ޚަބަރު

މަޖިލިސް ރައީސްގެ ރައްކާތެރިކަމަށް ހުރަސްއެޅޭ ވާހަކަ ނުދައްކަން މެންބަރު ހުސެއިނަށް އަންގަވައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭގޮތަށް ވާހަކަ ނުދެއްކުމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމަށް މަޖިލިސް ރައީސް އަންގަވައިފިއެވެ.

މަޖިލިސް ރައީސް މިކަން އެންގެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ ސަލާމަތާ ރައްކާތެރިކަމަށް، މިއަހަރުގެ ބަޖެޓުގައި ވެސް 23 ހަކަށް މިލިޔަން ރުފިޔާ ހިމަނައިގެން ފާސްކޮށްފައިވާއިރު، ސަރުކާރަށް ޖެއްސުންވާގޮތަށް މަޖިލިސް ރައީސް ކަންތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެެވެ.

ޝަހީމް ވިދާޅުވީ، މަޖިލީހަށް ވަނުމަށް އެމްޑީޕީ މެންބަރުންނަށް ރައްޔިތުން ވޯޓު ދިނީ، ސަރުކާރަށް އެއްބާރުލުން ދިނުމާއި ދައުރުން ބޭރުން ސަރުކާރު ވައްޓާލަފާނެ ކަމަށާއި، ދައުލަތެއްގެ ގޮތުގައި ދައުލަތް ނުހިނގަފާނެތީ އާއި ސަރުކާރު ހިމާޔަތް ކުރުމާއި، ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

ނަމަވެސް މަޖިލިސް ތެރެއިން ފެނިގެންދަނީ، މަޖިލީހުގެ ރިޔާސތުން، (މަޖިލިސް ރައީސް) ވެސް ސަރުކާރަށް ޖެއްސުންވާގޮތަށް، ފުރައްސާރަވާގޮތަށް ކަންކަން ކުރަމުން ދާތަން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކެމްޕެއިންގައި ދެއްކި ވާހަކައަކީ އެޖެންޑާ 19 ގެ ދަށުން ކެމްޕެއިން ކޮށްގެންނޫން ގޮތަކަށް ހޮވިފައިހުރި އެއްވެސް އެމްޑީޕީ މެންބަރެއް މިތާކުނެތް،

އެކަމް ހިތާމައަކީ މިއަދު ދައުލަތުން 23 ހަކަށް މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓުގައިވެސް ހިމެނިގެން އިޒަތްރެރި ރައީސްގެ ސެކިއުރިޓީއަށް ޓަކައިވެސް އަޅުގަނޑުމެން މިއޮތީ ފާސްކޮށްފަ، ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރަށް ޖެއްއްސުންވާގޮތަށް ރިޔާސަތުންވެސް ފުރައްސާރަވާގޮތަށް ކަންކަން ކުރަމުން އަންނަތަން،"

އެފަދަ ކޮންމެ ދުވަހަކުހެން ކުއްލި މައްސަލަ އާއި ގަރާގު ހުށަޅަން އިދިކޮޅު ފަރާތްތަކަށް ރިޔާސަތުން ވަގުތުތީ، އެތައް ވަގުތެއް ރައްޔިތުންނަށާއި، ރައްޔިތުންގެ މަސައްކަތްތަކަށާއި، ރައްޔިތުންނާ ގުޅުން ހުރި ގާނޫނުތައް ހެދުމަށް އެތައް ވަގުތުތަކެއް ބޭކާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

" މިއަދުވެސް މި ތަނުގައި ފުރަތަމަ ކިޔުން އިއްވިގެން މި ދިޔައީ މުހިއްމު މަސައްކަތްތަކެއް، އަޅުގަނޑުމެން ދެކިގެންނުވާނެ، މި އިންނެވި މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު އާދަމް ޝަރީފް މެން ފަދަ ޑިފެންސް މިނިސްޓަރުން އައިސިއްޔާ ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދޭ ގޮތް ހަނދާން އަޅުގަނޑުމެން ނައްތާލައިގެންނުވާނެ، އެއީ އެންމެ ބޮޑީގާޑެއް، އެވެސް ގެއިން

ނިކުމެގެން އެހެން ތަނަކަށް ވަޑައިގަންނަވަންޖެހިއްޖެ ހާލަތެއްގައި، އެކަމަކު މިއަދު ވެސް އިއްޒަތްތެރި ރައީސް ގެ ސެކިއުރިޓީ އަށް ޓަކައި ފަންސާހަކަށް ސެކިއުރިޓީބޮޑީގާޑުން އެބަ ތިބެންޖެހޭ. ހަތަރުފަސް ވެހިކަލް އެބަ އޮންނަންޖެހޭމ"

އަދި ސަރުކާރުގެ ގެ ކޮޅެއް އަރުވަންޖެހޭ ކަމަށާއި، މިއީ މިއަދުގެ ހާލަތް ކަމަށާއި، ނަމަވެސް މާދަމާ ވެސް މި ހާލަތު ބަދަލުވެ، ވެރިކަން ޕީޕީއެމަށް ގޮއްސިއްޔާ، މަޖިލިސް ރައީސްގެ ސެކިއުރިޓީ އެއް ބޮޑީގާޑަށް ބަދަލުވެދާނެތީ ކަންބިޑޫވާ ކަމަށްވެސް ވިދާޅުވިއވެ.

މެންބަރު ޝަހީމުގެ އެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ރައީސްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ގޮތަށް އަދި އެ ކަންކަމަށް ބުރޫއަރާ ގޮތަށް މަޖިލީހުގައި ވާހަކަ ނުދެއްކެވުމަށް ވަރަށް ބޮޑަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް މެންބަރު ޝަހީމް ވިދާޅުވީ، "އަޅުގަނޑު މިއީ މި މަޖިލީހުގައި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރެއް ނޫން، އަޅުގަނޑު އިޓަލީ ބަހަކުންނެއް ނޫން، ދިވެހިބަހުން މި ވާހަކަދައްކަނީ، އަޅުގަނޑު ދެންނެވި، މިތާނގައި މި އިންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު ޑިފެންސް މިނިސްޓަރަކަށް ހުރިއިރު، ކުރީގެ ރައީސުންނަށް ސެކިއުރިޓީދިން ގޮތް، އެންމެ ބޮޑީ ގާޑެއް، އެވެސް ގެއިން ބޭރަށް ނުކުމެގެން ދާނަމަ،: ކަމަށެވެ.

އެހިސާބުން މެންބަރު ޝަހީމްގެ ވާހަކަ ހުއްޓޫވުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، "މެންބަރަށް އެނގިވަޑައިގަންނަވާނެ، މަޖިލީހުގެ ރައީސް މަރާލުމަށް ވަނީ ބޮމެއް، މާލޭ މެދުގައި ގޮއްވާލާފަ، މި ހާލަތުމިހެން އޮތްއިރުގައި ސެކިއުރިޓީގެ ވާހަކަ ދިގުކޮށް ދައްކަވާދެއްކުން އެއީ އަޅު ގަނޑަށް ފެންނަ ގޮތުގައި ވަރަށް ކަންބޮޑުވުން އިތުރުވާ ކަމެއް،" ކަމަށެވެ.