ދުންޔަވީ ކާރިސާތަކަކީ ކަނޑައެޅިގެން الله ގެ ކޯފާކަމަށް ބުނެ ބައެއް ފަހަރު މީހުން ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އެފަދަ ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމުގައި އަހަރެމެންނަށް ކަނޑަ ނޭޅޭނެ ކަމަށް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ދުންޔަވީ ކާރިސާތަކުން އިބުރަތް ހާސިލުކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ބިންހެލުންތަކާއި ތޫފާނުތަކާއި ކޭތައާއި ރެއާއި ދުވާލާއި އިރާއި ހަނދާއި ފިންޏާއި ހޫނާއި ތަރިތަކާއި ފަލަކުތަކަކީ الله ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެއް ކަމަށާއި އެއީ އެ އިލާހުގެ ތަދުބީރުކުރެއްވުމުގެ ފުރިހަމަކަން ބަޔާންކޮށްދޭ އަލާމާތްތަކެއް ކަމަށެވެ.
އަދި ދުނިޔޭގެ ހަޔާތަކީ އިމްތިހާނުގެ ގޮވައްޗެއް ކަމަށާއި އެ ހަޔާތުގައި الله ތައާލާ ކުރިމަތި ކުރައްވާ ކޮންމެ ކަމަކީ އަޅުތަކުންނަށް އޭގެ ހިކުމަތް ނޭނގުނު ނަމަވެސް, އޭގައި އެކަލާނގެ ދެނެވޮޑިގެންވާ ގިނަގުނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަންތައްތަކެއް ކަމަށް ހުުތުބާގައި ބުންޏެވެ.
ތުރުކީ އަށާއި ސޫރިޔާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި އެތައް ހާސް އާއިލާތަކެއް ބިކަވެ, ހާލުގައި ޖެހިފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, މާތް الله އިންސާނުން ދުނިޔޭގައި ލައްވާފައިވަނީ އެފަދަ ހާދިސާތަކުން އިބުރަތް ލިބިގަނެ, އިންސާނުންގެ ހަޔާތުގެ ދުވަސްތައް الله އަންގަވާފައިވާ ގޮތަށް ހޭދަކުރުމަށް ގިނަގުނަ ފުރުސަތުތައް ފަހި ކޮށްދެއްވުމަށްފަހު ކަމަށެވެ.
އައި ޝައިތާނާގެ ފިޔަވަޅުތަކުގެ ފަހަތުންގޮސް މަގު އޮޅިގެންދާ ހިނދު, އެފަދަ ކަންކަން އިންސާނުންނާ ކުރިމަތިކުރައްވަނީ الله ތައާލާ ލައްވާފައިވާ އިންޒާރެއްގެ ގޮތުގައި ކަމަށާއި އެއީ އަހަރެމެން ތެދުމަގަށް ރުޖޫއަވުމަށްޓަކާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު