހިޔާލުތަފާތުވުން އަބަދުވެސް އޮވޭ، ދެން މިހާރު އެކަން އަޅުގަނޑުމެންނާ ކުރިމަތިވެފައި މިއޮތީ ހަގީގަތުގައި ޕާޓީގެ ބާރު ވެރިކަމުގެ ކަމެއްގެ ގޮތުގައި، އަޅުގަނޑު ދެކެނީ، އެކަންތައްތައް މިފަދަ ޕާޓީއެއްގެ ތެރޭގައި ކުރިއަށްދާނެ ކަމަށް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ދާއިރު ޕާޓީގެ މެންބަރުން އެއްކޮށް ތިބެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އެކަމާ ރައީސް ނަޝީދާ އަބަދުވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ، ޗެއާ ޕާސަނެއްގެ ހައިސއިްޔަތުން އަބަދުވެސް އަޅުގަނޑު މި ޕާޓީގައި ހުންނަ މައްސަލަތައް ރަނގަޅު ކުރަން ހުރި ކަންތައްތައް ކުރަމުންދާނަން، އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރާނަން، އަދި އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަން ވެސް އެބައޮތް ރިޔާސީ އިންތިހާބަށް ގާތްވަމުންދާ ވަރަކަށް އަޅުގަނޑުމެންގެ ބަދަހިސަފުތަކެއް އޮންނާނެކަމުގެ،" ފައްޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު