މޭލޭގެ އެކި ތަންތަނުގައި ހުޅުޖަހަން ހިތްވަރުދިނުމާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި އައްބާސް އާދިލް ރިޒާއަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އައްބާސްގެ މައްޗަށް، ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާކޮށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އައްބާސްގެ މައްޗަށް ދައުވާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު "ކްލަބްހައުސް" ގައި އޭނާ ދެއްކި ވާހަކައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވުމުގެ އިތުރުން ހަމަ އެ މަހުގެ 23 ވަނަ ދުވަހު، އައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އެ ތަނުގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރުމުންނެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ވެއްޖެނަަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.