މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސާބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކް ސަރުކާރުން، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފިއެވެ.
އެެ ބޭފުޅުން ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ރައީސް އޮފީހުގައި މިއަދު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
- މޮންގޯލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގަންބޯލްޑް ޑަމްބަވް
- ފްރާންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް
- ރަޝިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ލިވަން އެސް ޖަގަރްޔަން
- ސާބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސިނިސާ ޕަވިޗް
- ހެލެނިކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ދިމިޓްރިއޮސް އިޔޮއަންނޫ
- ސްލޮވޭނިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަތާޔާ ވޮޑެބްއ ގޯޝް
- ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގެބްރިއެލް ޕީ. ސިނިމްބޯ
- ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެރިކް ވޯލްޝް
އެ ރަސްމިއްޔާތުގައި ސަފީރުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންގެ ތަރައްގީގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާފައިވާ ކަމަށާއި އެކަން ކާމިޔާބުކުރުމުގައި ބައިނަލްއަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި، ޑިމޮކްރަސީ ހަރުދަނާކުރުމާއެކު މޫސުމާ ގުޅޭ ސިޔާސަތުތައް ކުރިއެރުވުމަށް ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައުލޫމާތުވެސް ރައީސް ވަނީ ސަފީރުންނާ ހިއްސާކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ދަތުރުފަތުރު ކުރުމުގައި ލުއިފަސޭވުމަކީ ސަގާފީ ގުޅުންތަކާއި އިގުތިސޯދީ ގުޅުން ބަދަހިކުރުމަށް ހިތްވަރު ލިބި، ސުލްހަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާސިލުވެވޭނެ ފާލަމެއް ކަމަށެވެ. އަދި ރާއްޖެއިން އެހެން ގައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި އެ ގައުމުތަކުންވެސް ދިވެހިންނަށް ދަތުރުފަތުރު ކުރުމުގައި ލުއިގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ގައުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއި އެހެން ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގައި ސަފީރުން އަދާކުރައްވާ މުހިންމު ދައުރުވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު