ފުރަގަސް ފަރާތުގައި ފޮރުވައިގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގައިދީއަކު އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާފުށި ޖަލަށް ގެނައި ގައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު އެ ގައިދީގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެތަކެތި އަތުލައިގެންފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.

އެ ޓުވީޓާއެކު ކޮމިޝަނަރު އާއްމު ކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ޖޫސްޕެޓީ ކޮތަޅެއްގެ ތެރޭގައި އެތަކެތި ބަންދުކުރުމަށް ފަހުއެވެ.

ޖަލަށް މަސްތުވާތަކެއްޗާއި މަނާތަކެތި ވައްދާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެއެވެ.