އަންނަ މަހުން ފެށިގެން އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

މިރޭ ބޭއްވި އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަންނަ މަހުން ފެށިގެން އެކުންފުނީގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖް މާޗު އެއް ވަނަ ދުވަހުން ފެށިގެން ކަނޑާލަން ވަނީ ނިންމާފައި. އަދި މާޗު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން ވަނީ ނިންމާފައި،" މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ، ކޮވިޑާ ގުޅިގެން ކަނޑާލާފައިވާ ބައެއް އިނާޔަތްތައްވެސް އަލުން ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ދެމުން އަންނަ ޓިކެޓުގެ އިނާޔަތް އަލުން ދޭން ނިންމަފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާދު އިތުރަށް ވިދާޅުވީ، އެ ބަދަލުތައް ގެންނަނީ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯދައިދީ ގާބިލު މުވައްޒަފުން ކުންފުނީގައި ހަރުލެއްވުމަށް ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކުރި ފަރާތްތަކަށް އެވޯޑް ދީފައެވެ. އަދި އެންމެ މޮޅު މުވައްޒަފުވެސް ހޮވައި، އެވޯޑް ވަނީ ދީފައެވެ.