މަގުކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ 154 ޕަސެންޓް ބޮޑުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައި އަމަލުކުރަން ފެށި އުސޫލު ބާތިލުކުރުމަށް ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ސްޓެލްކޯއިން މި މައްސަލަ މީގެ ކުރިން ހައިކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ އެ ފަހަރު ބަލައެއް ނުގަތެވެ. އެހެންވެ މި މަހުގެ އަށްވަނަ ދުވަހު އެ މައްސަލަ ސްޓެލްކޯގެ ފަރާތުން އަނެއްކާވެސް ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގެ ރެޖިސްޓްރާއިން އެ މައްސަލަ ބަލައިގަތީ އިއްޔެއެވެ.
ސްޓެލްކޯއިން މީގެ ކުރިން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ވަނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަމަލުކުރަން ފަށާފައިވާ ކަމަށް ބުނެ ދެ އުސޫލެއް ބާތިލުކުރުމަށް އެދިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ސިޓީ ކައުންސިލުން އަމަލުކުރަން ފެށި، މާލޭ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތްކުރުމުގެ އުސޫލެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، ސިޓީ ކައުންސިލުން، އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް ކަމަށާއި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.
ސްޓެލްކޯއިން މިމަހުގެ ދެ ވަނަ ދުވަހު ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ވަނީ، ސްޓެލްކޯއިން ހުށަހަޅާފައިވާ ދެ އުސޫލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސުލުން ހިންގުމުގެ ގާނޫނުގެ 152 ވަނަ މާއްދާ އާއި ގާނޫނު އަސާސީގެ 271 ވަނަ މާއްދާ އާއި 274 ވަނަ މާއްދާގެ (ހ) އާ ހިލާފު ދެ އުސޫލު ކަމަށް ބުނެފައިވީ ނަމަވެސް، އެކަމުގެ ސަބަބުތައް ބަޔާންކޮށް ތަފުސީލު ކޮށްދީފައިނުވާތީ ސްޓެލްކޯއިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގާ ކަމަށެވެ