މުނިފޫހިފިލުވުން

ކުރީގެ ލޯބިވެރިން ބިރުގަންނަ މިންވަރަށް ސަލްމާން ހާން އެމީހުންގެ ޒާތީ ކަންކަމާ ބެހިފައިވޭ: ބާގްޔާޝްރީ

އިބްރާހިމް އަލީފް

ކުރިން ސަލްމާން ހާން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނުން ބިރުގަންނަ މިންވަރަށް އެމީހުންގެ ޒާތީ ކަންތައްތަކާ ބެހި އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައް އޭނާ ހިފަހައްޓައިފައިވާ ކަމަށް މަޝްހޫރު ފިލްމީތަރި ބާގްޔާޝްރީ ބުނެފިއެވެ. ބާގްޔާޝްރީ މިހެން ބުނެފައިވަނީ އޭނާގެ ވައިލްޑް ފިލްމްސް އިންޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.

ހިންދީ ފިލްމް މެއިނޭ ޕިޔާރް ކިޔާ އިން ބާގްޔާޝްރީއާއި ސަލްމާން ހާން ޖޯޑެއްގެ ގޮތުގައި ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެ ދެމީހުންގެ ގުޅުންވެސް އެ ފިލްމަށް ފަހު ވަނީ ވަރަށް ބަދަހިވެފައެވެ. ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި މަގުބޫލުވެފައިވާ މި ދެ ފިލްމީތަރިންގެ ގުޅުމާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ބާގްޔާޝްރީ ބުނެފައިވަނީ އެކަކު އަނެކެއްގެ ސިއްރުތައް ދެމީހުންނަށް ވަރަށް ރަނގަޅަށް ހިއްސާކުރާ ކަމަށެވެ. މިހެން ބުނުމުން ބާގްޔާޝްރީ އަށް ސަލްމާން ހާން އާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ވަނީ އަމާޒުވެފައެވެ.

އެގޮތުން ސަލްމާން ހާން އެއްވެސް މީހަކާ ރައްޓެހިނުވެ ހުސްހަށިބައިކޮށް ހުންނަނީ ކީއްވެތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ބާގްޔާޝްރީ ބުނެފައިވަނީ ސަލްމާން ހާންަށް އެއް އަންހެނަކާ އެކު ލޯބީގެ ގޮތުން މާގިނަ ދުވަހު ގުޅިގެން އުޅުމަކީ ވަރަށް ދަތި ކަމެއް ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެގޮތުން އޭނާއަށް ގިނަ ދުވަހު އެއް އަންހެނަކާ އެއްކޮށް އުޅުމަށް އުނދަގޫވާ އެއް ސަބަބަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނަށް މާބޮޑަށް އަޅައިލުމަށް މަސައްކަތް ކުރުމުގެ ނިޔަތުގައި އެމީހުންގެ ޒާތީ ދިރިއުޅުމުގެ ކަންތަކަށް ނުފޫޒު ފޯރުވައި ދިރިއުޅުމުގައި އެމީހުން ކުރަން ބޭނުން ވަރަށް ގިނަ ކަންތަކަށް ސަލްމާން ހާނަށް ހުރަސްއެޅިފައިވާ ކަމަށެވެ.

މީގެ އިތުރުން ސަލްމާން ހާންގެ ލޯބީގެ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބާގްޔާޝްރީ ބުނެފައިވަނީ ސަލްމާނަށް އެ ސިފަތައް ރަނގަޅު ކުރެވިއްޖެކަން ޔަގީންވާންދެން ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅުމަށް ބޭނުން ނުވާ ކަމަށެވެ. ސަލްމާނަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންގެ ކިބައިން ފެންނަ ބައެއް ސިފަތައް ފެނި އެ ސިފަތައް ދެކެ ވަރަށް އަވަހަށް ފޫހިވާ މީހެއް ކަމަށްވެސް ބާގްޔާޝްރީ ވަނީ ބުނެފައެވެ.

ސަލްމާން ހާނާ ބެހޭ ގޮތުން ކުރެވުނު އިތުރު ސުވާލަކަށް ޖަވާބު ދެމުން ބާގްޔާޝްރީ ބުނެފައިވަނީ ސަލްމާން ލޯބީގެ ގޮތުން މީހުންނާ ގުޅިގެން އުޅުމާމެދު އަމިއްލަ ނަފުސަށް ކުރާ އިތުބާރު ވަރަށް ކުޑަ ކަމަށެވެ. އެގޮތުން އޭނާ އަމިއްލައަށް ވެސް އޭނާއަކީ ލޯބީގެ ގޮތުން މީހަކު ގުޅިގެން އުޅުމަށް އެންމެ އެކަށޭނެ މީހެއް ކަމަށް ނުދެކޭ ކަމަށްވެސް ބާގްޔާޝްރީ ވަނީ ބުނެފައެވެ. މީގެ އިތުރުން ބާގްޔާޝްރީ ބުނެފައިވަނީ ސަލްމާން ބޭނުންވަނީ މީހުން އޭނާއާ އެހާ ގުޅުން ބަދަހި ކުރަން މަސައްކަތް ނުކުރުމަށް ކަމަށެވެ.

ސަލްމާނެ ލޯބީގެ ހަޔާތާ ގުޅޭ މިފަދަ ވާހަކަތަކެއް ބާގްޔާޝްރީ ހިއްސާ ކޮށްފައިވާއިރު ސަލްމާން ފާހަގަކުރެވިފައި ވަނީ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރިންނާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާ މީހެއްގެ ގޮތުގައެވެ. އެގޮތުން ސަންގީތާ ބިޖްލާނީ އާއި ކެޓްރީނާ ކައިފް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރިންގެ ތެރޭގައި ހިމެނެއެވެ.