ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގެ ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.
އެ އިނާމު ލިބިވަޑައިގެންނެވީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލޭލްވަލަ ވިދާނަގެ ތިލަކަރަތުނައަށެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގައި ތިލަކަރަތުނައަށް އެ އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ތިލަކަރަތުނައަކީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ސީނީއާ ޕްރޮޓޮކޯލް ވަޒީފާ އަދާކުރައްވާ ބޭފުޅުކެވެ. އޭނާ ހައި ކޮމިޝަންގައި މަސައްކަތްކުރައްވާތާ މިހާރު ވަނީ 37 އަހަރުވެފައެވެ.
ހައިކޮމިޝަންގެ ވެލްފެއާ އެސިސްޓެންޓްކަމާއި، ވެލްފެއާ އޮފިސަރުކަމުގެ ވަޒީފާ ތިލަކަރަތުނަ އަދާކުރެއްވި އިރު، ސަރުކާރުން އޭރު ބޭސްފަރުވާއަށް ފޮނުވާ ދިވެހީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވީ ތިލަކަރަތުނައެވެ. އެގޮތުން، ބޭސްފަރުވާއަށް ސްރީލަންކާއަށްދާ ދިވެހީންނާ އެއާޕޯޓާ ހަމައިން ހަވާލުވެވަޑައިގެން، އެމީހުން ތިބެން ހަމަޖައްސާ ތަންތަނަށް ގެންދަވައި، އެމީހުންނަށް ބޭނުންވާ ކަންކަން ހަމަޖައްސަވައިދެއްވައެވެ. އަދި އެމީހުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އެކިއެކި ހޮސްޕިޓަލުތަކަށް ގެންދަވައި، ފަރުވާއާ ބެހޭ އެންމެހައި ކަންކަން ތިލަކަރަތުނަ ބަލަހައްޓަވަމުން ގެންދެވިއެވެ. އޭގެ އިތުރުން، ސްރީލަންކާގައި މަރުވާ ދިވެހީންގެ އާއިލާތަކަށް ބޭނުންވާ ކޮންސިއުލާ އެހީތެރިކަންވެސް ދެއްވަމުން ގެންދަވައެވެ.
އޭގެ އިތުރުން، ލަންކާއަށް ރަސްމީ ދަތުރުފުޅުތަކުގައްޔާއި، އެނޫން ބޭނުންތަކުގައި ޒިޔާރަތްކުރައްވާ ދައުލަތުގެ ގިނަ އަދަދެއްގެ އިސްބޭފުޅުންގެ ޕްރޮޓޮކޯލްވެސް ތިލަކަރަތުނަ ބަލަހައްޓަވަމުން ގެންދަވާފައިވެއެވެ.
ފޮރިން މިނިސްޓްރީން ވަނީ 2010 ވަނަ އަހަރު ތިލަކަރަތުނައަށް "ލޯންގް ސާވިސް އެވޯޑް" ވެސް ދީފައެވެ. އޭނާއަކީ ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން ދަންނަ ބޭފުޅެކެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 86 ބޭފުޅަކަށް މިރޭގެ ޖަލްސާގައި ރައީސް ވަނީ އިނާމު ހަވާލުކޮށްދެއްވައިފައެވެ.