ތޫނު އެއްޗެއް ބޭނުންކޮށްގެން އައްޑޫ ސިޓީގައި ރޭ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ އެ މާރާމާރީ ހިންގާފައިވަނީ އައްޑޫ ސިޓީ، ހިތަދޫގައި ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 10:02 ހާއިރު ކަމަށެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް ޒަހަމުވި މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

އެ މާރާމާރީއާ ގުޅިގެން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފައިވެއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރޭ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.