ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިހާރައެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަ މަރާމާތުގެ މަސައްކަތަށް ބަންދުކޮށްފައިވުމުން އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ހުޅުމާލެ ފަދަ ބޮޑު އަބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނެކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ.

"މިފަދަ މުހިންމު ޝަކުވާތައް ދެނެގަނެ، ޒަމާނީ ހައްލު ހޯދައިދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ހުޅުމާލެ ފޭސް ދޭއް ވިނަރެސް ފުލެޓް ތިރީގައި ރޯދަމަހަށް ހާއްސަކޮށްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށައިފައެވެ." އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭ ފޭސް ދޭއްގައި ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ އެސްޓީއޯގެ މުދާތައް ރަނގަޅު އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ހުޅުމާލޭ ފޭސް ދޭއްގައި ފިހާރަ ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް ފިހާރަ ހުޅުވޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ފިހާރައިން އެސްޓީއޯއިން އާންމުކޮށް ލިބެން ހުންނަ ހުރިހާ މުދަލެއް ލިބެން ހުންނާނެ ކަމަށާއި ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރާ ފިޔާ، އަލުވި އަދި ބިސްވެސް އެ ފިހާރައިން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ރޯދަމަހުގައި އަބަދުވެސް ތަކެތީގެ އަގުބޮޑުވެ، މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިއަހަރުގެ ރޯދަމަސް ކައިރިވެފައިވާ އިރު، އެ ކުންފުންޏަށް އެންމެ ގިނައިން ލިބެމުން އަންނަ ޝަކުވާއަކީ ފިޔާ، އަލުވި އަދި ބިސް ފަދަ ތެކެތީގައި އަގުތައް މަތިވެދާނެކަމުގެ ޝަކުވާ ކަމަށެވެ.

ނަމަވެސް އަގުތައް ހިފެހެއްޓުމުގެ ގޮތުން ފިޔާ، އަލުވި، އަދި ބިހުގެ ސްޓޮކް ހުސްވިޔަ ނުދީ ހިފަހައްޓާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަންނަ މަހުގެ ކުރީކޮޅުގައި ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރާ އެ ބާވަތްތަކުގެ ސްޓޮކް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.