ރަޝިޔާގެ ހުޅަނގު ދެކުނުގައި އޮންނަ އެންމެ މުހިންމު އަދި އެންމެ ދުވަސްވީ އެއްސަހަރަކީ ވޮލްގޯގްރާޑެވެ. ވޮލްގާ ކޯރުގެ ހުޅަނގު އައްސޭރީގައި އާބާދުކުރެވިފައިވާ މި ސަހަރުގައި މިއަދުވެސް ގާތްގަޑަކަށް މިލިޔަނެއްހައި މީހުން ދިރިއުޅެއެވެ. ދުނިޔޭގެ ގިނަ ބަޔަކަށް މި ސަހަރު ދަސްވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެންމެ ވަރުގަދަ ހަމަލާތަކެއް އެންމެ ގިނަދުވަހަށް ބަދަލުކުރެވި، ޖަރުމަންވިލާތުގެ ކުރިއެރުން ހުއްޓި، ހަނގުރާމައިގެ އޮއިވަރު ބަދަލުވުމުގެ މައިގަޑު ސަބަބުކަމަށްވި ސަހަރުގެ ގޮތުގައެވެ. އެސަހަރުގައި އެކަނި ހިނގި ހަނގުރާމައިގައިވެސް ދެ މިލިޔަން މީހުން މަރުވިއެވެ. މި ސަބަބަށްޓަކައި ހަނގުރާމައިގެ ތާރީޚު ދަންނަ އެންމެނަށްވެސް ސްޓާލިންގްރާޑް އެނގޭނެއެވެ. އޭރުގެ ސްޓާލިންގްރާޑަކީ މިއަދުގެ ވޮލްގޯގްރާޑެވެ.
މި ސަހަރު ހިފުމަށްޓަކައި ޖަރުމަންވިލާތުން 1942 ވަނަ އަހަރުގެ ޖުލައި ސަތާރައިން ފެށިގެން 1943 ވަނަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހާ ހަމަޔަށް މަސައްކަތް ކުރީ، އެއީ އެހިސާބުގެ ކޮންޓްރޯލަަށްޓަކައި ހިފުން މަޖުބޫރު ސަހަރަކަށްވާތީއެވެ. ޖަރުމަންވިލާތުގެ އާރާއި ބާރު އަދި ހަކަތަ ދިޔައީ މިކަމެއްގެ ތެރޭގައެވެ. ކުރިއަަށްމިދާ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހަކީ ސްޓާލިންގްރާޑުގައި ޖަރުމަނު ސިފައިން ބަލިވިތާ 80 އަހަރު ފުރުނު ދުވަހެވެ. މިކަން ފާހަގަކުރުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން އެސަހަރަށް ވަޑައިގެން ނުހަނު ބޮޑު ރަސްމިއްޔާތެއް ބޭއްވެވިއެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވިއެވެ. ރައްޔިތުންނޭވެ. ހޭއަރައިގެން ތިބޭށެވެ. 80 އަހަރު ފަހުން ރޫސީންނަށް ޖަރުމަން ޓޭންކުތަކުގެ ބިރުވެރިކަން އަނެއްކާވެސް ކުރިމަތިވެއްޖެއެވެ.
ރައީސް ޕުޓިން އެދެއްވި އިންޒާރުގެ މާނަޔަކީ ކޮބައިބާވައެވެ. ޖަރުމަންވިލާތުގެ ކޮން ޓޭންކެއްގެ ވާހަކަ ބާވައެވެ. ޕުޓިން އެ އިޝާރާތް ކުރައްވަނީ ރަޝިޔާ ބަލިކޮށްލުމަށްޓަކައި ޔުކްރޭނަށް ދިނުމަށް ޖަރުމަންވިލާތުން ނިންމާފައިވާ ލެއޮޕަޑް ޓޭންކަށެވެ. މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި ޒަމާނީ އެއް ޓޭންކެވެ. ޖަރުމަންވިލާތަކީ ހަނގުރާމަމަތީ ޓޭންކު އުފައްދައި އެތަކެތި ބޭނުންކުރުމުގައި އެންމެ ދިގު އަދި އެންމެ ކަޅު ތާރީޚު ލިބިގެންވާ ގައުމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބާވީސް ޖޫން 1941 އިން ފެށިގެން 2 މެއި 1945 ވަނަ ދުވަހާ ހަމަޔަށް ރޫސީވިލާތުން 27 މިލިޔަން މީހުން ފަނާވެގެން ދިއުމުގެ ސަބަބަކީ ޖަރުމަންވިލާތުގެ ޕެންޒަރ ޓޭންކެވެ. ޖަރުމަނުގެ ޓޭންކޭ މީހަކު ބުނާއަޑު އިވުނަސް ރޫސީންގެ ހިތްތަކުގައި ރުޅިވެރިކަމުގެ ގައުމީ ރޫހެއް ހިނގަަައިގަނެއެވެ.
