މާލެއިން ގެއްލިގެން ހޯދަމުންދާތާ 12 ދުވަސްފަހުން ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެނުމާ ދޭތެރޭގައި ހިނގި ދުވަސްތަކުގައި ކަންތައްވީ ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:30 ހާއިރުން ފެށިގެން އާސިރު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލްގެ ގޮނޑިއެއްގައި އިންދައެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އާސިރު ގެއްލުނު މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

"މުހައްމަދު އާސިރު އިސްމާއީލް ގެއްލުމަށްފަހު ފެނުމާ ދެމެދު އެވީ ދުވަސްތަކުގައި ކަންތައް ހިނގައިދިޔަ ގޮތް ބެލުމަށް މި ގެންދަނީ ތަހުގީގެއް ހިންގަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު މެންދުރުފަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އާސިރު ފެނުނީ ވީއައިއޭގެ ޓާމިނަލްގެ ތެރެއިން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އާސިރު ފެނުނު ހަބަރު ފުރަތަމަ ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ، އެރޭގެ ވަގުތެއްގައި އާސިރު ފުލުހުންނަށް ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ ފެނުނުތަނެއް މިނިސްޓަރު އިމްރާން އެރޭ ވިދާޅެއް ނުވެއެވެ.

އޭގެ ފަހުން ފުލުހުން ބުނެފައިވަނީ އާސިރު ފެނުނު އިރު، އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް ފުލުހުން ވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ 7:20 ހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އާސިރު އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ސީސީޓީވީން ލިބިފައިވާ ފުޓޭޖުތަކުން އެނަލައިޒްކޮށްގެން ހޯދިފައިވާ ކަމަށާއި ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އާސިރު ހޯދުމަށް އެއާޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ބަލާފައިވާ ކަމަށާއި އަދި އެއާޕޯޓުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.