ބޮލީވުޑްގެ ޖޯޑެއް ކަމަށްވާ ސިދާތު މަލޯތުރާ އާއި ކިއަރާ އަދްވާނީގެ ކައިވެނީގެ ފޮޓޯތަކުގެ ރީތި ކަމުގެ ވާހަކަ ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ. މި ދެތަރީން ކައިވެނި ކުރީ އިންޑިއާގެ ރާޖިސްތާނުގެ ހޮޓަލެއް ކަމަށްވާ ސޫރްޔަގާހް ޕެލެސްގައި މި މަހުގެ 7 ވަނަ ދުވަހުއެވެ.
އެކި ދުވަސް މަތިން އެމީހުންގެ ކައިވެނީގެ ފޮޓޯ ސިދާތާއި ކިއަރާ މީސްމީޑިއާގައި ހިއްސާ ކުރަމުން އަންނައިރު އެއް ދުވަހަށް ވުރެން އަނެއް ދުވަހު ހިއްސާކުރާ ފޮޓޯތައް ފުރިހަމަވެފައި ރީތިކަމަށް ވަރަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި އެ ފޮޓޯތަކަށް ތައުރީފުވެސް ކޮށްފައެވެ.
އެންމެ ފަހުން އެ ދެމަފިރިން ރޭގެ ވަގުތެއްގައި ކައިވެނި ހަފުލާގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ހަތަރު ފޮޓޯއެއް ރޭ ހިއްސާކޮށްފައިވާއިރު އެ ފޮޓޯ ތަކުގެ ކެޕްޝަނެއްގެ ގޮތުގައި ޖަހާފައިވަނީ "ސަމްތިން އެބައުޓް ދެޓް ނައިޓް، ސަމްތިން ރިއަލީ ސްޕެޝަލް" މިހެންނެވެ. ކައިވެނި ކުރި ރޭގެ ހާއްސަ ކަމަކަށް އިޝާރާތް ކުރަމުން ހިއްސާކުރި މި ފޮޓޯތައް މަދު ހިނދުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް ކަމުގޮސްގެން އެއަށް ތައުރީފުކޮށްފައިވާއިރު އެ ފޮޓޯތަކަށް އާންމުކޮށް މިފަދަ ފޮޓޯތަކަށް ކޮމެންޓުކޮށް ނޫޅޭ ފަރާތަކުން ކޮމެންޓުކޮށް ވަނީ ގިނަ ބައެއްގެ ސަމާލުކަން އެ ކޮމެންޓަށް ހޯދައިފައެވެ.
އިންޑިއާގެ މަޝްހޫރު ކާބޯތަކެތި ޑެލިވަރީ ކުރާ އޮންލައިން އެޕްލިކޭޝަނެއް ކަމަށްވާ 'ޒޮމަޓޯ'ގެ އިންސްޓަގްރާމް އެކައުންޓުންވެސް ވަނީ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮމެންޓު ކޮށްފައެވެ. ޒޮމަޓޯގެ އިންސްޓަގްރާމް އެކައުންޓުން "ލަވް ޔޫ ގައިސް، ބަޓް ޔާރް، ކިތުނާ ޖެލަސް ފީލް ކަރްވޯގޭ" އޭ ބުނެ ކުރި ކޮމެންޓުން އެއްބަޔަކު ހައިރާންކުރުވިއިރު އަނެއްބަޔަކު ހެއްވާލިއެވެ.
ކޮމެންޓުގައި ބުނެފައިވަނީ ދެމަފިރިން ދެކެވެސް ވަރަށް ލޯބިވާ ކަމަށާއި އެ ދެމަފިރިންގެ މިފަދަ ފޮޓޯތަކުން ކުރިއަށް އޮތްތަނުގައި އާންމުން ކިހާ އާޝޯހު ކުރުވާނެތޯއެވެ.
ޒޮމަޓޯގެ މިކޮމެންޓާ އެކު ގިނަ ބަޔަކު ވަނީ ޒޮމަޓޯގެ އެ ކޮމެންޓަށް އެކި ކަހަލަ ކޮމެންޓުކޮށްފައެވެ. އެގޮތުން ޖެލަސް ނުކޮށް ކާއެއްޗެހި ހިލޭ ދެވިދާނެތޯ ސުވާލުކުރުމާއި، ޒޮމަޓޯ އެކައުންޓު ބަޔަކު ހެކް ކުރީތޯ ސުވާލުކުރުމުގެ އިތުރުން ޒޮމަޓޯ އެކައުންޓުގެ އަސްލު ހަގީގީ މަގުސަދާ މެދު ސަމާސާ މިޒާޖަށް ގިނަ ބަޔަކު ވަނީ ކޮމެންޓަށް ރައްދު ދީފައެވެ.
ސިދާތާއި ކިއަރާގެ ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން މިހާ ބޮޑަށް އަމާޒުވެފައި ވަނީ އެ ދެމީހުން ކައިވެނީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރުވެސް އެކަން އާންމުންނަށް ސިއްރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީއެވެ. އިންޑިއާގެ މީޑިއާތަކުގައި އެދެމީހުން ކައިވެނި ކުރާނެ ކަމަށް ބުނެފައިވާ ތާރީހުގެ 3 ދުވަސް ފަހުން ކައިވެނިކޮށްފައިވާއިރު ކައިވެނި ކުރިކަން ފުރަތަމަ މީޑިއާއަށް ޔަގީންވެފައިވަނީ އިންޑިއާގެ ކައިވެނިތަކުގައި ބޭނުންކުރާ ސަވާރީ އެ ދެމަފިރިން ކައިވެނިކުރި ހޮޓަލުން ނެރެގެން ގެންދާތަން ފެނުމުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
މަޝްހޫރު ހިންދީ ފިލްމް ޝޭރްޝާގެ ސެޓުން ދިމާވި މި ދެމަފިރިންގެ ކައިވެންޏަށް ބޮލީވުޑާއި އިންޑިއާގެ މަޝްހޫރު ގިނަ ބަޔަކު ވަނީ ގޮސްފައެވެ. އެގޮތުން އަލްބާނީ އާއިލާ އާއި ޝާހިދް ކަޕޫރުގެ ދެމަފިރިން އަދި ކަރަން ޖޯހަރް ފަދަ ތަރިން މިކައިވެނީގެ ހަފުލާގައިވަނީ ބައިވެރިވެފައެވެ.