މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ގޯލާއެކު އެސްޓޮން ވިލާ ބަލިކޮށް، އާސެނަލުން އަނެއްކާވެސް ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ވިލާގެ ދަނޑުގައި މިއަދު ކުޅުނު މެޗުގައި އާސެނަލުން ވިލާ ބަލިކުރީ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުންނެވެ. މޮޅާއެކު އާސެނަލް ތާވަލުގެ އެއްވަނައަށް ޖެހިލީ 23 މެޗުން 54 ޕޮއިންޓާއެކުގައެވެ. މިދިޔަ ހަފުތާގައި އާސެނަލުން ލީގުގައި ކުޅުނު ދެ މެޗުންވެސް އެޓީމަށް މޮޅުވެވިފައިނުވާ އިރު، އެ ނަތީޖާތަކުގެ ފައިދާ ނަގައި މެންޗެސްޓާ ސިޓީން އޮތީ އެއްވަނައަށް ޖެހިލައިފައެވެ. މިއަދު އާސެނަލް މޮޅުވުމާއެކު ސިޓީ އަނެއްކާވެސް ދެވަނައަށް ވެއްޓިފައިވާ އިރު، އެޓީމު ދެވަނަ މަގާމުގައި މިވަގުތު އޮތީ 23 މެޗުން 52 ޕޮއިންޓާއެކުގައެވެ.
މިއަދުގެ މެޗު ރަނގަޅަށް ފަށައި، ވިލާއިން ވަނީ ފަސްވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ވިލާއަށް ލީޑު ނަގައިދިނީ އޮލީ ވޮޓްކިންސްއެވެ. އަރިމަތިން އާސެނަލްގެ ޑިފެންޑަރު ނައްޓުވާލައި، އޭރިއާ ތެރެއިން ފޮނުވާލި ބޯޅައިގައި ވިލާއިން ލީޑު ނެގި ނަމަވެސް، 16 ވަނަ މިނެޓުގައި އާސެނަލް ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުގެ ގޯލު ޖަހައިދިނީ ބުކަޔޯ ސަކާއެވެ.
އާސެނަލުން ނަތީޖާ ހަމަހަމަކޮށް، މެޗު އަނބުރާލަން މަސައްކަތް ކުރަނިކޮށް ވިލާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 31 ވަނަ މިނެޓުގައި ފިލިޕް ކުޓީނިއީ ޖެހި ގޯލަކުންނެވެ. ކުޓީނިއޯ ޖެހި އެ ގޯލަކީ ވިލާއިން ޖެހި ހިތްގައިމު ޓީމު ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ އާސެނަލުން ކުޅުން ރަނގަޅުކޮށް، ކޯނަރެއްގެ އެހީގައި ނަތީޖާ ހަމަހަމަ ކުރިއެވެ. އަރިމަތިން ކޯނަރު ނަގައި މާޓެން އޮޑެގާޑަށް ޖައްސާލި ޕާހުގައި އޭނާ އޭރިއާ ބޭރަށް ކަނޑާލި ބޯޅަ، ބާރު ހަމަލާއެއްގައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައި އާސެނަލަށް ދެވަނަ ގޯލު ޖަހައިދިނީ އެލެކްސެންޑްރާ ޒިންޗެންކޯއެވެ.
މެޗު އެއްވަރުވާން ދަނިކޮށް، އާސެނަލުން ފަހުވަގުތުގައި ދެ ގޯލު ޖަހައި ތިން ޕޮއިންޓް ޔަގީންކުރިއެވެ. 93 ވަނަ މިނެޓުގައި ޖޯޖީނިއޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލަ، ދަނޑީގައި ޖެހިފައި ވިލާގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ގައިގައި ޖެހި ގޯލަށް ވަން އިރު، 98 ވަނަ މިނެޓުގައި އާސެނަލްގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ ބަދަލަކަށް ނުކުތް މާޓިނެލީއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު