ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދާ އާޖެންޓީނާގެ ތަރި ލިއޯ މެސީގެ ކޮންޓްރެކްޓް މިއަހަރުގެ މެއިމަހު ހަމަވުމުން ކޮންޓްރެކްޓް އައުކުރުމުގެ ބަދަލުގައި މެސީ ގުޅޭނީ އެމެރިކާގެ އިންޓަރ މަޔާމީއާ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.
މެސީގެ ކޮންޓްރެކްޓް އައުކުރެވޭތޯ ޕީއެސްޖީގެ މެނޭޖްމަންޓުން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އެކަން މިހިސާބަށްވެސް މެސީ އައީ ލަސްކުރަމުންނެވެ. ފަރަންސޭސި ނޫހެއް ކަމުގައިވާ ލެކިޕުން ބުނާގޮތުގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވީމާ ފްރީ އެޖެންޓެއްގެ ގޮތުގައި މެސީ ސޮއިކުރާނީ އިންޓަރ މަޔާމީއަށެވެ. އެ ކުލަބުގެ ވެރިޔަކީ އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްއެވެ. ކޯޗަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ތަރި ފިލް ނެވިލްއެވެ.
މެސީ ގެންދެވޭތޯ އެހެން ބައެއް ކުލަބްތަކުންވެސް މަސައްކަތްކުރާ ކަމަށް އެނގިފައިވެއެވެ. އޭގެތެރޭގައި ސައޫދީ އަރަބިޔާގެ އަލްހިލާ ހިމެނެއެވެ. ލެކިޕުން ބުނާގޮތުގައި މިހުރިހާ ކުލަބްތަކުގެ ތެރެއިން މެސީގެ ސޮއި އަތުލުން އެންމެ ކައިރި ކުލަބަކީ އިންޓަރ މަޔާމީއެވެ. އެއީ ފްލޮރިޑާ ސްޓޭޓްގެ މަޔާމީއަށް ނިސްބަތްވާ ކުލަބެކެވެ.
އެމެރިކާގެ ކުލަބަކަށް ދިއުމަށް މެސީ ވިސްނަނީ އެންމެ ބޮޑު އަގެއް ހުށައަޅާ ކުލަބަކަށް ދިއުމަށްވުރެ ދަރީންގެ ކުރިމަގަށްޓަކައި ކަމަށް އެނގިފައިވެއެވެ. މެސީގެ އަންހެނުންވެސް ބޮޑަށް ބޭނުންވަނީ ކުރިއަަށްއޮތްތަނުގައި އެމެރިކާގައި ދިރިއުޅުމަށެވެ. ކުރީއްސުރެ މިކަމަށް ވިސްނައިގެން މެސީވަނީ މަޔާމީން ގެއެއްވެސް ގަނެފައެވެ. ދޭތެރެޔަކުން އާއިލާއާއެކު މަޔާމީއަށްގޮސް އެތާގައި އޭނާ ދުވަސްތައް ހޭދަކުރާކަމަށްވެސް އެނގިފައިވެއެވެ.