މިވާހަކަފުޅު މިދުވަހު، މިގޮތަށް، ދެއްކެވުމުގެ މަގުސަދު ވަރަށް ސާފެވެ. ރަޝިޔާގައި ހުޅަނގާ ދެކޮޅު ގައުމީ ރޫހު އިތުރަށް ވަރުގަދަ ކުރުމެވެ. އެކަންދަނީ ހާސިލްވަމުންނެވެ. ޕުޓިން ވިދާޅުވިއެވެ. ޖަރުމަންވިލާތުގެ ޓޭންކުތައް ރަޝިޔާއާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ތާރީޚު އަނެއްކާވެސް އިއާދަވަނީއެވެ. އެކަމަކު މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ޒަމާނެއް ނޫނެވެ. ޒަމާން މިއަދު އޮތީ ބަދަލުވެފައެވެ. ރަޝިޔާގެ އަތުގައިހުރީ ހަމައެކަނި ޓޭންކާއި ބޮޑުބަޑިއެއް ނޫނެވެ. ޖަރުމަންވިލާތުގެ ބްލިޒްކްރީގަކުން ދެން އަލަކުން މޮސްކޯގެ ރަށްބޭރުގައި ބަނޑަހަޖަހަން ފުރުސަތެއް ނުލިބޭނެއެވެ. ރަޝިޔާގެ އެންމެ އިންޗިއަކަށްވެސް ބާރެއް ނުފޯރުވޭނެއެވެ. ބްލިޒްކްރީގޭ އެވިދާޅުވީ ޓޭންކުގެ އެހީގައި އަވަސްކަމާއެކު ސަރަހައްދުތައް ހިފުމަށް ޖަރުމަންވިލާތުގެ ކޮމާންޑަރުން ބޭނުންކުރި ހަނގުރާމައިގެ ފަލްސަފާއަށެވެ.
ރަޝިޔާއިން ގަބޫލުކުރާގޮތުގައި އެގައުމުގެ ކަލިނިންގްރާޑޭ ކިޔުނު ސަރަހައްދާމެދު ޖަރުމަންވިލާތުގެ ދަހިވެތިކަމެއް މިހާރު އެބައޮތެވެ. އެއީ 1945 ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ހަމަޔަށް ޖަރުމަންވިލާތުގެ ބައެކެވެ. އޭރުގެ ނަމަކީ ކޮނިގްސްބާގެވެ. އޮންނަނީ ބޯލްޓިކް ކަނޑުގެ އައްސޭރީގައި ލިތުއޭނިޔާ އާއި ޕޮލެންޑާ ދެމެދުގައެވެ. މިތަން ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެހުނީ ހަނގުރާމަ ނިމުމަށްފަހު ރަޝިޔާ އާއި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވެރިން ސޮއިކުރެއްވި ޕޮޓްސްޑަމް އެއްބަސްވުމަށްފަހުގައެވެ. މިއީ ހަނގުރާމައަށްފަހު ޖަރުމަންވިލާތާމެދު އަމަލުކުރާނޭ ގޮތަކާއި އިރުމަތީ ޔޫރަޕުގައި ރޮނގު ދަމައިލާނެ ގޮތަކާމެދު ވެވުނު އެއްބަސްވުމެކެވެ. ރަޝިޔާ ނިކަމެތިކޮށްލަން ޖަރުމަންވިލާތުން މިހާރު އެދެނީ ކަލިނިންގްރާޑު ޖަހައިގަތުމުގެ ނިޔަތުގައި ކަމަށް ދުށުމުގެ ފުރުސަތު އެބަައޮތެވެ.
ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމަށްފަހު ކަލިނިންގްރާޑް ވަނީ ރަޝިޔާއާ ވަކިން މާދުރުގައި އޮންނަ ތަނަކަށްވެފައެވެ. އެއީ ލިތުއޭނިޔާ މިނިވަން ވުމުންނެވެ. ކުރިން ކަލިނިންގްރާޑަށް އޮންނަ ފާލަމަކީ ލިތުއޭނިއާއެވެ. ރަޝިޔާއާ ދެކޮޅަށް މިހާރު ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕުގެ އެހެން ގައުމެއްގެ ސަރަހައްދުގެ ތެރެއިން ކަލިނިންގްރާޑަށް އެއްވެސް އެއްޗެއް ގެންދިއުން މަނާކުރުން ހިމެނެއެވެ. މިކަމަކީވެސް އެ ސަރަހައްދު ރަޝިޔާގެ އަތުން ޖަހައިގަތުމުގެ ނިޔަތް އެކުލެވޭ ކަމެއް ކަމަށް ރައީސް ޕުޓިން ގަބޫލުކުރައްވައެވެ. ބްލިޒްކްރީގަކުން ރަޝިޔާގެ އެންމެ އިންޗިއެއްވެސް ދެން ނުހިފޭނެކަމަށް އެވިދާޅުވަނީ މިކަމަށް އިޝާރާތް ކުރައްވައިފައެވެ. ކަލިނިންގްރާޑުގެ ބޮޑުމިނަކީ ގާތްގްޑަކަށް 15200 އަކަކިލޯމީޓަރެވެ. އާބާދީއަކީ މިލިޔަނެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