ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީގެ ޕެއާއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.
ރާއްޖޭގެ ޕެއާއިން ކުއާޓާ ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން ޒުވާން ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާގައި ވާދަކޮށްފައެއް ނުވެއެވެ.
ގްރޫޕް ބީގައި ކ. ހުރާގެ ދީމާއާއި އަޒްކާ ކުޅުނު ފަސް މެޗުގެ ތެރެއިން ދެމެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެއީ މޮންގޯލިއާ އަދި ބަހްރެއިނާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އެހެން ނަމަވެސް، ދެން ކުޅުނު މެޗުތައްވެސް ދިޔައީ ގާތްގާތުގައެވެ.
އަޒްކާއާއި ދީމާގެ ޕެއާއިން ހަތް ޕޮއިންޓް ހޯދި އިރު ގްރޫޕްގެ ހަތަރު ވަނައަށް ދިޔަ މޮންގޯލިއާ އާއި ފަސް ވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެހެންނަމަވެސް ރާއްޖެ އެދެޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.
ދީމާއާއި އަޒްކާގެ ޕެއާއިން މިރޭ ގްރޫޕްގެ ފަހު މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި ތައިލޭންޑް ކައިރީގައިވެސް ވަނީ ރަނގަޅު ކުޅުމެއްދައްކައި، ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 7-21 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ބާރެކެވެ. ދެވަނަ ސެޓު ދިޔައީ 11-21 އިންނެވެ.
ގްރޫޕް ބީގައި އެއްވަނަ ތައިލެންޑް ހޯދި އިރު، ދެވަނަ ހޯދީ އިންޑޮނޭޝިއާއެވެ. ގްރޫޕްގެ އެންމެ ފަހަތުގައި އޮތީ ބަހްރެއިނެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް