Close
ބެޑްމިންޓަން

ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖްގެ ކޮލިފައިން ބުރުގައި ދިވެހި ކުޅުންތެރިންނަށް ރަނގަޅު ނަތީޖާތަކެއް

ޔޫގާންޑާގެ ކަމްޕާލާގައި އިއްޔެ ފެށި ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓުގެ ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ދިވެހި ކުޅުންތެރިން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

މިމަހުގެ 26 ވަނަ ދުވަހަށް ކުރިއަށްދާ މުބާރާތުގެ ސިންގަލްސް އިވެންޓްތަކުގައި އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން ހަތަރު ކުޅުންތެރިން ވާދަކޮށްފައިވެއެވެ. 64 ކުޅުންތެރިންގެ ކޮލިފިކޭޝަން ފުރަތަމަ ބުރުން ހުރިހާ ކުޅުންތެރިންވެސް ދެވަނަ ބުރަށް ކޮލިފައިވެފައިވާ އިރު، ދެވަނަ ބުރުގައި ޖެހުނީ ވަރުގަދަ ކުޅުންތެރިންތަކަކާ ދެކޮޅަށެވެ. ރާއްޖޭގެ ހުރިހާ ކުޅުންތެރިންވެސް މެއިން ޑްރޯގައި ކުޅުނު މެޗުތަކުންވީ ބައްޔެވެ.

ގައުމީ ޗެމްޕިއަން ނިބާލް އަހުމަދު ކޮލިފައިންގެ ފުރަތަމަ ބުރުގައި ވާދަކުރީ ޔޫގާންޑާގެ އަބްދުއްސުވަބުރު ސެޕީރީއާ ދެކޮޅަށެވެ. މެޗު ނިބާލް ކާމިޔާބުކުރީ 21-17 އަދި 21-16 އިންނެވެ. ދެވަނަ ބުރުގައި ނިބާލް ވަނީ އިންޑިއާގެ ޝަޝްވަތު ދަލާލްއާ ވާދަކޮށް 10-21 އަދި 15-21 އިން ބަލިވެފައެވެ.

މުހައްމަދު އަޖުފާން ރަޝީދު ފުރަތަމަ ބުރުގައި ނުކުތީ މޮރީޝަސްގެ އައިޑެން ޔޫކިޔަޓްއާ ދެކޮޅަށެވެ. އެ މެޗުން އަޖުފާން މޮޅުވީ 21-18 އަދި 21-17 އިންނެވެ. ކޮލިފައިންގެ ދެވަނަ ބުރުގައި އަޖުފާން ބަލިވީ ތަރަންގާ ކެވިން އަތުން 8-21 އަދި 7-21 އިންނެވެ.

އިއްޔެ އަހުމަދު ތޯއިފް އަދި ޒަޔާން ޒަކީވެސް ފުރަތަމަ ބުރުގެ ކޮލިފިކޭޝަންގައި ކުޅުނު މެޗުތަކުން ވަނީ މޮޅުވެފައެވެ. ތޯއިފް ފުރަތަމަ ބުރުގައި ޔޫގާންޑާގެ އަހުމަދު އޮޑުކާ އަތުން 21-5، 21-17 އިން މޮޅުވިއިރު، ދެވަނަ ބުރުގައި ބަލިވީ އިންގްލެންޑްގެ ނަދީމް ޑަލްވީ އަތުން 11-21، 9-21 އިންނެވެ. ޒަޔާން ފުރަތަމަ ބުރުގައި ޔޫގާންޑާގެ ޝިލްޓަން ޓަޔޭބްވާ އަތުން 21-9، 21-12 އިން މޮޅުވިއިރު، ދެވަނަ ބުރުގައި ވާދަވެރި ކުޅުމަކަށް ފަހު ބަލިވީ ޖަރުމަންގެ ކެމިލޯ ބޯސްޓް އަތުން 14-21، 19-21 އިންނެވެ.

އަންހެން ކޮލިފިކޭޝަން ފުރަތަމަ ބުރުގައިވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

އާމިނަތު ނަބީހާ (ނަބީ)އާއި ފާތިމަތު ނަބާހާ (ނަބާ) ފުރަތަމަ ބުރުގައި ކުޅުނީ ޔޫގާންޑާގެ ކުޅުންތެރިންނާ ދެކޮޅަށެވެ. ޔޫގާންޑާގެ ހަރްޝިނީ ހިރާނީ އަތުން ނަބީ 21-3، 21-13 އިން މޮޅުވިއިރު، ދެވަނަ ބުރުގައި ބަލިވީ މުބާރާތުގައި ތިންވަނައަށް ސީޑުކޮށްފައި އޮތް މެލޭޝިޔާގެ ސިތި ނޫރުސުހައިނީ އަތުން 11-21، 10-21 އިންނެވެ. ނަބާހާ ފުރަތަމަ ބުރުގައި ޔޫގާންޑާގެ ވަޔޯލާ ބިރިބާވާ އަތުން 21-1، 21-2 އިން މޮޅުވިއިރު، ދެވަނަ ބުރުގައި އިންޑިއާގެ ސްރެސްތާ ކަނަރެއްޑީ އަތުން ބަލިވީ 18-21 އަދި 13-21 އިންނެވެ.

އިއްޔެ މައިސާ ފަތުހުﷲ އިސްމާއިލް ފުރަތަމަ ބުރުގައި ގްރީސްގެ ދިއޮޑޯރާ ފްރަގޫލިޑޫ އަތުން 24-22 އަދި 21-11 އިން މޮޅުވި އިރު، ދެވަނަ ބުރުގައި ބަލިވީ އިންޑީއާގެ ސާކްޝީ ގެހްލާވަތު އަތުން 7-21، 9-21 އިންނެވެ.

ދެން މުބާރާތުގައި ކުޅޭ ރާއްޖޭގެ އަންހެން ކުޅުންތެރިޔަކީ އައިޝަތު އަފްނާން ރަޝީދެވެ. ފުރަތަމަ ބުރުގައި އޭނާ ކުޅުނު މެޗުން އަފްނާން މޮޅުވީ ޔޫގާންޑާ ކުޅުންތެރިޔާ މެޗަށް ހާޒިރު ނުވާތީއެވެ. އޭނާ ދެވަނަ ބުރުގައި ކުޅުނު މެޗުން ބަލިވީ ޓަނީނާ ވިއޮލެޓް މަމޭރީ އަތުން 8-21، 17-21 އިންނެވެ.

މުބާރާތުގައި ދެން ރާއްޖޭގެ ކުޅުންތެރިން ބައިވެރިވާ ޑަބަލްސް އިވެންޓްތަކާއި މިކްސް ޑަބަލްސް މެޗުތައް މާދަމާ ފަށާނެއެވެ. އަންހެން ޑަބަލްސްގައި ރާއްޖޭގެ ދެޕެއާ އަދި ފިރިހެން ޑަބަލްސްގައި ރާއްޖޭގެ ދެޕެއާ ކުޅޭނެއެވެ. މިކްސް ޑަބަލްސްގައި ކުޅެނީ ނަބާހާއާއި ޒަޔާންގެ ޕެއާ އެކަންޏެވެ.