ބީޗް ވޮލީ

ބީޗްވޮލީގެ ރެފްރީ ކަމުގައި ހުސެން އިތުރު ހަރުފަތަކަށް

ބައިނަލްއަގުވާމީ ބީޗް ވޮލީ ރެފްރީ، ހުސައިން މުހައްމަދު (ވޮލީ ހުސެން) ރެފްރީކަމުގެ ގިންތީގައި ދަރަޖައެއް މައްޗަށް ޖެހިލައިފިއެވެ.

ވޮލީބޯޅަ ދުނިޔޭގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ބީޗްވޮލީ ރެފްރީން ގިންތި ކުރުމުގައި ގެންގުޅޭ މިންގަނޑުގައި ރެފްރީންގެ ފެންވަރަށް ބަލައި ގެންނަ ބަދަލުގައި، ހުސެން ވަނީ ސީ ކެޓަރީ ރެފްރީއެއްގެ ގޮތުގައި ލިސްޓް ކުރެވިފައެވެ. މީގެކުރިން އޮތީ ޑީ ކެޓަގަރީގައެވެ. މިފަހަރު އެފްއައިވީބީން އޭވީސީގެ ލަފައަށް ގިންތީގެ ކުރިއެރުން ދީފައިވަނީ ހުސެންނާއެކު އެންމެ ހަތަރު ރެފްރީންނަށެވެ.

ހުސެންނާއެކު، ޑީ ކެޓަގަރީން ސީ ކެޓަގަރީއަށް ޕްރޮމޯޓްވީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރެފްރީ ޚާލިދު އަލްހަންތޫބީ، ގަތަރުގެ އަހުމަދު އަބްދުﷲ އަދި އޮސްޓްރޭލިއާގެ އަންހެން ރެފްރީ ތާނިޔާ ކޮވަލްޑެވެ.

އެފްއައިވީބީން ބީޗްވޮލީ ރެފްރީން ގިންތި ކޮށްފައި އޮންނަނީ ކެންޑިޑޭޓް ލެވަލުން ފެށިގެން ގްރޭޑް ޑީ، ސީ، ބީ އަދި އޭއަށެވެ. ހުސެން، 2012 ވަނަ އަހަރު ރެފްރީކަން ކުރަން ފަށްޓަވައި، ޑީ ކެޓަގަރީއަށް ޕްރޮމޯޓްވީ 2014 ވަނަ އަހަރުއެވެ. ކުރިން ފޯރިއާއެކު ވޮލީބޯޅަ ކުޅުއްވުމަށްފަހު، ހުސެއިން ވޮލީ ރެފްރީއަށް ނުކުންނެވީ އިންޑޯ ރެފްރީއެއްގެ ގޮތުގައެވެ.

މިވަގުތު ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަނަކަށް ހުންނެވި ހުސެން ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ބީޗްވޮލީ އިވެންޓުގެ ރެފްރީންނާ ގުޅޭ ކަންކަމުގެ އެންމެ އިސް ފަރާތަކަށް މަސައްކަތް ކުރައްވައިފައެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ސްރީ ލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ބީޗްވޮލީ މުބާރާތުގައި އިސް ރެފްރީގެ ޒިންމާ އަދާކުރެއްވީ ވެސް ހުސެންނެވެ.