ޚަބަރު

ޑުރަގް ފަރުވާ ދިނުމުގެ ސިޔާސަތު ބަދަލުކުރަން ގޮވާލައި ގަރާރެއް

އިބްރާހިމް ޒަކީ

މަސްތުވާތަކެއްޗައް ދެވިހިފައިވާ މީހުންނަށް ދޭ ފަރުވާއާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ގޮވާލައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރުގައި ވަނީ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ލަސްނުކޮށް ފަރުވާ ދީ، އެ މީހުން މުޖުތަމައަށް ނެރުމަށް ގައުމީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. ނަމަވެސް އެކަމާބެހޭ ސަރުކާރުގެ ސިޔާސަތުތައް މިހާރު އޮތް ގޮތުން އެކަން ހާސިލުނުވާ ކަމަށްވެސް ގަރާރުގައިވެއެވެ.

އަދި ސަރުކާރުގެ ސިޔާތުތައް މިހާރު އޮތް ގޮތުން، އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވަރާ އެއްގޮތަށް ފަރުވާ ދޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތްތަކުގެ ތެރެއަކު ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ބައިތިއްބައިގެން ފަރުވާ ދޭނެ ދެ މަރުކަޒެއް ހުރި ނަމަވެސް، ފަރުވާ ދޭނޭ މީހެއް ނެތިގެން އެތަންތަނުގެ 50 ޕަސެންޓް ބޭނުން ކުރެވިފައިނުވާ ކަމަށްވެސް ގަރާރުގައިވެއެވެ.

ގަރާރުގައި ބުނެފައިވަނީ، ވަގުތު ބޭކާރުނުކޮށް، އިތުބާރު ހިފޭ ފަރުވާ ދޭ ނިޒާމެއް ގާއިމުކުރުމަށް އަމިއްލަ ފަރާތްތަކަށާއި ބޭރުގެ ތަޖުރިބާކާރުންނަށް އެކަމަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުން، އެކަމުން ސަލާމަތް ކުރެވޭނީ އެ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭނެ ގޮތް ހަމަޖައްސައި، ކޮމިއުނިޓީ ރީ އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގައިކަން ފާހަގަކޮށް، އެކަން ކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

އޭގެ އިތުރުން އެފަދަ މީހުންނަށް ކައުންސެލިން ދޭނެ ރަނގަޅު ހިދުމަތެއް ތައާރަފުކޮށް، އެ ހިދުމަތް އާސަންދައިގެ ތެރޭގައި ހިމަނަންވެސް ގަރާރުގައި ގޮވާލާފައިވެއެވެ.