މިއަދަކީ ހިޖުރީ ކަލަންޑަރުން ދިވެހިން ފާހަގަ ކުރަމުން އަންނަ މުހިންމު ދުވަހަކާއި މީލާދީ ކަލަންޑަރުން މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް އެއްދުވަހަކަށްވި ދުވަހެވެ. އެއްދުވަހަކީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހެވެ. އަނެއްދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހެވެ. ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަަހަކީ ކޮންމެ މީލާދީ އަހަރެއްގެ ފެބްރުއަރީ 21 ވަނަ ދުވަހު މުޅި ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުންނެވެ. ދިވެހީންގެ ފަޚުރުވެރި ދިވެހިބަހާއި އެބަހުގެ ބަހުރުވަތަކާމެދު ވިސްނައި ދިވެހިބަސް ހިމާޔަތްކުރުމުގެ އަޒުމް އައުކޮށް ވަރުގަދަކުރާ ދުވަހެއްގެ ގޮތުގައެވެ. ހިޖުރީ ކަލަންޑަރުން ޝައުބާން މަހުގެ އެއްވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަ ޝަހީދުންގެ ދުވަހެވެ. އެހެންވީމާ ހިޖުރީ ކަލަންޑަރުގެ މުހިންމު ދުވަހަކާއި މީލާދީ ކަލަންޑަރުގެ ހަމައެފަދަ ދުވަހެއް އެއްވީއެވެ. ދިމާވީއެވެ.
ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޭފުޅަކީ އެއްވެސް ދިވެއްސަކަށް އިތުރު ތައާރަފަކަށް ބޭނުންނުވާނެ މަޝްހޫރު އަލިރަސްގެފާނެވެ. އެރަދުން ގިނިކަންޏާ ކަހަލަ ގޮތަކަށް ދިވެހީންގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ޕޯޗުގީޒުންނާ ކުރިމަތިލައްވައި ކުރެއްވި ޖިހާދަކީ ކޮންމެ ދިވެއްސަކަށްވެސް އަގުހުރި ފިލާވަޅެކެވެ. ގައުމާއި ދީނުގެ ހައްގުގައި ކިތަންމެ ދިވެހީން ވަނީ އެމީހުންގެ ފުރާނަ ގުރުބާންކޮށްފައެވެ. އެއިން ކޮންމެ މީހަކީ ގައުމީ ބަތޮލެކެވެ. އެހުރިހާ ބަތޮލުންގެ ތެރެއިން ނުވަތަ އެންމެހައި ދިވެހި ޝަހީދުންގެ ތެރެއިން އެންމެ ދަރަޖަ މަތިވެރި ބޭފުޅަކީ ޝަހީދު އަލިރަސްގެފާނެވެ. އައްސުލްތާން އަލީ ސިރީ އައުދަސިއާކަ ކައްތިރި މަހާރަދުންނެވެ. ޝަހީދުކުރެވުނީ 1 ޝައުބާން 965 ގައެވެ. އެހާދިސާއަށް މިއަދު މިފުރުނީ 479 އަހަރެވެ.
ޝަހީދުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހީންގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ފުރާނައިން ގުރުބާންވެފައިވާ ދިވެހި ބަތޮލުންގެ ހަނދާން އައުކޮށް އެބޭފުޅުންގެ މަތިވެރިވެގެންވާ ޖިހާދުން ފިލާވަޅު ލިބިގަތުމެވެ. ދިވެހިރާއްޖޭގެ ތާރީޚުން ހިތްވަރު ލިބިގަތުމާއެކު މި ވަތަން މިނިވަންކަންމަތީގައި އަބަދަށް ބޭއްވުމުގެ އަޒުމް އައުކޮށް ވަރުގަދަކުރުމެވެ. އަލިރަސްގެފާނުގެ ޖިހާދުންވެސް، އުތީމު އަލިތަކުރުފާނުގެ ގުރުބާނީންވެސް، ކަނބާ އައިޝާގެ ގުރުބާނީންވެސް، އަދި ދާދި އިހަކަށްދުވަހު 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގައި ދިވެހިރާއްޖެއަށްޓަކައި ފުރާނަ ދޫކޮށްލި ގައުމީ ބަތޮލުންގެ ގުރުބާނީންވެސް ކިތަންމެ ފިލާވަޅެއް ލިބެއެވެ. އެހެންވީމާ ޝަހީދުންގެ ދުވަހު މިއެންމެހައި ބަތޮލުންނާއި އެބަތޮލުން ކުރެއްވި ޖިހާދުގެ މަތިން ހަނދުމަކުރަން ޖެހެއެވެ.
އަލިރަސްގެފާނު ޝަހީދުވުމަށް މެދުވެރިވި ސަބަބާމެދު ވިސްނައިލާއިރު ފެންނަނީ ގައުމީ މަސްލަހަތަަށްވުރެ ބައެއް ދިވެހީންގެ ފަރާތުން އަމިއްލަ މަސްލަހަތު އިސްކުރުމުގެ ސިފައެވެ. ގައުމުގެ މިނިވަންކަމާއި ދީނުގެ މަތިވެރިކަމަށްވުރެ އަމިއްލަ ދަހިވެތިކަން އިސްކުރުމުގެ ސިފައެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިވެހީންގެ އަތުން ބީވެގެންދިޔަ ކޮންމެ ފަހަރަކުމެ އެކަމުގެ ސަބަބަކަށް މެދުވެރިވި ކަންކަމެވެ. އަލިރަސްގެފާނު ގިނިކަންޏާ ޖިހާދުކުރައްވަން ޖެހިވަޑައިގެންނެވި ސަބަބަށް ވިސްނައިލާއިރު ފެންނަނީ ގައުމާއި ދީނަށް ލޯބިކުޅައުމުގެ ސިފަނެތިގޮސް ފިނޑިކަމާއި ކަންނެތްކަން އިޚުތިޔާރު ކުރުމުގެ އާދައެވެ. ކުރިން ދެންނެވިފަދައިން މިފަދަ ޖިހާދަކުން، މިފަދަ ގުރުބާނީއަކުން ފިލާވަޅު ލިބިގަތުން އެންމެހައި ދިވެހީންގެ މައްޗަށް ލާޒިމުކުރާއިރު ވިސްނަންޖެހެނީ ތާރީޚު އިއާދަނުވާނޭ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ.
ދެންއޮތީ މާދަރީބަހުގެ ވާހަކައެވެ. މިއީ މާދަރީބަހުގެ ދުވަސްކަމަށްވެސް ވާތީއެވެ. ދިވެހި ގައުމިއްޔަތުގެ އެއްތަނބަކީ ދިވެހިބަހެވެ. ދިވެހިން އެއްބައިވަންތަ ކުރުވާ އެކައްޗަކީ ފަޚުރުވެރި ދިވެހި ބަހެވެ. މިފަދަ ދުވަހެއްގައި ދިވެހީންގެ މާދަރީބަސް އޮތް ހާލަތާއި އެ ހާލަތަށް ވެއްޓުނު ސަބަބުތަކާމެދު ވިސްނައިލުން ހުއްޓެވެ. ދިވެހީންގެ ތެރޭގައި ދިވެހިބަހަށް ލޯބިކުރުން ކުޑަވެއްޖެއެވެ. ދިވެހިބަހަށް އޮންނަ ގަދަރާއި އިހުތިރާމް ކުޑަވެއްޖެއެވެ. މިއީ ކިހާވަރެއްގެ ކަމެއްތޯއެވެ. ގައުމިއްޔަތުގެ އެއްތަނބަށް ލޯބިކުރުން ކުޑަވެ، އިހުމާލުވުން ބޮޑުވީމާ ދެން އެތަނބު ފީވެ، އޭގެމަތީގައި އާރާސްތުކުރެވިފައިވާ އިމާރާތް ވެއްޓި ކުދިކުދިވާން ލަސްތަކެއް ނުވާނެއެވެ. އެހެންވީމާ މާދަރީބަހުގެ ދުވަހު އެންމެހައި ދިވެހީންވެސް އަޒުމް ކަނޑައަޅަންވީ ދިވެހިބަހަށް އޮންނަ ލޯބި ބޮޑު ކުރުމަށެވެ.
މިވާހަކަ މިމޭރުމުން ދައްކަން ޖެހުނީ ދިވެހިބަހަކީ ޒަމާނަށް ނުފެތޭ ކަޓު ބަހެއްކަމަށް ހީވެގެން އެބަސް އުވައިލުމަށް ބަހުސުކުރާ ޒުވާނުން ފެންނާތީއެވެ. ދިވެހިބަސް ފަގީރުވެގެން، މިޒަމާނުގެ އީޖާދީ ޕްލެޓްފޯމްތަކާ ފައިހަމަނުކުރެވޭކަމަށް ވެގެން، ދިވެހިބަހުން ތާނައިން ލިޔަން އުނދަގޫވެގެން ހަމަފާޅުގައި ޝަކުވާކުރާ ޒުވާނުން އެބަފެނެއެވެ. ދިވެހިބަސް ދިރުވައި ތަރައްގީ ކުރުމަކީ ދިވެހިންގެ ޒިންމާއެކެވެ. ބަހުގެ ފަގީރުކަން ކުޑަކުރެވޭނީ ޒަމާނާ އެއްގޮތަށް ބަސް ކުރިއަރުވަން މަސައްކަތްތަކެއް ކުރެވިގެންނެވެ. އެކަން ނުކޮށް ބަސް އުވައިލީމާ މިޖެހެނީ ކޮންތާކުތޯއެވެ. ޖިހާދުކުރަން އުނދަގޫވެގެން، ގައުމިއްޔަތަށް ލޯބިކުރުމަކީ ކަޓުކަމަކަށްވެގެން އަލިރަސްގެފާނު ގިނިކަންޏާ ޕޯޗުގީޒުންނާ ކުރިމަތިލާން ދޫކޮށްލީމާ ދެންވީގޮތް އެއޮތީ ފެންނާށެވެ. ގައުމިއްޔަތުގެ އެއްތަނބު ވައްޓައިލީމާވެސް ވާނީ ހަމައެހެންނެވެ. އެހެންވީމާ ދިވެހިބަހުން މުއާމަލާތު ކުރުމަކީ ފަޚުރެއްކަމުގައި ބަލަން އެބަޖެހެއެވެ. ދިވެހިންގެ ސިކުނޑިތައް ދުޅަހެޔޮގޮތުގައި ދެމެހެއްޓުމުގެ ބާރަކީ ދިވެހިބަސް ކަމަށް ގަބޫލުކުރަން އެބަޖެހެއެވެ.